ވޯލްޑު ބެންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައިވާ ނައިބު ރައީސް މާޓިން ރައިސަރ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް ޒިޔާރަތް ކުރައްފައިވިއެވެ.
ރައިސަރ، ރައީސް ސާލިހުގެ އަރިހައް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި ރައީސް ސާލިހުވަނީ ވޯލްޑު ބެންކުން ރާއްޖެއަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ސާލިހާއި ރައިސަރ ވަނީ ރާއްޖެ އަދި ވޯލްޑު ބެންކު ދެމެދު ގާއިމު ކުރެވިފައިވާ ބިނާ ކުރަނިވި ގުޅުމުގެ މައްޗަށް އަލި އަޅުއްވާފައެވެ.
ރައީސް ސާލިހުވަނީ މި ބައްދަލުވުމުގައި، ވޯލްޑު ބެންކުގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެޅިފައިވާ އިގްތިސާދީ ފިޔަވަޅުތަކާއި މެދުވެސް ވާހަކަދައްކަވާފައެވެ. ރައިސަރ ވިދާޅުވެފައިވާގޮތުން އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ އުނދަގޫ ނަމަވެސް ރަނގަޅު ނިންމުންތަކެކެވެ. އަދި އެނާ އެކަމަށް ތައުރީފު ކުރައްވާފައިވާކަމަށް ރައީސް އޮފީހުންވަނީ ފާހަގަކޮށްފައެވެ.
ރައީސް ސާލިހުގެ ސަރުކާރުގެ އިގްތިސާދީ ނިންމުންތަކުގެ ރަނގަޅު ނަތީޖާތައް ފެނިގެންދިއުމަށް އެދިލައްވާކަމަށް ފާހަގަކުރައްވާ ރައިސަރ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ވޯލްޑް ބޭންކުން އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށެވެ.
ރައިސަރވަނީ މި ބައްދަލުވުމުގައި ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވަރކްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފްރޭމްވޯކްގައި މައިގަނޑު އަމާޒު ހިފާފައިވާ ތިން ދާއިރާއަކީ އިޤްތިޞާދީ ވިލުންތެރިކަމާއި، އިޤްތިޞާދު ކުރިއެރުވުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އިންސާނީ ވަޞީލަތް ބިނާކުރުކަން އެނާ ފާހަގަކުރެއްވިއެވެ.

