ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ބާރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް ސާލިހްއަށް ކޯލިޝަން ހެދުމުގެ ބާރު ދިނުމަށް ނިންމީ ރޭ ބޭއްވި ޤައުމީ މަޖިލީހުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީގެ ފަރާތުން ރޭ އިއްޒުއްދީން ސްކޫލްގައި ބޭއްވުނު ގައުމީ މަޖިލީހުގައި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ އެއްވެސް މެމްބަރެއް ބައިވެރިވެފައެއް ނުވެއެވެ.
ރޭ ކުރިއަށްދިޔަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް ސާލިހް އަށް ދިނުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހްގެ ކެމްޕޭން މެނޭޖަރުކަން ކުރެއްވި ކިނބިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނާޝިޒް އެވެ.
ނާޝިޒް ހުށަހެޅި ގަރާރު ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓުންނެވެ.
ގަރާރު ހުށަހަޅަމުން ނާޝިޒް ވިދާޅުވެފައިވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށްފަހު އިންތިހާބު ނިމުމާ ހަމައަށް ޕާޓީގެ އެންމެ އިސް ފަރާތަކަށް ވާނީ ރިޔާސީ ކެންޑިޑޭޓް ކަމަށް އެމްޑީޕީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެހެން ފަރާތްތަކާ ގުޅުމަކީ މުހިއްމު ކަމެއް ކަމަށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ފެނިއްޖެ ނަމަ ކޯލިޝަނެއް ކުލަވާލުމަށް މަގުފަހިވާ ގޮތަށް ޕާޓީގެ އެންމެ އިސް ފަރާތަށް އެ އިހްތިޔާރާއި ބާރު ލިބިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށް ނާޝިޒް ވިދާޅުވި އެވެ.
ނާޝިޒް ހުށަހެޅުއްވި ގަރާރުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، އެއް ޕާޓީއަކުން އެކަނި ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރެވުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމެއް ކަން ވަނީ ފާހަގަކޮށްފައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ކޯލިޝަނަކާ އެކުގައި ކަމަށް ވަނީ ބުނެފައެވެ.
މިދައުރަކީ ވެރިކަމުގައި ކޯލިޝަނެއް ދެމެހެއްޓުނު ހަމައެކަނި ދައުރުކަމަށާއި ކޯލިޝަނެއްގެ ތެރެއިން އިންތިހާބަކަށް ކުރިމަތިލައިގެން ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކަމަށް ނާޝިޒްގެ ގަރާރުގައި ވަނީ ބުނެފައެވެ. އެހެންކަމުން އިއްތިހާދުގެ ސަރުކާރެއްގެ ސަބަބުން ގައުމުގެ ހަމަޖެހުން ދެމިއޮތުމަށް މަގުފަހިވެގެންދާކަން ރައީސް ސާލިހްގެ މި ރިޔާސީ ދައުރުގައި އެނގިގެން ގޮސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ނާޝިޒް ހުށަހެޅި ގަރާރަށް ބަހުސްކުރުމަށް ހުޅުވާލުމުން، ރަައީސްގެ ނިންމެވުންތައް ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށް އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ގަރާރަށް އިސްލާހެއް ހުށަހެޅުއްވި އެވެ. ގައުމީ މަޖިލީހުން ނާޝިޒްގެ ގަރާރު ފާސްކުރީ އަންވަރުގެ އިސްލާހު ވެސް ހިމަނައިގެންނެވެ.
ރައީސް ސާލިހްގެ ވިސްނުންފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ކޯލިޝަނަކާއެކު ވާދަކޮށް ވެރިކަމަށް ވަޑައިގަތުންކަމަށް މީގެކުރިން ވަނީ ހާމަކުރައްވާފައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރުވެސް ރައީސް ސާލިހު ވިދާޅުވެފައިވަނީ އެމްޑީޕީއަށް އަނެއްކާވެސް ވެރިކަން ލިބޭނީ ކޯލިޝަން ހަދައިގެންކަމަށެވެ.

