މާލޭ ޓެކްސީ ލައިންގެ އެޕްލިކޭޝަނަށް ހަރަދުވީ ގާތްގަނޑަކަށް 4 މިލިއަން ކަމަށާއި 13 މިލިއަނަކީ ހުރިހާ ހިދުމަތަކަށް ހިނގާނެ ހަރަދު ކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު ބޭއްވި ނުރަސްމީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޓެކްސީ އެޕްލިކޭޝަން ހެދުމަށް 13 މިލިއަން ރުފިޔާ ހަރަދުނުވާ ކަމަށާއި އެއީ އެތަނުން ދޭ ދަތުރުފަތުރުގެ ހުރިހާ ހިދުމަތެއް އެއް ވިއުގައެއްގެ ދަށަށް ގެނައުމުގެ މަޝްރޫއަށް ޖުމްލަ ހޭދަވާނެ ވަރު ކަމަށެވެ. އެއީ މާލެ ޓެކްސީ ލައިންގެ ހިދުމަތާއި، ބަހުގެ ހިދުމަތާއި، އާރުޓީއެލް ފެރީގެ ހިދުމަތާއި އަދި މުދާ އުފުލާ ލަކުޑި ފެރީގެ ހިދުމަތް ކަމަށް މުންދު ވިދާޅުވިއެވެ.
އެހެންކަމުން ހަމައެކަނި ޓެކްސީ އެޕުގެ ހިދުމަތަށް ބަލާއިރު ހޭދަވަނީ 4 މިލިއަނެއްހާ ރުފިޔާ ކަމަށް މުންދު ވިދާޅުވިއެވެ. އާރުޓީއެލް ފެރީގެ ނިޒާމަށް ވެސް އެ މަޝްރޫއުގެ ދަށުން ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ އެގޮތުން ދަތުރުކުރާ މިސްރާބު އެނގޭ ގޮތް ހެދުމާއި ދަތުރާ އެއްވަރުގެ އުޖޫރައެއް ނެގުމާއި ގަޑިއަށް ދަތުރުނުކުރާކަމުގެ ޝަކުވާތަކަށް އެ މަޝްރޫއުގެ ދަށުން ހައްލުތައް ގެންނާނެ ކަމަށެވެ.
މުންދު ވިދާޅުވީ އެންމެ ފުރަތަމަ އާއްމުންނާ ހަމައަށް ނެރެފައިވަނީ ޓެކްސީ ލައިންގެ އެޕްލިކޭޝަން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ދަތުރުފަތުރުގެ ހުރިހާ ވަސީލަތްތައް އޮންލައިންކޮށް އެނގޭނެ ގޮތް ހަދާނެ ކަމަށެވެ.
ބިޑުނުކޮށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުން މުންދު ވިދާޅުވީ މާލިއްޔަތު ގާނޫނުގެ ދަށުން ބިޑުނުކޮށް ވެސް މަޝްރޫއުތައް ހަވާލުކުރެވޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.

