ރ އަލިފުށީ އެއަރޕޯޓު ޓާމިނަލްގެ މަސައްކަތްތައް ނިމުމުން، އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރު އާ ޒަމާނަކަށް އަލިވިލިގެންދާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރ އަލިފުށި އެއަރޕޯޓު ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 5 ވަނަ ދުވަގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ، މަސައްކަތްތައް ހަވާލު ކުރެވިފައިވާ ކުންފުނިކަމަށްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، މަޖިލީހުގެ އަލިފުށި ދާއިރާ މެމްބަރު މުހައްމަދު ރަޝީދު އަދި އެ ރަށު ކައުންސިލުގެ ރައީސްގެ އިތުރުން އެމްޓީސީސީގެ އިސްވެރިންނެވެ.
އާދަމް ވިދާޅުވެފައިވާގޮތުން، އެއަރޕޯޓުގެ ޓާމިނަލް ނިމުމުން، އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ އިތުރުން ވަޑާން ކުރުމާއި ބޯޓުޔާޑުގެ ވިޔަފާރިވެސް އިތުރަށް ފުޅާވެގެންދާނެކަމަށެވެ. އަދި އިގްތިސާދީ މިސްރާބު ބަދަލުވެގެންދާނެކަމަށް ބުނެފައިވެއެވެ. އާދަމް ވިދާޅުވީ، އެ ސަރަހައްދުގައި އާ ރިސޯޓުތައް އުފެދި ގެސްޓްހައުސް ވިޔަފާރިވެސް އިތުރަށް ފުޅާވެގެންދާނެކަމަށެވެ.
އެނާ ވިދާޅުވީ، އެ އެއަރޕޯޓުން ފުރައިގެން ވިއްސަކަށް މިނެޓުގެ ތެރޭގައި ކައިރީގައި އޮތް ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމާއި ކޮމަންޑޫއަށްވެސް ދަތުރު ކުރުމުގެ ފުރަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
އެނާ ވަނީ ބިންހިއްކުމުގެ މަޝްރޫޢޫއަށްވެސް އަލިއަޅުއްވާފައެވެ. އެގޮތުން އެ ރަށުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 50.5 ހެކްޓަރު އިތުރު ކުރެވި އެ ރަށުގެ ބޮޑުމިން ދެގުނަވެގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.

