ޖުލައި 23 ގެ ކުރިން އިދިކޮޅުގެ ރިޔާސި ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތްކަމަކަން ނުދެންނެވޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން އަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އިދިކޮޅުގެ ރިޔަސީ ކެނޑިޑޭޓުގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅުއްވާ، ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނިކޮށެވެ. އެހެންކަމުން މި ވަގުތު ސިޔާސީ މަޝްރަހުގައި އެންމެ ގަދަޔަށް ކުރެވެމުންދާ ބަހުސްއަކީ ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެކަމާއިމެދު ކުރަމުންދާ ބަހުސްއެވެ.
މިކަމާއި ގުޅޭ ގޮތުން ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ މި ބަހުސް ކުރަން އަދި އަވަސްކަމަށާއި، ރިޔާސި އިންތިހާބަށް އެޕްލިކޭޝަން ހުށައެޅުމަށް ހުޅުވާލާނީ ޖުލައި 2023 ގައިކަމަށާއި، އެހެންކަމުން އަދި 3 މަސް ދުވަސް އެބަ އޮތްކަމަށެވެ.
ފުއާދު ވިދާޅުވީ ރައީސް ޔާމީންއަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް މިހާރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ފޯމު ހުށައެޅުމަށް ހުޅުވާލާއިރު ހާލަތު ބަދަލުވެފައި އޮތުމަކީ އެކަށީގެންވާކަމެއްކަމަށެވެ. މި މައްސަލައިގައި ހައި ކޯޓުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް ސްޕްރީމް ކޯޓަށް ދިއުމުގެ ޖާގަ އެބަ އޮތްކަމަށް ފުއާދު ވިދާޅުވިއެވެ. އެހެން ކަންތައްވެއްޖެނަމަ ސްޕްރީމް ކޯޓުން ނިންމާނެ ނިންމުންވެސް އަދި ނޭނގޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީންއަށް ފުރުސަތެއް ނެތްކަމަށް އަދި ނުނިންމޭނެކަމަށް ވިދާޅުވެ، ރައީސް ޔާމީންއަކީ ކުށެއް ނުކުރައްވާ ބޭފުޅެއްނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދޭހަވާފަދަ މޭރުމަކުން ފުއާދު ވާހަކަދެއްކެވިއެވެ.
ވަކި ގޮތަކަށް ނިމެންދެން އަދި މިވަގުތު ފުރުސަތު ނެތެކޭއެއް އަޅުގަނޑެއް ނުބުނާނަމޭ.
ފުއާދު ވިދާޅުވީ މީގެ ކުރީގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި ހުކުމެއްގައި ހުންނެވި ބައެއް ބޭފުޅުންނަށް ވާދަކުރުމުގެ ފުރުސަތު ލިބިފައިވާކަމަށާއި، އެހެންކަމުން ސްޕްރީމް ކޯޓުން ނިންމާނެ ނިންމުމެއް އަދި ނޭނގޭކަމަށެވެ. ނިހާއީ ހުކުމެއް އަންނަންދެން ފުރުސަތު އޮންނާނެކަމަށް މީގެ ކުރިން ސްޕްރީމު ކޯޓުން ނިންމާފައި އެބަހުރިކަމަށް ތަކުރާރުކޮށް ފުއާދު ފާހަގަކުރެއްވިއެވެ.
އީސީގެ ފަރާތުން ރައީސް ޔާމީންގެ ކެނޑިޑޭސީ ބަލާގަތުމާއިމެދު ގޮތެއް ނިންމާނީ ހަމައެކަނި އޭނާ ނޫންކަމަށް ފާހަގަކޮށް ފުއާދު ވިދާޅުވީ ރައީސް ޔާމީންގެ ކެނޑިޑޭސީ ބަލާގަތުމާއިމެދު ވަކި ގޮތެއް ނިންމާނީ ކޮމިޝަނުގެ 5 މެންބަރުންގެ މަޝްވަރާއަށްފަހުކަމަށެވެ. އަދި އެ ނިންމުން ނިންމާނީ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ފުއާދު ވިދާޅުވިއެވެ.
ޖުލައި 23 ގެ ކުރިން ވަކި ބޭފުޅަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތްކަމަށް ނުދެންނެވޭނެކަމަށާއި، އަދި ހަމައެއާއިއެކު އެހާ ހިސާބަށް ދާންވާއިރަށް މިހާރު ފުރުސަތު އޮތް ބޭފުޅަކަށް ފުރުސަތު ގެއްލިފައި އޮތުމަކީވެސް ވެދާނެކަމެެއްގެ ގޮތުގައި ފުއާދު ވިދާޅުވިއެވެ.

