ސަރުކާރުން ރާވައިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާވެރިވުމުގެ ގޮތުން، އެމަނިކުފާނު ބަންދުކޮށްފައިވާ ގޮޅީގެ ފާހަނާގައި ކެމެރާ ހަރުކޮށްފައިވާކަމަށާއި، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ކަންބޮޑުވާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އުފުލި ދައުވާތައް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނާއި މެދު ސަރުކާރުން ތަފާތު ކުރުން ގެންގުޅޭކަމަށް ބުނެ އިދިކޮޅުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި އެ މައްސަލަ ހިމެނޭހެން، ރައީސް ޔާމީންގެ އިސްތިއުނާފީ އަޑުއެހުންތައް ތާވަލު ނުކުރާތީ ކަމާއި ބެހޭ އެކި އިދާރާތަކަށް އެކަމުގެ ޝަކުވާ ވަނީ ހުށަހަޅާފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ރޭ ޕީޕީއެމުން ބުނެފައި ވަނީ މިއީ ރާއްޖޭގެ ތާރީހު ދުށް އެންމެ އަނިޔާވެރި ވެރިކަން ކަމަށެވެ. ޕާޓީގެ ލީޑާޝިޕް ހުރިހާ ބޭފުޅުން ވެސް ބައިވެރިވި އެ ޕްރެސްގައި މިވަގުތު އެ ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހުދުމުހުތާރު ވެރިއެއް ކަމަށެވެ. އަދި ހޯމް މިނިސްޓަރު އިމްރާނަކީ ވެސް ރައީސްގެ އިރުޝާދުގެ ދަށުން އަނިޔާވެރިކަން އިސް ކުރައްވާ އެއްވެސް އިހުސާންތެރިކަމެއް ނެތް ބޭފުޅެއްކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއީ ޖައްބާރު ވެރިކަމެއްކަން ދިވެހި ކޮންމެ ރައްޔިތަކު ވެސް މިއަދު ގަބޫލު ކުރާނެ ކަމަށެވެ. ރައީސް ޔާމީނަށް އަނިޔާކޮށް އުނދަގޫ ކުރުމުގެ ގޮތުން ސަރުކާރުން އެތައް އަމަލެއް ހިންގަމުންދާކަމަށް ތަކުރާރު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެންމެ ފަހުން މިހާރު އެމަނިކުފާނު ބޭނުން ކުރައްވަމުން ގެންދަވާ ސިޓިން ރޫމާއި، ކޮޓަރީގައި ވެސް ކެމެރާތައް ހަރުކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީނަށް ޖެއްސުން ކުރުމަށް ފާހަނާގައި ވެސް ކެމެރާ ހަރުކޮށް އެމަނިކުފާނަށް ފާރަލާ މޭރުމަކުން ސަރުކާރުން އަމަލު ކުރަމުން ދަނީ ކޮން ސަބަބަކާއި ހުރެތޯ އޭނާ ސުވާލު އުފެއްދި އެވެ.
ފާހަނާއަށް ދަންދެން ކެމެރާ އަޅައިގެން ރައީސް ޔާމީންގެ ހުރިހާ ހަރަކާތެއް ބެލޭ ގޮތަށް އިމްރާން ރާވާފައި ހުރި ކަމަށް މިއީ ލިބޭ މައުލޫމާތެއް
މީގެކުރިން ވެސް ރައީސް ޔާމީން ބަންދުކޮށްފައިވާ ތަނުގައި، އުނދަގޫ ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އަޅާފައިވާކަމަށް އިދިކޮޅުން ތުހުމަތު ކުރުމުން އެ ވާހަކަތަށް ދޮގުކޮށް ކަރެކްޝަނަލް ސާވިސް ބުނެފައި ވަނީ އެމަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށެވެ.
ކަރެކްޝަނުން ފާހަގަކުރި، އެސްޕީޔޫ ޔުނިޓަކީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، ސިޔާސީ އެކި ބޭފުޅުން ބަންދުގެ ދުވަސްތައް ހޭދަ ކުރިތަނެވެ.
ނިމިދިޔަ ރޯދަ މަހު ވެސް ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދޭން އެދި ސަރުކާރުގައި އާދޭސް ކުރުމުން ވެސް އެގޮތަށް ސަރުކާރުން އަމަލު ނުކުރެއްވިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެއީ އަނިޔާވެރިކަމުގެ ސިފައެއްކަމަށާއި މިދިޔަ ތިން ރަމަޟާން މަހުގައި ވެސް ރައީސް ޔާމީން ދުވަސްތައް ހޭދަ ކުރައްވަން ޖެހުނީ ޖަލުގައިކަމަށް އޭނާ ވިދާޅުވި އެވެ.
ގޭބަންދަށް ރައީސް ޔާމީން ބަދަލުކޮށްދޭން އެދި ހުށަހެޅުއްވި ސަބަބެއްކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތެވެ. އެކަމަކު ސަރުކާރުން ޕާޓީގެ ލީޑާޝިޕާއި ވަކީލުން ހުށަހެޅުއްވި އެއްވެސް ކަމަކަށް ރިއާޔަތް ނުކުރުމަކީ ހިތާމައެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ކިތަންމެ ބޭނުން ނުވީ ނަމަވެސް، ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަ ކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ގެއްލިފައި ނުވާކަން އިލެކްޝަންސް ކޮމިޝަނުގެ ވާހަކަތަކުން ހާމަވާކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ސަރުކާރުން ރާވައިގެން ހިންގާ އަމަލެއްކަމަށް ސިފަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެކަމުގައި ވެސް އިސްކޮށް ހުންނެވީ އިމްރާން ކަމަށެވެ. އެހެންވެ ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ކަންބޮޑުވެ ބިރުގަންނަކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ބައެއް މީހުން ބުނި ނަމަވެސް، ނިޔާހީ ހުކުމެއް ނެތް ނަމަ އެމަނިކުފާނަށް އެ ފުރުސަތު އޮންނާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ. އަދި ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ހުށަހަޅާފައިވުމާއި އެކު، އެމަނިކުފާނު މިނިވަންވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވަނީ ބުނެފަ އެވެ.

