ކިޔަނީ ރައްޔިތުންގެ މަޖިލީހެވެ. އެހެންނަމަވެސް މިއަދު އެތަނުގެ ނަން ބަދަލުކުރަންޖެހޭ ހިސާބަށް ކަންކަން ބޮއްސުން ލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ތިއްބެވި އަގުލަބިއްޔަތު ރައްޔިތުންގެ މަސްލަހަތަށްޓަކައި މަސައްކަތްކުރެއްވުމުގެ ބަދަލުގައި ތަމްސީލުކުރައްވަމުންދަނީ ސަރުކާރެވެ.
ރައީސުލްޖުމުުހޫރިއްޔާވެސް ހިމެނިވަޑައިގަންނަވާހެން ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވާގޮތުން، މަޖިލީހުގެ ގޮނޑިއަށް ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން އިންތިހާބުވުން ވަރަށްވެސް މުހިންމެވެ. ދާދި ފަހުން ކާމިޔާބުކޮށްފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ކުރިއަށް ގެންދިޔަ ކެމްޕެއިން މަރުހަލާތަކުގެ ތެރެއިން އިވިގެންދިޔައީ މި ވާހަކަތަކެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތައް މަޖިލީހުގެ ގޮނޑިއަށް ލުމުގެ ސަބަބުން މިއަދު ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެއް ގޮތެއްވެސް ނެތެވެ.
އަގުލަބިއްޔަތު އޮތުމުގެ ސަބަބުން ރައްޔިތުން ކިތަންމެ ނުރުހުނަސް އަދި ރައްޔިތުން ކަމެއް ނުރަނގަޅު ކަމަށް ދެކުނު ނަމަވެސް ސަރުކާރުގެ އިސްވެރިން އެކަމަކަށް ބޭނުންވުމުން އެކަމެއް މަޖިލީހުގެ ތަޅުމުން ފާސްވެއެވެ. އަދި ރައްޔިތުން އެކަމަކާއިގެން ހަނާވަމުންދިޔަ ނަމަވެސް ސަރުކާރުގެ އެންމެ އިސްވެރިން އެދިވަޑައިނުގަންނަވާ ނަމަ ނުވަތަ އެ ބޭފުޅުންގެ މަސްލަހަތު ނުހިމެނޭ ނަމަ، އެކަމެއް އެއީ މިއަދު ވާން ނެތް ކަމެކެވެ.
ބިލުތަކާއި ގަރާރުތައް އަދި ކުއްލި މައްސަލަތައްވެސް ހުށަައެޅި ބެލިގެންދަނީވެސް ސަރުކާރުގެ މަސްލަހަތު ހިމެނޭކަމަށް ވާނަމައެވެ. ރައްޔިތުންގެ އަޑު މިއަދު މަޖިލީހުގައި އިވިގެންނެއް ނުދެއެވެ. ދާދި ފަހުން ފާސްކުރި ޓެކްސް ބިލަކީ ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތު އަދަދަކުން ކަނޑައެޅިގެން ދެކޮޅު ހަދަމުން ދިޔަ ކަމެކެވެ. އެމްޑީޕީއާއި ދާދި އެއްވަރަށް ބޮޑު ޕާޓީއެއްކަމަށްވާ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެކަމާއި ދެކޮޅަށް ވަކާލާތު ކުރެއްވިއިރު، އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ސިޔާސީ ދާއިރާގައި ބައިވެރިވެވަޑައިނުގަންނަވާ އެތައް އާންމުނެއްވެސް އެކަމާއި ގުޅިގެން ސޯޝަަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކުރައްވައިގެން ރައީސް އާއިވެސް އެ ބޭފުޅުންގެ އިހުސާސްތައް ހިއްސާކުރައްވާފައިވާނެކަން ޔަގީނެވެ.
އެހެންނަމަވެސް ދަރަނި ދެއްކުމަށްޓަކައި ރައްޔިތުންގެ ޖީބަށް ބުރަކުރީއެވެ. މީގެ އިތުރުންވެސް މި ދައުރުގައި މަޖިލީހުގެ ތެރޭގައި ބޮޑެތި މައްސަލަތައް ފާހަގަކުރެވިއްޖެއެވެ. އޮޅުމަކުން ގްރީން ޓެކްސް ނުނެގުމަށް ނިންމިއެވެ. އެހެންނަމަވެސް އެކި ދާއިރާތަކުގެ އެތައް މެމްބަރުންނެއް ތިއްބަވާ މަޖިލީހުގައި އޮޅިގެން މިފަދަ ގެއްލުމެއް ލިބިގެންދާވަރުގެ ކަމެއް ހިނގާފާނެކަމަށް ގަބޫލުކުރާނީ ކާކުތޯއެވެ. މިއަދު އެ އެރި އޮޅުމަށްފަހު، މިކަންވެސް ދަނީ ތަކުރާރުވަމުންނެވެ. ދިވެހި ރައްޔިތުން އަދިވެސް ތިބީ ނިދާފައެވެ.
ކުނި ބިލެއް ފާސްކުރުމަށްފަހު، އެ ބިލުގައި ދިވެހިރާއްޖެއަށް ބޭރު ގައުމުތަކުން ކުނި އެތެރެ ކުރެވޭނެ ގޮތަށް ފާސްކުރިއެވެ. އެއީ މި ސަރުކާރުން ހުށައެޅި ބިލެކެވެ. މަޖިލީހުން އެ ބިލު ފާސްވެގެން އައީ މި ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް އެކަން ފާހަގަކުރެވުމުން ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަން ފެށުމާއިއެކު، ވެގެންދިޔައީ އަނެއްކާވެސް މަޖިލީހުގެ މެމްބަރުންނަށް އޮޅުން އެރިކަމަށެވެ.
ރައީސް އޮފީހުން ވިދާލުވިގޮތުން، އެކަމެއް ނުކުރާނެއެވެ. ރާއްޖެއަށް ކުނި އެތެރެއެއް ނުކުރާނެއެވެ. އެވެސް އޮޅުނީއެވެ. މިއަދު އަނެއްކާވެސް ހަމަ ކޮތަޅު ބިލާއިއެކު މި މައްސަލަ ފެންމަތިވެއްޖެއެވެ. އަނެއްކާވެސް މަޖިލީހަށް އޮޅުނީއެވެ. މަޖިލީހުގެ މެމްބަރުން އެކަކު އަނެކާއަށް އަމާޒުކުރަމުންދާ ތުހުމަތުތަކާއި އެކު ބިލުތައް ފާސްކުރުމުގައި ފެންމަތިވަމުންދާ ބޮޑެތި މައްސަލަތަކުގެ ސަބަބުން މެމްބަރުން މަސައްކަތްކުރައްވަމުންދަނީ ހަމަބުއްދީގައި ތިބެގެންކަމާއިމެދު ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ސުވާލު އުފައްދަން ފަށައިފިއެވެ.
ރައްޔިތުން ފައިސާ ދީގެން ގަންނަ ޕްލާސްޓިކު ފެންފުޅި ހުސްވުމުން އެ އުކާލުމަށް ޖީބުން ހަރަދުކުރެއެވެ. އުކާލުމަށް ހަވާލުކޮށްފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގަމުންދާ ސަރުކާރުގެ ކުންފުންޏަކާއެވެ. އެތަނުގައި ބޭނުންކުރާ ކޮންމެ ވަސީލަތެއް އަދި ހިންގާ ކޮންމެ މަޝްރޫޢުއަކީވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދެއްކަމަށްވާއިރު، ކޮތަޅުގަނޑެއް މިއަދު ރައްޔިތުންނަށް ލިބެނީ ދެ ރުފިޔާއަށްކަމަށްވުމީ އިންތިހާއަށް ދެރަކަމެކެވެ.
ބޭރު ގައުމުތަކުގެ ކާމިޔާބު ރިސައިކްލިންގް އެތައް މޮޑެލްއެއް ތިބި އިރު، ޕްލާސްޓިކް ފަދަ އަގުބޮޑު ތަކެތި ރައްޔިތުންގެ އަތުން ނަގާއިރު، ގިނަ އަދަދެއްގެ ގައުމުތަކުން ކޮންމެވެސް ވަރެއްގެ ރިޓާންއެއް ރައްޔިތުންނަށްވެސް ލިބެއެވެ. އެހެންނަމަވެސް ރާއްޖޭގައި ރައްޔިތުންނަށް ޖެހިފައިވަނީ ހަރަދުގެ މައްޗަށް ހަރަދުކުރުމެވެ. ސަރުކާރުން އެކުލަވާލާާ ފާސްކޮށް ތަންފީޒުކުރަމުންދާ ބިލުތަކުން ރައްޔިތުންނަށް ލުއިތަކެއް ލިބުމުގެ ބަދަލުގައި ވަމުންދަނީ ބުރަތަކެކެވެ. ޓެކްސް ބިލާއި ކޮތަޅު ބިލަކީ މިކަމުގެ ފުރިހަމަ މިސާލުތަކެކެވެ.
މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރައްވަމުންދާ މެމްބަރުންވެސް ދަނީ މިކަންކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ދާދި ފަހުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުވަނީ ސަރުކާރުގެ އަމަލުތައް ބައްޓަންވެފައިވާގޮތާއިމެދު އިންތިހާއަށް ނުރުހުންވެވަޑައިގެން ހުންނެވިކަން ހާމަކުރައްވާފައެވެ.
އެމްޑީޕީގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާ، ޕާޓީ ތަމްސީލުކުރެއްވައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އިބްރާހިމް ވިދާޅުވީ، ކޮތަޅު ބިލު ފާސްކުރި އިރު، ދިވެހި ރައްޔިތުންގެ މަންފާ އާއި ލާބައަށްޓަކައި ފާސްކުރެވިފައިވާ ބިލުތައްވެސް ވާކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ތިބެންޖެހޭ ބިދޭސީންގެ އަދަދާއި ދިވެހި މުއައްޒިފުންގެ އަދަދު ކަނޑައެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރަށް ކޮތަޅުން ފައިސާ ނަގަން ފެށިފައިވާއިރު، ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، އަދަދެއް ކަނޑައެޅިފައިވާނަމަވެސް، ގިނަ ރިސޯޓުތަކުގައި ތިއްބެވީ ބިދޭސީ މުއައްޒަފުންކަމަށެވެ.
އެހެންކަމުން ސަރުކާރުން މިއަދު މަސައްކަތްކުރަމުންދަަނީ ދިވެހި ރައްޔިތުންގެ މަންފާއާއި ލާބައަށްކަމާއިމެދު ސުވާލު އުފެދެއެވެ. ގިނަ މަސައްކަތްތަކެއް ކުރަމުންދާނަމަވެސް އަދި ގިނަ މަޝްރޫޢޫތަކުގެ ރިބަންފަށްވެސް ކަނޑައި ނިމިފައިވާއިރު، ދިވެހި މުޖުތަމައަަށް ބެލުމުން ތަނަވަސްކަމެއް ލިބިފައިވާކަމެއް ފާހަގައެއް ނުކުރެވެއެވެ. ސަރުކާރުގެ އިސްވެރިންގެ މައްޗަށް އަގު ބޮޑެތި ކާރުތައް ގަނެ ދައުލަތުގެ މާލިއްޔާތުގެ ނަހަމަ ބޭނުންތައް ކުރަމުންދާކަމުގެ ތުހުމަތުތައް އެޅެމުންދާއިރު، ދިވެހި ރައްޔިތުން މިއަދު ތަހައްމަލު ކުރަމުންދަނީ ދަތި އުނދަގޫ ދުވަސްތަކެކެވެ.
މިކަންކަމާއި ދިވެހި ރައްޔިތުން ވަރަށްވެސް ފުންކޮށް ވިސްނަން ޖެހިއްޖެއެވެ. ވަކި ޕާޓީއަކަށް ވޯޓު ދިނުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީސް ސަރުކާރުގެ އަތް މައްޗަށް ދޫކޮށްލުމުގެ ސަބަބުން ރައްޔިތުން އަތުން ގައުމުގެ ކޮންޓްރޯލް ނެއްޓިގޮސްފިއެވެ. ކޮރަޕްޝަންގެ ވާހަކަތައް ނީވޭ ދުވަހެއް ނުދާއިރު، އޭގެ އެއްވެސް ކަމެއްގެ މައްޗަށް ތަހުގީގެއް ހިންގައި އެ ވާހަކަތަކަށް ނިމުމެއްވެސް ގެނެވިފައިނުވެއެވެ. ވާނީވެސް އެހެނެވެ. ސަރުކާރުގެ މަސްލަހަތަށްޓަކައި މަސައްކަތްކުރާ ބަޔަކަށް ސަރުކާރުގެ މައްސަލަތަކެއް ނުފެންނާނެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެކަމީ އެންމެހާ ދިވެހިންވެސް ދަންނާނެ ކަމެކެވެ.
އެހެންކަމުން ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓުދޭއިރު، ސަރުކާރުގެ ނުފޫޒުން އެއްކިބާވެ، ސަރުކާރު ޒިންމާދާރުކުރުމަށް މަސައްކަތްކުރާނެ އަދި ސަރުކާރުގެ ބަދަލުގައި ރައްޔިތުން ތަމްސީލު ކުރާނެ ބަޔަކު އިންތިހާބު ކުރުން ވަރަށްވެސް މުހިންމުކަން ސާފެވެ. މިއަދު ސުޕަރ މެޖޯރިޓީ ދިނުމުން ވާ ގޮތް ރައްޔިތުންނަށް ސާފުވާނެކަން ޔަގީނެވެ

