ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގިކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުގައި ކުރިޔަށް ގެންދާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު ފެށުމަށް ތައާވަލުކޮށްފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން އިސްތިއުނާފާއި ބެހޭ މައުލޫމާތު ހިއްސާކޮށް ވިދާޅުވީ ފުއްގިރި މައްސަލައިގައި އިސްތިއުނާފް ކުރި ހުށަހެޅުންތަކުގެ އަޑުއެހުމެއް 7 މެއި ގެ މެންދުރު 12:45 އަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އެހެންވެ، އެ ދެ މީހުންގެ ހެކި ބަސް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ނަދީމް ނިންމެވީ އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ވަރުގެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށް ދާ ފުއްގިރި މައްސަލައިގައި ދައުވާތައް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުމާއި ހެކި ރައްކާތެރި ކުރުމުގެ އަމުރު ބާތިލުކޮށްދޭން އެދި އެހެންވެ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ. ނަމަވެސް ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުންތައް ދެމެހެއްޓުމަށެވެ.
ހައިކޯޓުން މައްސަލައިގައި ކުރި ހުކުމުގައި ބުނީ ރައީސް ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި، ދަށު ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލަން ވަކީލުން އެދުނެވެ. އެކަމަކު މައްސަލައިގެ އަޑުއެހުންތައް ކައިރި ކައިރީގައި ދަނީ ތާވަލު ކުރަމުންނެވެ.

