ކައުންސިލްތައް ބާރުވެރި ކުރުމާއި ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ބާރުވެރިކުރުމަށް އޮޑިޓިން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މިކަމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލުތައް ބާރުވެރިކުރުމަށްޓަކައި، އިސްކަމެއް ދީގެން ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި އިސްކަންދެނީ މައިގަނޑު ދެކަމަކަށް ކަމަށާއި އެއީ ރަށް ރަށުގެ އިންޓާރނަލް އޮޑިޓިން ހަރުދަނާ ކުރުމާއި އަދި އޮޑިޓު ކުރުމަށް ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް އެބޭފުޅުންނަށް ބޭނުންވާ ތަމްރީނުތައް ދިނުން ކަމަށެވެ. އަދި ސަރުކާރުގެ މައި އޮޑިޓު އޮފީހާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި 200 އަށް ވުރެ ގިނަ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހުންނަ ކަމަށާއި އެހެންކަމުން އޮޑިޓް އޮފީހަށް މިކަން ކުރުމަށް އެއްކޮށް ބަރޯސާ ވެއްޖެނަމަ ކޮންމެ އަހަރަކު އެކަން ކުރުމަކީ ނާދިރު ކަމަކަށް ވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަސައްކަތް ކުރުމަށް ކޮންމެ އަތޮޅެއްގައި އޮޑިޓް ޓީމް ތަކެއް ނުވަތަ ޔުނިޓް ތަކެއް ގާއިމް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން އޮޑިޓް ތަމްރީނު ތަކަކީ އެމްކިއުއޭ އިން ބަލައިގަންނަ ފެންވަރުގައި ހިންގޭ ތަމްރީނުތަކަކަށް ވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

