މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތުކަމަށް ވިދާޅުވި ފުރިހަމަ ލާމަރުކަޒީ ނިޒާމު ދައުރު ނިމެން ގާތްވިއިރުވެސް ފުރިހަމަކޮށްދެވިފައިވާނުވާކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނައި އިޞްލާޙުތަކާއެކު، ކައުންސިލުތަކަށް، ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްގީއަށް މަސައްކަތްކުރުމަށް ލިބިގެންދިޔަ ބާރާއި ފަހިވެފައިވާ ފުރުޞަތުތައް މި ސަރުކާރުން އަބަދުވެސް ފާހަގަކުރައްވައެވެ. އަދި ކައުންސިލުތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ލާމަރުކަޒީ އުޞޫލުން ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރާއިރު ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށްވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.
ނަމަވެސް ވަހީދު ވިދާޅުވެފައިވާ ގޮތުގައި ދައުރު ނިމެން ގާތްވީއިރުވެސް ރުކަޒީ ބާރުވެރިކަން އިތުރަށް ބޮޑުކޮށް ސަރުކާރުގެ މުށުތެރެއަށް ޖަމާކުރުން ނޫންކަމެއް ނުކުރައްވައެވެ.
ރ.ސޯލިހުގެ އެންމެ ބޮޑު އެއް ސިޔާސަތުކަމަށް ވިދާޅުވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރުން. އެހެނަސް ދައުރު ނިމޭންދާއިރުވެސް، މަރުކަޒީ ބާރުވެރިކަން އިތުރަށް ބޮޑުކޮށް ސަރުކާރުގެ މުށުތެރެއަށް ޖަމާކުރުން ނޫންކަމެއް ނުކުރައްވާ. ރ.ސޯލިހަކީ ޗޮއިސްއެއް ނޫން.
— Waddey (@waddey_) April 1, 2023
ވަހީދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ޗޮއިސް އެއް ނޫންކަމަށެވެ. ތަފާތު އެކި ފުރުސަތުތަކުގައި ރައީސް ސާލިހަށް ފާޑު ވިދާޅުވާ ވަހީދަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ، ރައީސް ނަޝީދު ކުރިއަށްގެންދަވާ ”ފިކުރެއްގެ ދިރުން“ ހަރަކާތުގެ މެންބަރެކެވެ.
މީގެ ކުރިން ވަހީދު ވަނީ ކޯލިޝަން ނުހިފެހެއްޓެވުނު ތަނުގައި އެމްޑީޕީވެސް އެކުވެރިކޮށް ބަދަހިކޮށް ރައީސް ސާލިހަށް ނުހިފެހެއްޓެވުނުކަމަށްވެސް ވިދާޅުވެފައެވެ. އަދި ރައީސް ސާލިހަށް ޕާޓީ އޮފީހަކަށް ވަދެނުލެވުނުކަމަށާއި ގައުމީ މަޖިލިސް ޖަލްސާތަކުގައިވެސް ބައިވެރިވެވަޑާއިނުގަންނަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސާލިހު ހުންނެވީ އެމްޑީޕީ އާއްމު މެމްބަރުން ވިއްސި ވިހާލިވާން ދޫކޮށްލައިގެންކަމަށް ވަހީދު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

