ސަރުކާރުން އުސޫލުތަކަށް ބަދަލު ގެންނަނީ ކަންކަން ބެލުމަށްފަހުގައިކަމަށާއި، މުޒާހަރާއެއްކޮށް ބަޔަކު އަޑުއުފުލުމުން ނޫންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަރު އަލީ ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހަށް އެޑިއުކޭޝަން މިނިސްޓަރު ހާޒިރުކޮށްފައިވާއިރު، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ސަރުކާރުގެ ސިޔާސަތުތައް އެހާ އަވަހަށް ބަދަލުވާ ސަބަބާއި ގުޅިގެން މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.
އެގޮތުން އާޒިމް އޭނާގެ ސުވާލުގައި އެޑިއުކޭޝަން ދާއިރާގައިވެސް ޕޮލިސީތަކެއް ހުންނާނެކަމަށް ފާހަގަކޮށް ވިދާޅުވީ އެހެން ނަމަވެސް މި ސަރުކާރުގައި ވަރަށް އަވަހަށް ސްޓޭޑް ބަދަލުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. ބަޔަކު ނިކުމެ މުޒާހަރާއެއްކުރުމުން ނުވަތަ، ނޫހެއްގައި ލިއުމުން ސަރުކާރުގެ އުސޫލުތަކާއި ހަމަތައް ފުދޭ ވަރަކަށް އަވަހަށް މި ސަރުކާރުން ބަދަލުކުރާކަމަށް އާޒިމް ވިދާޅުވިއެވެ.
އެޑިއުކޭޝަންގެ ދާއިރާގައިވެސް މިހެން ކަންވާކަމަށާއި، ބަޔަކު ނިކުމެ ވާހަކައެއް ދައްކާލާއިރަށް ޕޮލިސީ ބަދަލުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ، ޕޮލިސީތަކަށް ބަދަލު ގެނައުމުގައި މަރުހަލާތަކެއް ހުންނަކަމަށެވެ.
އަނެހެން މުޒާހަރާއެއްކޮށްލާއިރަށް، އަޅުގަނޑުމެން އުސޫލުތަކަށް ބަދަލެއް ނުގެންނަން.
އެގޮތުން އުސޫލެއްގައި މައްސަލައެއް ހުރިކަމަށް ފާހަގަވެއްޖެނަމަ، މިނިސްޓްރީގެ ޓެކްނިކަލް ކޮމިޓީއިން އެކަމާއި ގުޅޭ ކަންކަން ބަލާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއަށްފަހު އުސޫލަކަށް ބަދަލެއް ގެންނަ ޖެހޭ ހާލަތެއް އޮވެއްޖެނަމަ، އެ ބަދަލު ގެންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހަމަ މުޒާހަރާއެއްކޮށްލާއިރަށް އުސޫލުތަކަށް ބަދަލެއް ނުގެންނަކަމަށާއި، މި ފަހުން އުސޫލުތައް ބަދަލުވެގެން ދިޔައީ ތައުލީމްގެ ގާނޫނާއި ގުޅިގެންކަމަށެވެ.

