އެމްޓީސީސީގެ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބޭނުންކުރާ ޑްރެޖަރު މަހާޖައްރާފަށް ވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ގެނެސްދޭ ”ނޭޝަންސް ޗެޓް“ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، އެމްޓީސީސީއަށް ބޭރު ފައިސާ ލިބޭނެ ގޮތްތައް ބޭނުންވާ ކަމަށާއި އެކަމަށް މަގުފަހިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެމްޓީސީސީގެ ގާބިލުކަން އިތުރުކުރަންޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ކުންފުނީގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށާއި ބިން ހިއްކުމުގެ މަޝްރޫއުތަކަށް މިހާރު އޮތް މަހާޖައްރާފުގެ ތިން ގުނަ ބޮޑު ހޮޕާ ސަކްޝަން ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މިހާރު އެމްޓީސީސީގައި އޮތް މަހާޖައްރާފާގެ ތިން ގުނަ ބޮޑު ޖައްރާފާއެއް މިހާރު އިރާދަކުރެއްވިއްޔާ އެވަނީ ސެކިއާ ކުރެވިފައި. އުންމީދުކުރަނީ މި އަހަރު ނިމެންވާއިރަށް ރާއްޖެއަށް ގެނެވޭނެ ކަމުގައި.“
މާ ލަސްތަކެއް ނުވެ އެ ކުންފުނީގެ މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލަ އާއި ބޭރުން ގެންނަން ޖެހޭ އެއްޗެހި ގެނެސް ދެން ފެންނާނީ އެ މަޝްރޫއުތައް ހިނގައިގަންނަތަން ކަމަށް ވިދާޅުވިއެވެ. އެގޮތުން ވަރަށް ގިނަ ރަށްރަށުގައި ހުރި ބަނދަރު ހެދުމާއި ބޮޑުހިލަ ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކާއި ތޮށިލާން ހުރި ތަންތަނުގެ މަސައްކަތްތަކާއި ރަށް ގިރުމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޓީސީސީއަށް ސަރުކާރުން ހަރަދުކުރާ ފައިސާގެ އިތުރުން ވެސް ކުންފުނީގެ އަމިއްލަ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޓީސީސީއަށް އެންމެ ފުރަތަމަ ގެނައި ޑްރެޖަރު ”މަހާޖައްރާފު“ ބަނުމުގެ މަސައްކަތް ނިންމާ، އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ. އެ އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުރެއެވެ. އަދި އެބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެއެވެ. އެ ފަހުން ވެސް އެމްޓީސީސީއަށް ވަނީ އިތުރު ބޮޑު ޑްރެޖަރުތަކެއް ގެނެސްފައެވެ.

