ބޭރުގެ ޑިޕްލޮމެޓުންނާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ހިނގަމުންދާގޮތުގެ ކަންބޮޑުވުން ހިއްސާ ކުރުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދެމުން އިދިކޮޅުން ބުނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ދެ ލީޑަރުން ކޮލޮމްބޯއަށް ވަޑައިގަންނަވާނެކަމަށެވެ.
އެގޮތުން ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކޮލޮމްބޯއަށް ވަޑައިގެން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައިވާކަމަށް އިދިކޮޅުން ބުނެފައިވެއެވެ. ބޭރުގެ ޑިޕްލޮމެޓުންނާއި ކުރީގެ ރައީސް އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ހިނގަމުންދާގޮތުގެ ކަންބޮޑުވުން ހިއްސާ ކުރައްވާނެކަމަށްވެސް ބުނެފައިވެއެވެ.
އޭގެ ތެރޭގައި ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ އަދިވެސް ތާވަލު ނުކުރާތީ އާއި ދަށު ކޯޓުގައި ހުރި މައްސަލަތައް ފަތުއަޑު ކިޔާފައި ކުރިއަށް ގެންދާތީ އެކަންބޮޑޫވުންވެސް ހިއްސާކުރާނެކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީނަށް ގާނޫނުތަކުން ލިބެންޖެހޭ އެތަކެއް ހައްގުތަކެއް މިކަންކަމުގެ ސަބަބުން ގެއްލިގެންދާ މައްސަލައާއި، ދާދި ފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ ޓުވީޓުން ރައީސް ޔާމީނާއި ދޭތެރޭ ޒާތީ ވެފައިވާ މިންވަރު ހާމަވާތީއާއި އެކަމަކީ ރައީސް ޔާމީންގެ ރައްކާތެރިކަމާމެދު މި ކޯލިޝަނުން ކަންބޮޑުވާ ކަމަކަށްވާތީ އެކަމާ ބެހޭ މައުލޫމާތާއި، ރައީސް ޔާމީނަކީ މި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށްވާއިރު އެމަނިކުފާނަށް ކެމްޕެއިން ކުރުމުގެ ހައްގުތަކުން މަހްރޫމްކޮށް ސިޔާސީ ބޭނުމަކަށް ރައީސް ޔާމީން ޖަލަށް ލައިގެން މިސަރުކާރުން ގަސްތުގައި އަނިޔާދެމުންދާ މައްސަލައިގެ ކަންބޮޑުވުން ބޭރުގެ ސަފީރުންނާ ހިއްސާ ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީއިން ވަނީ ބުނެފައެވެ.

