ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ފިޔަ ކޮށާލައި، ދައުލަތް ހިންގުން 20 އަހަރު ފަހަތަށް!

ރައީސް ޑރ. މުއިއްޒު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުން --
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަމުގައި ސަރުކާރުގެ އެންމެހާ ބާރުތަކާއި މާލީ ވަސީލަތްތައް މާލެއަށް އެކަނި މަރުކަޒުވެފައި އޮތުމުގެ ސަބަބުން، އަތޮޅުތަކުގެ ރަށްރަށަށް ތަރައްގީއާއި އަސާސީ ހިދުމަތްތައް ލިބުމުގައި ބޮޑެތި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހި، ރަށްރަށުގެ ނިންމުންތައް އަމިއްލައަށް ނިންމުމުގެ އިޚްތިޔާރު ރައްޔިތުންނަށް ގެއްލިގެންދިޔައެވެ. އެ އެކަހެރިކަމާއި އިދާރީ ހުރަސްތަކުގެ ސަބަބުން އުފެދުނު ހިތްހަމަނުޖެހުންތަކާއެކު، މުޅިން އާ ގާނޫނުއަސާސީއެއް އެކުލަވާލީ، ރަށްރަށުގެ ކަންކަން ހިންގުމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އިތުރުކޮށް، މާލީ އަދި އިދާރީ ބާރުވެރިކަން އަތޮޅުތަކަށް ފޯރުކޮށްދީ، ރައްޔިތުން އިންތިހާބުކުރާ ކައުންސިލްތަކެއް މެދުވެރިކޮށް އަމިއްލަ ރަށުގެ ތަރައްގީގެ މުސްތަގުބަލު ބައްޓަންކުރުމުގެ ފުރުސަތު ހޯދުމަށް ވެސް ދިވެހި ރައްޔިތުން ބޭނުންވެގެންނެވެ.

އެ ފެހި ގާނޫނުއަސާސީގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ގުޅޭ ހާއްސަ ބާބެއް ހިމެނިއިރު، އެ ލާމަރުކަޒި ނިޒާމުގެ ތެރެއިން، މާލޭ ސިޓީގެ މޭޔަރުކަމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެން، ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރައްވާނެ ކަމަށް ވިދާޅުވި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ނިޒާމުގެ މާ ބޮޑު ބޭނުމެއް މިހާރު ފެނިވަޑައިގަންނަވާހެން ހިއެއް ނުވެއެވެ. ރައްޔިތުން ދެއްވާފައިވާ މަޖިލީހުގެ ސުޕަމެޖޯރިޓީއަކީ އަމިއްލަފުޅު ވިސްނުމާ އެއްގޮތަށް މުޅި ދައުލަތުގެ އޮނިގަނޑު މޮޑެ، ބައްޓަންކުރުމަށް ދިން ހުއްދައެއްގެ ގޮތުގައި ދެކިވަޑައިގެން، ލާމަރުކަޒީ ނިޒާމުގެ ފިޔައަކަށް ފަހު ފިޔައެއް ކޮށާލައްވައި ބާރުތައް މަރުކަޒުކުރަމުން ގެންދަވަނީ މީގެ 18 އަހަރު ކުރިން ރައްޔިތުން ބަދަލުކުރި ވެރިކަމާ އެއް ސިފައަކަށެވެ.

ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ފުރަތަމަ ވެސް ލޯކަލް ގަވަމެންޓް މިނިސްޓްރީއެއް އުފެއްދެވީ މީގެ ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި އޮތް އެޓޯލްސް މިނިސްޓްރީއާ އެއް ސިފައެއްގައެވެ. އެ މިނިސްޓްރީ މިހާރު އުވާލާފައިވާނަމަވެސް، އެމަނިކުފާނުގެ ވިސްނުންފުޅު ހުންނެވި ގޮތުގެ މިސާލަކަށް އެކަން ވެގެންދިޔައިރު، ދެ އަހަރާއި ބައިގެ ތެރޭގައި ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކަށް ބަލާއިރު އެކަން ވެގެން ދިޔައީ ވަރަށް ކުޑަ މިންވަރަކަށެވެ. ލާމަރުކަޒުކުރި ހިދުމަތްތަކާއި ބާރުތައް މަރުކަޒުކުރުމުގެ ފެށުމަކަށެވެ.

މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ދިން އެންމެ ފުރަތަމަ ބޮޑު ހަމަލާއަކީ ސުޕަމެޖޯރިޓީގެ ބޭނުން ހިފައި ގާނޫނުއަސާސީ އިސްލާހުކޮށް، އަތޮޅު ކައުންސިލުތައް އުވާލައި، 21 އިދާރީ ދާއިރާ، 184 ބަޔަށް ފޮތިފޮތިކޮށްލުމެވެ. އެ އަތޮޅެއްގެ ރަށު ކައުންސިލުތަކުގެ ރައީސުންގެ މައްޗަށް އެކުލެވޭ ގޮތަށް އޮތް އަތޮޅު ކައުންސިލުތައް އުވާލައި އެ އަތޮޅެއްގެ ގުދުރަތީ ވަސީލަތްތަކާއި އިގްތިސާދީ މުސްތަގުބަލު ބައްޓަންކުރައްވާނެ ގޮތް އެނގޭނީ މައި ސަރުކާރަށް ކަމަށް ގާނޫނީ ބަދަލަކުން ރައްޔިތުންނަށް ނުސީދާކޮށް އެންގެވިއެވެ. އަދި 2000 އިން ދަށުގެ އާބާދީއެއް އޮންނަ ރަށްރަށަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު ފަހަކުން ތިނަކަށް ބަދަލުކޮށް، 2000 އިން މަތީގެ އާބާދީއެއް އޮންނަ ރަށްރަށަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރިއެވެ.

އަތޮޅުތަކުގެ ތަރައްގީގެ ކަންކަމުގައި އެ އަތޮޅުގެ މީހުން އެއް ވިސްނުމެއްގައި ކުރަމުން އައި ވަކާލާތުގެ އަޑު ވުޖޫދުން ފޮހެލުމަށްފަހު، ކޮންމެ ރަށަކުން އެ މީހުންގެ ތަރައްގީގެ ކަންކަމުގައި މާލޭ ސަރުކާރުގައި ދަންނަވަން މަޖުބޫރުކުރުވީއެވެ. ރައްޔިތުންގެ ތަފާތު ޚިޔާލުތަކާއި އެކި ފިކުރުތައް ތަމްސީލުވުމުގެ ފުރުސަތު ކުޑަވެ، ނިންމުންތައް ނިންމުމުގައި މަދު ބައެއްގެ މައްޗަށް ބަރޯސާވާންޖެހޭ ގޮތަށް ކައުންސަރުންގެ އަދަދު ބަދަލުކުރީއެވެ.

އަތޮޅު ކައުންސިލްތައް އުވުމާއެކު، އޭގެ ބަދަލުގައި އުފައްދަން ނިންމާފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އެޓޯލްސް މިނިސްޓްރީގެ ދަށުން ކޮންމެ އަތޮޅެއްގައި ހިންގަމުން އައި އަތޮޅު އޮފީސް ފަދަ އޮފީސްތަކެކެވެ. އެލްޖީއޭގެ ދަށުން އެ އޮފީސްތައް ހަދަން ނިންމާފައިވާއިރު، އޮފީސްތަކަށް ނަން ދޭނެ ގޮތުގެ މިސާލު އެލްޖީއޭއަށް އެންގެވީ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އާއިޝަތު އިކުރާމް ސޮއިކުރައްވައި ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުވި ސިޓީއަކުންނެވެ. އެ ސިޓީގައި ވަނީ އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އޭގެ އިތުރުން، އަތޮޅު ކައުންސިލުތަކުގައި މަސައްކަތްކުރި މުވައްޒަފުން ސަރުކާރުގެ ކޮންޓްރޯލު އޮންނަ ގޮތަށް އުފައްދާ އެލްޖީއޭގެ އޮފީސްތަކަށް ބަދަލުކުރާ ގޮތަށް ހަމަޖެއްސިއެވެ.

އެކަން އެގޮތަށް އޮއްވައި، މާލޭގެ މާރުކޭޓު ކޮމްޕްލެކްސް އަޅަން ހަމަޖެއްސި ބިން، ސިޓީ ކައުންސިލުން އަމިއްލަ ބަޔަކަށް ދޫކޮށްފައި އޮއްވާ އެ ބިމުގައި މަޝްރޫއު ހިންގަން ސަރުކާރުން ބަޔަކާ ހަވާލުކުރުމުން ފެށުނީ ސަރުކާރާއި މާލޭ ސިޓީ ކައުންސިލުގެ ދެބަސްވުމެކެވެ. އެ މައްސަލައިގައި އެންމެ ފަހުން ކައުންސިލުން ގޮތް ދޫކޮށްފައިވާ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ދެން ބޭނުންކުރެއްވީ، ސަރުކާރުން ހިންގާ މަޝްރޫއަކަށް ކައުންސިލެއްގެ އިހްތިސާސްގައިވާ ބިމެއް ބޭނުންވެއްޖެނަމަ، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އެ ބިންތައް އަތުލުމުގެ ބާރު މައި ސަރުކާރަށް ލިބޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުކުރުމަށެވެ. ސަރުކާރުގެ ބޮލުގައި ނޭޅުވޭ ގޮތަށް، އަމިއްލަ މެމްބަރަކު ލައްވައި އެ އިސްލާހު ހުށަހެޅުއްވިނަމަވެސް، އެއަށް ވަކާލާތުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެކްޓިވިސްޓުންނެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ތެރެއިން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ރައީސް މުއިއްޒު އެ އިސްލާހު ތަސްދީގުކުރައްވާފައިވާއިރު، ސަރުކާރުން ހިންގާ މަޝްރޫއުތަކާ އެއްވެސް ކައުންސިލަރަކު ދެކޮޅު ހެދުމަކީ އެ ގާނޫނުގެ ދަށުން މިހާރު މަނާ ކަމެކެވެ. އެގޮތުން ކައުންސިލްގެ މެމްބަރުންގެ މަސައްކަތުގައި ގެންގުޅެންޖެހޭ ސުލޫކާ ބެހޭ މާއްދާއަށް އަކުރެއް އިތުރުކޮށް، ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ކައުންސިލަރުންގެ މަސައްކަތުގެ ސުލޫކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވަނީ ހަދައިފައެވެ. ކައުންސިލުގެ މެމްބަރުން ކޮށްގެން ނުވާނެ ކަންކަން ބަޔާންކުރާ މާއްދާއަށް ވެސް އިސްލާހު ގެނެސްފައިވާއިރު، ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

މޭރަރު ކަމުގައި ހުންނެވި އިރު އެމްޑީޕީ ސަރުކާރުން ކައުންސިލަށް މަޝްރޫއުތަކަށް ހުރަސްއަޅާ ކަމަށް ތުހުމަތުކުރެއްވި ރައީސް މުއިއްޒުގެ ވިސްނުންފުޅު މިހާރު ހުންނެ ގޮތުން ނަމަ މޭޔަރުންނާއި ކައުންސިލަރުންގެ އަމިއްލަ ޒަމީރު ގަބޫލުނުކުރިޔަސް، މައި ސަރުކާރަށް ތަބާވާން ޖެހެއެވެ. އެ ބޭފުޅުންގެ ވިސްނުމާއި ފިކުރު ވެސް ހުންނަންވާނީ މައި ސަރުކާރާ އެއްގޮތަށެވެ. އެއާ ހިލާފުވެއްޖެނަމަ ސަރުކާރުގެ ކޮންޓްރޯލު އޮންނަ އެލްޖީއޭ މެދުވެރިކޮށް ރައްޔިތުން އިންތިހާބުކޮށްފައިވާ އެ މޭޔަރަށް ނުވަތަ ކައުންސިލަރަށް ފިޔަވަޅު އެޅިގެންދާނެއެވެ.

އެ އިސްލާހު ތަސްދީގުކުރެއްވުމާއެކު މައި ސަރުކާރުގެ ބާރު ހިނގާ އެލްޖީއޭއިން ވަނީ ސެޕްޓެމްބަރު އެއްވަނަ ދުވަހު ރާއްޖޭގެ ހުރިޙާ ކައުންސިލުތަކަށް މުވައްޒަފުން ނެގުމުގެ ކޮންޓްރޯލު ވެސް އަތުލައިފައެވެ. އެގޮތުން އެލްޖީއޭއިން ކައުންސިލުތަކަށް ފޮނުވި ސިޓީގައި އަންގާފައިވަނީ ކައުންސިލުތަކުން އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން އެއްވެސް މުވައްޒަަފަކު އެއްވެސް ކައުންސިލަކުން ނަގައިގެން ނުވާނެ ކަމަށެވެ. އެކަން ކޮށްފައިވަނީ ދައުލަތުގެ ހަރަދުކުޑަކުރުމުގެ ފިޔަވަޅެއްގެ ނަމުގައެވެ.

މީގެ އިތުރުން، މިހާރު ތަސްދީގުކޮށްފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގައި އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލަށް ލާމަރުކަޒީ އުސޫލުން ހިންގުމަށް ހުރަސްއެޅޭ ފަދަ ހާއްސަ ބާބެއް ހިމަނާފައިވެއެވެ. މާލޭ ސަރަހައްދަށް ހިނގާ ހާއްސަ އުސޫލުތައް ބަޔާންކުރާ އެ އާ ގާނޫނުގެ އަށް ވަނަ ބާބުގެ ދަށުން މާލޭގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ 2029ގެ ނިޔަލަށް ވަނީ ސިޓީ ކައުންސިލްގެ އަތުން ވަކިކޮށްފައެވެ. އެ ހާއްސަ ބާބުގެ ދަށުން އަލަށް އުފައްދާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް އާ އެ މަސައްކަތްތައް ހަވާލުކުރާއިރު، މީގެ ކުރިން ކައުންސިލަށް ލިބެމުން އައި އަހަރަކު 125 މިލިއަން ރުފިޔާގެ ވެހިކަލް ފީ ދެން ޖަމާވާނީ ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓާ ފަންޑަކަށެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާ ގޮތުގައި، ވެހިކަލް ފީގެ ގޮތުގައި ލިބޭ ފައިސާއަކީ މާލޭގެ މަގުތައް މަރާމާތުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، ވިއްސާރަވެ ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމަށާއި، ޑިޒާސްޓަރ ފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ ފައިސާއެވެ. އަދި މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން ފަދަ އިޖުތިމާއީ އެތައް މުހިންމު ހިދުމަތްތަކަކަށް ވެސް އެ ފައިސާ ބޭނުންކުރަމުން އައި ނަމަވެސް، ރައީސް މުއިއްޒު މޭޔަރުކަން ކުރެއްވި މާލޭ ސިޓީ ކައުންސިލު މާލީ ގޮތުން ބަލިކަށިކޮށްލާފައި މިވަނީ އެމަނިކުފާނުގެ ރައީސްކަމުގައެވެ.

ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުތަކުން ވެސް ހުރަސްއެޅާފައިވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅުއްވަމުން ގެންދެވީ މަޑުމަޑުން ބާރުތައް އެއްކުރައްވައިި، މީގެ 20 އަހަރު ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތެރެއިން ހުރިހާ ކަމެއް ކުރެއްވި ގޮތަށް ނިޒާމު ބައްޓަންކުރެއްވުމަށެވެ. ހުރިހާ ކަމަކަށް ވެސް ރައީސްގެ އަރިހަަށް ރައްޔިތުން ދާން ޖެހޭ ގޮތަށް ހެދުމަށެވެ.

މިފަދަ ބޮޑެތި ނިޒާމީ ބަދަލުތަކަކީ ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި ރައްޔިތުންގެ ހިޔާލު ހޯދާ ކަންކަމަށް ވާއިރު، ލާމަރުކަޒީ ނިޒާމުގެ ސިފަތައް ގެއްލޭ ގޮތަށް ގާނޫނަކަށް ފަހު ގާނޫނެއް ބަދަލުކުރަމުން ދަނީ އެކަމުގައި ރައްޔިތުންގެ ހިޔާލު ހުރި ނެތް ގޮތެއް ބެލުމެއް ނެތިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: