ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫން ލަންކާގެ ރައީސްއާ ބައްދަލު ކުރައްވައިފި

ރައީސް މައުމޫން ލަންކާގެ ރައީސްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް، ރަނިލް ވިކްރަމަ ސިންހައާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ސްރީލަންކާގެ ރައީސްގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި އެގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ދުވަސްވަރު ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއާ މެދު ގެންގުޅުއްވި ގާތް ރަޙްމަތްތެރިކަމުގެ ހަރުދަނާ ސިޔާސަތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މައުމޫން އެންމެ ފުރަތަމަ ރައީސް ވިކްރަމަ ސިންހައާ ބައްދަލުވެޑައިގެންނެވި ހަނދުމަފުޅު އާކުރައްވައި، ރައީސް ވިކްރަމަ ސިންހައާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ 1984 ވަނަ އަހަރު ރައީސް މައުމޫން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށް ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް، ވިކްރަމަސިންހަގެ ވާހަކަފުޅުގައި، ސްރީލަންކާއަށް ކުރިމަތިލާންޖެހުނު ދަތި އުނދަގޫ ޙާލަތުގައި ދިވެހިރާއްޖޭގެ ފަރާތުން އަބަދުވެސް ސްރީލަންކާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ސްރީލަންކާ ސަރުކާރުންދޭ އެންމެ މަތީ ޝަރަފު ކަމަށްވާ [މިތުރަ ވިބޫޝަނަ އެވޯޑް] އެ ޤައުމުން ވަނީ 2008 ވަނަ އަހަރު ރައީސް މައުމޫނަށް އަރުވާފައެވެ.

ރައީސް މައުމޫން މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ސްރީލަންކާގައެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އަރިހުގައި، އެމަނިކުފާނުގެ ދަރިކަލުން، އަދި އެމްއާރުއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: