ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި ހުށަހެޅުންތަކުގެ އިސްތިއުނާފު އަޑުއެހުންތައް ނިމި، ހުކުމަކާއި ހަމައަށް

ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގިކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކަށް ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތް މައްސަލައިގެ ސުޕްރީމް ކޯޓު އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ފުއްގިރި އަޑުއެހުންތަކަށް، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމުގެ ސަބަބުން އެ މައްސަލަ ހައިކޯޓުގައި ވެސް ނިމުނީ ރައީސް ޔާމީނާއި ދެކޮޅަށެވެ. އެ ކޯޓުން ނިންމީ އެ ހުށަހެޅުންތައް ބަލައިގަންނަން ޖެހޭ ގާނޫނީ ސަބަބެއް ރައީސް ޔާމީނަށް ދެއްކިފައި ނުވާކަމަށެވެ.

މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މި ދެ ދުވަހު ވެސް އަޑުއެހުންތައް ކުރިޔަށް ގެންދިޔަ އެވެ. އަދި ގާތްގަނޑަކަށް ފަސް ގަޑިއިރަށް ދެމިގެން ދިޔަ މިއަދުގެ އަޑުއެހުމަށް ފަހު މައްސަލަ ބައްލަވާ ބެންޗުން ވަނީ އަންނަ ހޯމަ ދުވަހު ހުކުމް އިއްވާނެކަން އިއުލާނު ކުރައްވާފަ އެވެ.

އެގޮތުން އިއްޔެގެ އަޑުއެހުމުގައި ކުރިޔަށް ގެންގޮސްފައި ވަނީ، ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރާ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއި ދައުލަތުން އެއަށް ޖަވާބުދަރީވުމެވެ. އެއަށް ފަހު މިއަދު ކުރިޔަށް ގެންދިޔައީ ރައީސް ޔާމީނާއި އެކު ހުށަހެޅުންތައް އިސްތިއުނާފު ކުރި އަހުމަދު ކްރިކް ރިޒާގެ ފަރާތުން ވާހަކަދެއްކުމާއި ހުލާސާކޮށް ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމެވެ.

އިސްތިއުނާފު މައްސަލައިގައި ދައުލަތުން ބުނީ، ހައިކޯޓުން ދަމަހައްޓާފައި ވާ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ކޯޓުގައި އެންމެ ބޮޑަށް ބަހުސް ކުރި ނުކުތާއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި އަބްދުﷲ ޒިޔަތުގެ ހެކި ބަހާއި ގުޅޭގޮތުންނެވެ. އެގޮތުން އެންމެ ފުރަތަމަ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރި ގއ. ވޮޑަމުލާ މައްސަލައިން ފެށިގެން އެ ދެމީހުންނަށް އެކި ލުއިތައް ދީފައިވާއިރު އެކުލަވާލި އިއުތިރާފު އެއްބަސްވުމުގެ ދަށުން ބައެއް ދައުވާތައް ނުއުފުލާނެކަން އެއްބަސްވެފައިވާކަމަށް ރައީސް ޔަމީންގެ ވަކީލުން ވިދާޅުވި އެވެ.

އިއްޔެގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ، ދައުލަތާއި އެކު އަދީބު އެކުލަވާލި އެއްބަސްވުމަށް ފަހު ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފައިވާކަން ފާހަގަކުރި އެވެ. ޝިޔާޒްގެ ނުކުތާއަށް ފަހު މައްސަލަ ބައްލަވާ ބެންޗުން ވަނީ ދައުލަތުން އެފަދަ ނިންމުމެއް ނިންމިތޯ ސުވާލު ކުރައްވާފަ އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރިކަމަށެވެ. އެކަމަކު މިވަގުތު ހުކުމުގައި އެއްވެސް މީހެއް ނެތްކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެއީ މައްސަލަ އޮބުނީތޯ ސުވާލު ކުރުމުން ދައުލަތުން ބުނީ އިތުރަށް މައްސަލަ ތަހުގީގުކޮށް ޝަރީއަތް ހިންގުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޝަރީއަތުގައި ރައީސް ޔާމީން ކުރެއްވި އެންމެ ބޮޑު ޝަކުވާއަކީ، އެމަނިކުފާނަށް ވަކީލު ބައްދަލުވުންތައް ނުދިނުމާއި ކައިރިކައިރީގައި ޝަރީއަތްތައް ކުރިޔަށް ގެންދިއުމެވެ. އެގޮތުން ފުއްގިރި މައްސަލައަކީ ތިން އަހަރުވެފައިވާ މައްސަލައެއްކަމަށް ދައުލަތުން ބުނި ނަމަވެސް އާރަށުގެ މައްސަލަ ކުރިޔަށް ގެންދިއިރު ފުއްގިރި އަޑުއެހުންތައް ތަވާލު ނުކުރާކަން އެމަނިކުފާނު ފާހަގަކުރި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދުވަސްތައް ހޭދަކުރަން ޖެހެނީ އެއް އަޑުއެހުމުން އަނެއް އަޑުއެހުމުން އިސްތިއުނާފުތަކުން ކަމަށެވެ. އަދި އެމަނިކުފާނަށް އުނދަގޫވާ މިންވަރަށް ބައެއް ކަންކަން ގޮސްފައިވާކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ ކްރިމިނަލް ކޯޓުގައި ކައިރިކައިރީގައި އަޑުއެހުންތައް ތާވަލުކޮށްފައި ވުމެވެ.

ސުޕްރީމް ކޯޓުގެ އިސްތިއުނާފު އަޑުއެހުންތަކުގައި ރައީސް ޔާމީން ވެސް ބައެއް ގާނޫނީ ނުކުތާތައް ފާހަގަކުރި އެވެ. އަދި ދައުލަތުން ފާހަގަކުރި ބައެއް ވާހަކަތަކާއި ގުޅިގެން ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދެއްކެވި އެވެ.

މި މައްސަލައިގައި ގޮތެއް ނިމެން ދެން، ދަށު ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމުގެ އަމުރެއް ސުޕްރީމް ކޯޓުން ވަނީ ނެރެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: