1440 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން މައްކާ ހޮޓަލަށް ކުރި ހަރަދުތަކުގެ ޖުމްލައަކީ 34.5 މިލިއަން ރުފިޔާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކުރެއްވި ސުވާލުގައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ކުރި 1440 ވަނަ އަހަރުގެ ހައްޖު ދަތުރުގައި، ހައްޖު ކޯޕަރޭޝަނުން މައްކާ އަދި މަދީނާގެ ހޮޓަލަށް ކުރި ހަރަދުތައް ކޮންމެ ހޮޓަލެއްގައި ހޭދަވީ ދުވަހާއި އެކު ތަފްސީލުތަކާއި އެކު ދިނުމަށެވެ. އޭގެ އިތުރުން މުޠައްނިފަށް ދެއްކި ފައިސާގެ އަދަދާއި ހައްޖަށް ދިއުމަށް އާއްމުން ދެއްކި ފައިސާގެ އިތުރުން މި ދަތުރަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރިނަމަ އޭގެ ތަފްސީލު ދޭން ވެސް މެމްބަރު ހުށަހެޅުއްވި އެވެ.
ލިޔުމުން ޖަވާބުދެއްވައި މިނިސްޓަރު ވިދާޅުވީ 1440 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން މައްކާ ހޮޓަލަށް ކުރި ހަރަދުތަކުގެ ޖުމްލައަކީ 34.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި ހައްޖު ދަތުރުގައި މައްކާ ހޮޓަލުގައި ހޭދަކޮށްފައި ވަނީ 28 ދުވަސްކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން އެ އަހަރު ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން މަދީނާ ހޮޓަލަށްކޮށްފައިވާ ހަރަދުގެ ޖުމްލައަކީ 3.5 މިލިއަން ރުފިޔާކަމަށެވެ. އަދި ވިދާޅުވީ މަދީނާ ހޮޓަލުގައި ހޭދަކުރީ 2 ދުވަސްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 1440 ވަނަ އަހަރުގެ ހައްޖު ކޯޕަރޭޝަނުން ކުރި ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއްކޮށްފައި ނުވާކަމަށެވެ.

