އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށްގެންދަވާ “ފިކުރެއްގެ ދިރުން” ސިޔާސީ ޕާޓީއަކަށް ހެދުމަށް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅަން ނިންމައިފިއެވެ.
”ފިކުރެއްގެ ދިރުން“ ގެ ސްޕޯކްސްޕާސަންކަމަށް ދާދި ފަހުން ކަނޑައެޅުއްވި، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޯ) ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ބުނެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އީސީއަށް ”ފިކުރެއްގެ ދިރުން“ ޕާޓީއަކަށް ހެދުމަށް ހުށައަޅާނެކަމަށެވެ.
މިއަދު ހެދުނު 6 ގެ ކުރިން ޕާޓީއަށް ކިޔާނެ ނަމާއި، ނަމުގެ ތަފްސީލު އަދި ޕާޓީގެ ކުލައާއި ލޯގޯ ހުށައެޅުމަށްވެސް ”ފިކުރެއްގެ ދިރުން“ އިން ހުޅުވާލިއެވެ. އަފްޝަން ވިދާޅުވީ އީސީއަށް ފޯމު ހުށައެޅުމަށްފަހު ޕާޓީގެ ނަން ހިއްސާކުރައްވާނެކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައިސް ނަޝީދުގެ ކެމްޕެއިންތައް ކުރިއަށް ގެންދެވި ޝިޔާރު “ފިކުރެއްގެ ދިރުން” ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތްތަކެއް ފެއްޓެވީ އެމަނިކުފާނަށް ޕްރައިމަރީއިން ލިބިވަޑައިގެން ނާކާމިޔާބީއަށްފަހުއެވެ. ފުރަތަމަ ރައީސް ނަޝީދުގެ ހުށައެޅުމަކަށްވީ “ފިކުރެއްގެ ދިރުން” ނަމުގައި ޕާޓީގެ ތެރޭގައި ގޮފިތަކެއް ހަދައިގެން ވަކި ހަރަކާތެއް ކުރިއަށް ގެންދިއުމެވެ.
ނަމަވެސް އެއީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުކަމެއްކަމުން، އެފުރުސަތު ޕާޓީގެ ތެރެއިންނެއް ނުލިބުނެވެ. “ފިކުރެއްގެ ދިރުން” ހަރަކާތުގެ ފަރާތުން އެހެން ސިޔާސީ ފިކުރުތަކާއިއެކު މަސައްކަތްކުރާތީ މިަކމުގައި އިސްކޮށް ހަރަކާތްތެރިވި މެންބަރެއްކަމަށްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަކިކުރުމާއިއެކު، މި ހަރަކާތަށް ނިސްބަތްވާ 12 މެންބަރަކު ވަނީ އަމިއްލައަށް އެމްޑީޕީއާއި ވަކިވެފައެވެ. އަދި ޕާޓީއިން ވަކިވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ފިކުރެއްގެ ދިރުން” އަށް ނިސްބަތްވާ މެންބަރުން ވަނީ “ފިކުރެއްގެ ދިރުން” ނަމުގައި ކުރިއަށް ގެންދާ ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަން އިއުލާނުކޮށްފައެވެ.
“ފިކުރެއްގެ ދިރުން” ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަންވެސް އިއުލާންކުރިއެވެ.
“ފިކުރެއްގެ ދިރުން” ގައި ހިމެނިވަޑައިގަންނަވާ މެންބަރުން އެމްޑީޕީއިން ވަކިވީ ސަބަބެއްކަމަށް ފާހަގަކުރީ ޕާޓީގެ މިސްރާބު ޕާޓީ އުފެއްދި މަގްސަދާއި ދެކޮޅަށް ހުރުމެވެ. އަދި އެމްޑީޕީގެ ތެރޭގައި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނެތްކަމަށްވެސް އެ މެންބަރުން ބުންޏެވެ. ނަމަވެސް “ފިކުރެއްގެ ދިރުން” ނަމުގައި އުފައްދާ ސިޔާސީ ޕާޓީ ހިންގާނީ އެތެރޭގެ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިންކަމަށް “ފިކުރެއްގެ ދިރުން” ގެ މެންބަރުން ބުނިއެވެ.

