ސުކޫލުތަކަށް ހިލޭ އެހީ އަދި ސްޕޮންސަރުގެ ދަށުން ލިބޭ ފައިސާއިން ހަރަދު ކުރުން ކުޑަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ސުކޫލުތަކަށް ފޮނުވި ސިޓީއެއްގައި ބުނީ، އެކި މުނާސަބަތުތައް ފާހަަގަކުރުމަށް ސުކޫލުތަކުން، ޕީޓީއޭ މެދުވެރިކޮށާއި ހިލޭ އެހީ އަދި ސްޕޮންސަރުގެ ގޮތުގައި ހޯދައި ހަރަދު ކުރާކަން އެ މިނިސްޓްރީއަށްވަނީ ފާހަގަކުރެވިފައެވެ. އަދި ސުކޫލުތަކުގައި ފާހަގަކުރާ މުނާސަބަތުތަކަށް ބެލެނިވެރިން މެދުވެރިކޮށާއި ހިލޭ އެހީ އަދި ސްޕޮންސަރުގެ ގޮތުގައި ހޯދާ ފައިސާއިން ހަރަދު ކުޑަ ކުރުމަކީ އެ މަނިސްޓްރީއިން ތަރުހީބު ދޭ ކަމެއް ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެޑިއުކޭޝަނުން ބުނެފައިވާގޮތުން މި ދުވަސްވަރަކީ، މުޅި ދުނިޔެއަށްވެސް އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅަކަށްވުމުން، ކުދިންނާއި ބެލެނިވެރިންނަށްވެސް އިގްތިސާދުކުރަން ބާރު އަޅަންޖެހެއެވެ. އަދި ހަރަދު ކުޑަ ކުރުމާއި އިސްރާފް ކުޑަ ކުރުމުގެ ނަމޫނާއެއް ތައުލީމީ ނިޒާމުގެ ތެރެއިން ދެއްކިދާނެކަމަށާއި އެހެންކަމުން ދުވަސްތައް ފާހަގަކުރުމަށް ހަދިޔާ ބަދަލު ކުރުން އަދި ހަފްލާތަކަށް ހަރަދު ކުރުން ފަދަ ކަންކަން ނުކުރުމަށް އިލްތިމާޒް ކުރާކަމަށް އެޑިއުކޭޝަންގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެޑިއުކޭޝަނުން ބުނެފައިވާގޮތުން ހަފްލާތައް ބޭއްވުމަށް ކުރާ ހަރަދުތަކުގެ ސަބަބުން، ކުދިންގެ ތެރޭގައި ދަރަޖަކުރުން ފަދަ ކަންކަން ފެންމަތިވެގެންދެއެވެ. އަދި މުޖުތަމައުގެ ތެރޭގައި ތައުލީމީ ނިޒާމާއި މެދު ދެކޭ ގޮތަށް ނުރަނގަޅު އަސަރުތަކެއް ކުރާކަަމަށްވެސް އިޝާރާތްކޮށްފައިވެއެވެ.

