އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ކުޅުމަކީ މި ގައުމުގެ އިސްލާމީވަންތަކަމާއި ކުޅުންކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ”ހޯޕް ކޮންފަރެންސް 2023“ ނިންމާލުމުގެ ގޮތުން ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ”ދުއްޕާން“ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ދިވެހި ގައުމަށް ޖެހިފައިވާ ދުއްޕާނުން ސަލާމަތް ވެވޭނީ ވަރަށް ވަރުގަދަ އަޒުމަކާއިއެކު ނިކުމެ މަސައްކަތްކޮށްގެންކަމަށެވެ. އަދި ޕޯޑިއަމްތަކުގައި ވާހަކަދައްކައިގެން މި ދުއްޕާނުން ސަލާމަތް ނުވެވޭނެކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.
މި ގައުމުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދަށާއި، މިނިވަންކަމާއި، ގައުމުގެ ސިޔާދަތާއި ދީނަށްވެސް މި ދުއްޕާން ޖެހިފައިވާކަމަށް ތުހުމަތުކޮށް އަބްދުރަހީމް ވިދާޅުވީ، މި ދުއްޕާނުން ސަލާމަތްވެވޭނެ ހަމައެކަނި މަގަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްފަހުކަމަށެވެ.
އަޅުގަނޑުމެންގެ މި ހޯޕް ކޮންފަރެންސްގެ ސަބަބުން މިި ސަރުކާރަކަށް ހަޖަމެއް ނުވި. ހަޖަމް ނުވަންޏާ ނުވާންވީ. ވަންޏާ ވާންވީ. މިކަން ދާނީ ކުރިއަށް. މިކަމެއް ދެނެއް ނުހުއްޓޭނެ. މި މަސައްކަތް ނިންމާނީ ރައީސް ޔާމީން ވެރިކަމުގެ ގޮނޑީގައި ބައިންދާފަ. ހަޖަމް ނުވާ މީހުން ފައިބައިގެން ރައްކާވާންވީ.
އަބްދުލްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިން ކުރަމުން އެ ގެންދާ މަސައްކަތް ނިންމާލާނީ ރައީސް ޔާމީން ވެރިކަމަށް ގެނައިސްކަމަށެވެ.
ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ”ބުންވަރު ހިނގާލުން“ އާއި ގުޅިގެން އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވަނީ ޕީޕީއެމްގެ އަސްލު ފެނިއްޖެކަމަށާއި، އަދި ޕީޕީއެމްއިން މަސައްކަތްކުރަނީ ރައީސް ޔާމީން މިނިވަންކުރުމަށް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމްގައި ތިއްބެވި ބޭފުޅުން މަސައްކަތްކުރައްވަނީ އެހެން މަގްސަދެއްގައިކަމަށް އިމްރާން ވިދާޅުވިއެވެ. މި ވާހަކަތަކަށް ރައްދުދެއްވާ އަބްދުލްރަހީމް ވިދާޅުވީ ޕީޕީއެމްގެ މަސައްކަތްތައް ނިމި، ޕާޓީގެ އަސްލު ފެންނަ އިރު އިމްރާން ހުންނަވާނީ ޖަލުގައިކަމަށެވެ. އަދި އިމްރާން އަކީ ދިވެހި ގައުމަށް ޢައްދާރުވެފައިވާ ބޭފުޅެއްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.
ޕީޕިއެމްގެ މެންބަރުން ތިއްބެވީ ރިޔާސީ ޓިކެޓުގެ ބޭނުމުގައިކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ އަބްދުލްރަހީމް ވިދާޅުވީ، އެ ބޭނުމުގައި ތިއްބެވިކަމަށް ބުނާ މެންބަރުންވެސް ގޮވަމުންދަނީ ރައީސް ޔާމީންގެ ނަންފުޅުކަމަށެވެ.
މީގެ އިތުރުން އަބްދުލްރަހީމް ވިދާޅުވީ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް މި ގައުމު ގެއްދާތަން ބަލަން އެބޭފުޅުން ނުތިބޭނެކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ އިން ނިކުމެ އިންޑިއާގެ ސިފައިން މި ގައުމުން ބޭރުކުރާނެކަމަށް އިބްދުލްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން އާއި ކުޅުމަކީ ގައުމުގެ މިނިވަންކަމާއި، ގައުމުގެ މުސްތަގުބަލާއި އަދި ގައުމުގެ އިސްލާމީވަންތަކަމާއި ކުޅުންކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ، ރައީސް ޔާމީން އާއި ވާދަކުރެވޭނެ ވަރުގެ ވެރިއެއް ގައުމުގައި ނެތްކަމަށެވެ. އަދި ވިދާޅުވީ އިންސާފުވެރި އިންތިހާބަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ގޮތުގެ ފޯމިއުލާ އޮތީ ޕީޕީއެމްގެ އަތުގައިކަމަށެވެ. އަދި އަބްދުލްރަހީމް އެދިލެއްވީ ގަދަ ބަސް ނުބުނުމަށެވެ.


2 Responses
މި ކަދުރޭ މިހިރީ ބޯގޮވާފަ ރަގަޅުވާނީ އަދިވެސް ޓީނު ……
މިކަހަލަ ތަންދޮރު ނޭނގޭ މީހުން ކިޔާ އެއްޗެހި ޝާއިރު ކުރުމުގެ ކުރިން ރަނގަޅަށް ވިސްނާލާ