ރާއްޖެއަށް ކުނި އިމްޕޯޓު ކުރެވޭ ގާނޫނެއް ފާސްކުރުމުގެ ސަބަބުން، ބަައިނަލްއަގުވާމީ މައިދާނުތަކުގައި ދިވެހިރާއްޖެއިން މޫސޫމީ ބަދަލުތަކާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކުގެ އިތުބާރު ގެއްލެމުންދާކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފިއެވެ.
ދިވެހިރާއްޖެ ދުނިޔޭގެ ކުނިގޮނޑަށް ނެހެދުމަށް އިލްތިމާސްކޮށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާކަމަށްވާ ހިއުމަން ރައިޓްޗް ވޮޗްއިން ބުނެފައިވާގޮތުން، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ދާދި ފަހުން ކުނި މެނޭޖު ކުރުމުގެ ބިލެއް ތަސްދީގު ކުރައްވާފައެވެ.
ހިއުމަން ރައިޓްސް އިން ބުނެފައިވާގޮތުން ރައީސް ސާލިހު ތަސްދީގު ކުރެއްވި ބިލާއިމެދު ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ. އެގޮތުން ސިއްހީ ހައްގުތަކާއި، ސިއްހީ ގޮތުން ރައްކައުތެރި މާހައުލެއްގައި ދިރިއުޅުމުގެ ހައްގާއިމެދު ކަންބޮޑުވާކަމަށް ބުނެފައިވެއެވެ.
އެ ޖަމިއްޔާއިން ބުނެފައިވާގޮތުން، އަލަށް ތަސްދީގު ކުރައްވާފައިވާ ބިލުގެ 44 ވަނަ މާއްދާއިންވަނީ، ދިވެހިރާއްޖެއަށް ކުނި އިމްޕޯޓު ކުރުމުގެ މަގު ފަހި ކުރެވިފައިކަމަށެވެ. އަދި އެކަން ކުރެވިފައިވަނީ އާންމުންގެ ހިޔާލު ހޯދުމެއް ނެތިކަމަށާއި، ތިމާވެށި ރައްކައުތެރި ކުރުމަށް ގޮވާލާ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ދިވެހިރާއްޖެއަށް އެއްވެސް ޒާތެއްގެ ކުނި އެތެރެ ކުރުމުން މަނާ ކުރުމަށް ގޮވާލާފައިކަމަށްވެސް ބުނެފައިވެއެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވާގޮތުން ތިމާވެށި ރައްކައުތެރި ކުރުމުގެ މަސައްކަތްތައް ކުރައްވާ ފަރާތްތަކުންވަނީ މި ބިލު ތަސްދީގު ނުކުރެއްވުމަށް ރައީސް ސާލިހަށް އިލްތިމާސް ކުރައްވާފައެވެ. އެހެން ނަމަވެސް ސަރުކާރުންވަނީ ހަކަތަ އުފެއްދުމުގައި ކުނި ބުނި މުހިންމު ރޯލެއް އަދާ ކުރާކަމަށް ފާހަގަކޮށް އެ ފިޔަވަޅު އެކަށީގެންވާކަމަށް ދައްކުވައިދިނުމަށް މަސައްކަތް ކޮއްފައިކަމަށް އެ ޖަމިއްޔާއިން ފާހަގަކޮއްފައިވެއެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވާގޮތުން، ކުނި އެންދުމުން އަރާ ދުމުގެ ސަބަބުން ނުރައްކާތެރި މާއްދާތައް އުފެދިގެން އެކަމުގެ ނުރައްކާ ރައްޔިތުންނަށް ކުރުމުގެ ފުރުސަތު އޮންނަކަމަށެވެ. އަދި ރާއްޖެއަކީ އަމިއްލައަށް އެކުލަވާލާފައިވާ ތިމާވެށީގެ ގަވައިދުތަކަމަށް ހުރުމަތްތެރިކޮއް ނުހިތުމުގެ ތާރީހެއް އޮންނަ ގައުމެއް ކަމަށާއި ކުނި އެންދުމުގެ ސަބަބުން ވައިގެ ތެރެއަށް ދޫވެގެންދާ މާއްދާތައް މޮނީޓާރކޮއް، އެކަމުގެ ސަބަބުން ތިމާވެށި އަދި އިންސާނުންނަށް ލިބިގެންދާ ގެއްލުންތައް އެކަށީގެންވާ މިންވަރަކަށް ކުޑަ ކުރެވޭކަން ކަށަވަރު ނުކުރާކަމަށް ބުނެފައިވެއެވެ.
އެ ޖަމައްޔާއިން ބުނެފައިވާގޮތުން، ކުނި އެތެރެ ކުރުމަކީ ޕްލާސްޓިކު ވޭސްޓު މެނޭޖުމެންޓުގެ ބައިނަލްއަގުވާމީ މިނގަނޑުތަކާއި ހިލާފަށް ކުރެވޭ ކަމެއް ކަމަށެވެ. އެގޮތުން ޔޫރަޕިއަން ޔުނިއަނުން މަސައްކަތްކުރަމުންދަނީ ޕްލާސްޓިކު ކުނި އެކްސްޕޯޓު ކުރުން މަނާ ކުރުމައް ކަމަށާއި ދިމާވާ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން އެންމެ ގިނަ ޕްލާސްޓިކު ކުނި އެތެރެ ކުރަމުންދިޔަ ގައުމުކަމަށްވާ ޗައިނާއިންވަނީ 2018 ވަނަ އަހަރުން ފެށިގެން އެގައުމަށް ކުނި އެތެރެ ކުރުން ހުއްޓާލާފައިކަމަށް ބުނެފައިވެއެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވާގޮތުން، ތައިލަންޑުންވެސް މިހާރު މިސްރާބު ޖަހާފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ޕްލާސްޓިކު އިމްޕޯޓު ކުރުން ހުއްޓުމާއި ދިމާލައްކަމަށެވެ. އަދި ދިވެހިރާއްޖެއިން ސޮއި ކޮއްފައިވާ މުއާހަދާތަކުގައިވެސް ކުނި އެންދުން ފަދަ ކަންކަމާއިމެދު ކަންބޮޑުވުން ފާޅުކޮއްފައިވާނެކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައިވާގޮތުން، ދިވެހިރާއްޖެއަކީ ޖެނުއަރީ 2023 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގައުމެކެވެ. އަދި ރާއްޖެއިންވަނީ މޫސުމީ ބަދަލުތަކާއި ގުޅޭ މައްސަލަތަކަށް އަހައްމިޔަތުކަން ދިނުމަށް ވައުދުވެފައިކަމަށާއި، ހޫނުވެގެންދާ މިންވަރު އިތުރުވުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތައް ކުރާނެކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެފައިވާކަމަށްވެސް ބުނެފައިވެވެ.
އެހެންކަމުން ކުނި އިމްޕޯޓު ކުރެވޭނެ ގޮތަށް ގާނޫނެއް ފާސްކުރުމުން ދައްކަމުންދާ ވާހަކަތަކުގެ އިތުބާރު ގެއްލި ދާކަމަށާއި، ރައީސް ސާލިހު ވިސްނަވަންވީ ޒީރޯ ވޭސްޓު ސޮލިއުޝަންސްގެ މައްޗަށްކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކޮއްފައިވެއެވެ.

