ސިޔާސީ ބޭނުން ހާސިލްކުރުމަށް ދައްކަވަން ޖެހުނު ކޮންމެ ވާހަކައެއްވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާނެކަމަށް އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ހަމީދު ވިދާޅުވީ ސިޔާސީ ބޭފުޅުންނަކީ ހާލަތާއި ގުޅޭ ގޮތަށް، އެބޭފުޅުންނަށް މަގު ފަހިވާނެ ގޮތަށް ވާހަކަ ބައްޓަންކުރައްވާ ބައެއްކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީގެ ތާރީހުގައި ކަން ހިނގައި ދިޔަ ގޮތް އެނގޭކަމަށެވެ.
އޭނާ އަލިއަޅުއްވާލެއްވީ 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކަން ހިނގައި ދިޔަ ގޮތަށެވެ. އޭރު ރައީސް ނަޝީދުވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކާއިއެކުގައިކަމަށާއި، ނަމަވެސް ރައީސް ނަޝީދު ކޯލިޝަން ހެދުމާއި ދެކޮޅަށް ވާހަކަދައްކަވާކަން އޭނާ ފާހަގަކުރެއްވިއެވެ. ކޯލިޝަން އެއް ދިވެހިރާއްޖޭގައި ނުހިނގާނެކަމަށް ވިދާޅުވެ، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހެއްދެވި ކޯލިޝަން ރޫޅާލުމަށްވެސް ރައީސް ނަޝީދު މަސައްކަތްކުރެއްވިކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.
އިބްރާހީމް މުހައްމަދު ސާލިހާއި އެއްކޮށް އޮތް ކޯލިޝަން އާލީ ސްޓޭޖުގައި، މަޖިލީސް އިންތިހާބުގެ ތެރޭގައިވެސް ރޫޅާލުމަށް ރައީސް ނަޝީދު ވަރަށް މަސައްކަތްކުރެއްވި. ދެން އެކަން ކޮންމެސް ވަރަކަށް ކާމިޔާބުވެސް ކުރެއްވި. އޭރުގައި ކޯލިޝަން އެގްރީމެންޓުގައި އޮތް ގޮތަށް ދާއިރާތައް ބަހާލެވިގެންނެއް ނޫން ކުރިމަތިލާން ޖެހުނީ.
އެ މަސައްކަތް ކޮންމެސް ވަރަކަށް ރައީސް ނަޝީދު ކާމިޔާބުވެސް ކުރެއްވިކަމަށާއި، މަޖިލީސް އިންތިހާބުގައި ވާދަކުރިއިރު އެކަން ހިނގައިދިޔައީ ކޯލިޝަން އެއްބަސްވުމުގައި އޮތް ގޮތަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ހަމީދު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަކީ އެއިރެއްގައި އެމަނިކުފާނުގެ ސިޔާސީ ވިސްނުން ނުވަތަ ސިޔާސީ ބޭނުން ފުރިހަމަކުރުމަށްޓަކައި ދައްކަން ޖެހުނު ކޮންމެ ވާހަކައެއްވެސް ވަރަށް ސާބިތުކަންމަތީގައި ދައްކަވާ ބޭފުޅެކެވެ.
މީގެ އިތުރުން ރައީސް ސާލިހަށް މިހާރު އޮތް ކޯލިޝަނާއިއެކު ދައުރު ނިންމާލެވިދާނެތޯ އުފައްދާ ސުވާލަށް ޖަވާބުދެއްވަމުން އަލީ ހަމީދު ވިދާޅުވީ، އަދިވެސް ކޯލިޝަން އެބަ އޮތްކަމަށާއި، އެގޮތުން ކޯލިޝަނުގައި އަދާލަތު ޕާޓީ އެބަ އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ހަމީދު ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީއިން ކެނޑިޑޭޓެއް ނެރިފައިވާތީ އެންމެ ރަނގަޅު ގޮތަކީ ޖުމްހޫރީ ޕާޓީ އަމިއްލައަށް ކޯލިޝަނުން ވަކިވުންކަމަށެވެ. ދެ މަސައްކަތެއް ކުރައްވަން މަސައްކަތްކުރާ ދެ ބަޔަކަށް އެކުގައި މަސައްކަތްނުކުރެވޭނެކަމަށް އަލީ ހަމީދު ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކިވުމުން ލިބޭ ގެއްލުން ފޫބެއްދުމުގެ ފުރުސަތު ރައީސް ސާލިހަށް ލިބޭނެކަމަށާއި، އެހެންކަމުން އެއްވެސް ބައެއްގެ ދެމެދުގައި ހިތްހަމަނުޖެހުމެއް އޮންނާނެކަމަށް ގަބޫލުނުކުރައްވަންކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ރައީސް ސާލިހަކީ ޗޮއިސްއެއް ނޫންކަމަށް ބުނާތީ އެވާހަކަތަކަށް ރައްދުދެއްވާ އަލީ ހަމީދު ވިދާޅުވީ ސިޔާސީ ބޭފުޅަކަށް ރައީސް ސާލިހަކީ ޗޮއިސްއެއް ނޫންކަމަށް ބުނަން ވަރަށް ފަސޭހަވާނެކަމަށާއި، ނަމަވެސް އާންމު ރައްޔިތުންނަށް 5 އަހަރުން 1 ފަހަރު އިންތިހާބަކާއި ކުރިމަތިލާއިރު އެހާ ފަސޭހައިން އެހެން ނުބުނެވޭނެކަމަށެވެ. މުޅި ސިޔާސީ މަޝްރަހަށް ބަޅާއިރު ރައީސް ސާލިހަކީ ހުރި ހަމައެކަނި ޗޮއިސްކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.

