ބައިނަލްއަގްވާމީ މުބާރާތަކުން އޭނާއަށް 4 ވަނަ ލިބުމަކީ ދިވެހިރާއްޖެއަށް ލިބޭ ފަހުރެއްކަމަށާއި، ނަމަވެސް މިކަމަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމަށް ރާއްޖޭގެ މޮޓޯ ރޭސިންގ އެސޯސިއޭޝަންގެ ރައީސް އަލީ އައިމަން ވިދާޅުވެއްޖެއެވެ.
ތައިލެންޑްގެ ޑްރެގް އެވެނިއުގައި ޑިސެމްބަރު މަހުގެ 3 އިން 4 އަށް ކުރިއަށް ގެންދިޔަ މުބާރާތުން 4 ވަނަ ހޯއްދެވުމަށްފަހު އައިމަން މާލެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. އާއިލާއާއި ރަށްޓެހިންގެ ފަރާތުން އައިމަން އަށް ވަނީ މާފަތީގެ މަރުހަބާއެއް ކިޔާފައެވެ. އަދި އައިމަން ހޯދި ކާމިޔާބީ ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
އެއަށްފަހު ”ސަންގަށް“ ދެއްވި އިންޓަވިއުގައި އައިމަން ވިދާޅުވީ ދުނިޔޭގެ ބޮޑެތި އެތައް ގައުމަކުން ބައިވެރިވީ ރޭހަކުން އޭނާއަށް 4 ވަނަ ލިބުމަކީ ދިވެހިރާއްޖެއަށް ފަހުރެއްކަމަށެވެ. އިންޑޮނޭޝިއާ، މެލޭޝިޔާ، ފިލިޕީންސް، ތައިލެންޑް ފަދަ ގައުމުތަކުން ބައިވެރިވީ މި މުބާރާތުން އޭނާއަސް ލިބުން ކާމިޔާބީ އައިމަން ސިފަކުރީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ.
އިންޑޮނޭޝިއާ، މެލޭޝިޔާ، ފިލިޕީންސް، ތައިލެންޑް މިވަރުގެ ރޭހަކުން އަޅުގަނޑުމެންނަށް 4 ވަނަ ލިބުމަކީ އެއީ ހަމަ ވަރަށް ބޮޑު ކުރިއެރުމެއް
މިކަމުގައި ރަށްޓެހިންގެ ފަރާތުން ލިބުން އެއްބާރުލުން އައިމަން ފާހަގަކުރެއްވިއެވެ. އަދި މޯލްޑިސް މޮޓޯ ރޭސިން އެސޯސިއޭޝަން އާއި ޑްރިފްޓް އެސޯސިއޭޝަންއަށް އައިމަން ޝުކުރު އަދާކުރެއްވިއެވެ.
މިއީ ވަރަށް ބޮޑެތި ހަރަދުތަކެއްދާ ”އަގުބޮޑު“ ކުޅިވަރެއްގެ ގޮތުގައި ފާހަގަކޮށް އައިމަން ވިދާޅުވީ، ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް ބައެއްގެ އެހީއެއް އަދި އެއްބަރުލުމެއްވެސް ނުލިބޭކަމަށެވެ. މުބާރާތަށް ފުރުމުގެ ކުރިން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފާއި ބައްދަލުކުރުމަށް ކުރި މަސައްކަތްވެސް ކާމިޔާބުވާ ގޮތްނުވިކަމަށާއި، އަދި އެއްވެސް ޖަވާބެއްވެސް ނުލިބުންކަމަށް އައިމަން ވިދާޅުވިއެވެ.
ފުރުމުގެ ކުރިން އަޅުގަނޑު ޔޫތް މިނިސްޓަރ މެސެޖު އަޅުގަނޑު ޕާސަނަލީ ކުރިން، އެކަމަކު އަޅުގަނޑަކަށް އެއްވެސް ޖަވާބެއް ލިބޭ ގޮތެއް ނުވި
އައިމަން ވިދާޅުވީ މިކަމާއި ގުޅިގެން ސަރުކާރާއި ވާހަކަދައްކަމުންދާތާ ގިނަ ދުވަސްތަކެއްވެއްޖެކަމަށާއި ނަމަވެސް އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބޭކަމަށެވެ.
ދިވެހި ރާއްޖެއަކީ ނިސްބަތުން އާބާދީ މަދު ގައުމެއްކަން ފާހަގަކުރައްވާ އައިމަން ވިދާޅުވީ ބިމުގެ ދަތިކަންވެސް އެބައޮތްކަމަށެވެ. އެހެންކަމުން މި ކުޅިވަރަށް ހާއްސަކޮށް ވަކި ބިމެއް ނުލިބިދާނެކަމަށް ގަބޫލުކުރައްވަންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ކުޅިވަރުގެ ގިނަ ހަރަކާތްތަކަށް މާ ބޮޑު ޖާގައެއް ބޭނުންނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އައިމަން ވިދާޅުވީ މި ކުޅިވަރަށް ހާއްސަކޮށް ރާއްޖޭގައި ތިން އެސޯސިއޭޝަން އޮތްއިރު، ދެ ފަރާތް އެކުގައި ވާހަކަދައްކައިގެން ސަރުކާރަށް މިކަމަށް ފުރުސަތުދެވެން އެބައޮތްކަމަށެވެ.
މީގެ އިތުރުން އައިމަން ވަނީ ވަކި ކުޅިވަރަކަށް އިސްކަން ނުދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
ރޭސިން މި ކުޅިވަރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައިމަން ވިދާޅުވީ މިކަމުގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށްވެސް އެބަ އޮތްކަމަށެވެ. އެސޯސިއޭޝަންތަކާއި ގުޅިގެން ކުޅިވަރުގައި ބައިވެރިވުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް އައިމަން ވިދާޅުވިއެވެ.

