ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ޕާޓީއެއް ހެދީ ބޭނުންވާ ސިފަތައް ހުރި ޕާޓީއެއް މެދުވެރިކޮށް ރައްޔިތުންނަށް ހިދުމަތްދޭން: އަފީފް

ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އާ ޕާޓީއެއް ހެދީ ބޭނުންވާ ސިފަތައް ހުރި ޕާޓީއެއް މެދުވެރިކޮށް ރައްޔިތުންނަށް ހިދުމަތްދޭންކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ވަކިވާން ޖެހުނު ސަބަބާއި ގުޅޭ ގޮތުން ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ސުޕަރ މެޖޯރިޓީ ލިބުމާއިއެކު ސަރުކާރުން ދިޔައީ އެމްޑީޕީގެ އަސާސްތަކާއި ވަރަށް ބީރައްޓެހި ކަންކަންކުރަމުންކަމަށެވެ.

އަފީފް ވިދާޅުވީ ކޯލިޝަން ހެދި ނަމަވެސް ހުރިހާކަމެއް ކޯލިޝަނަށް ދޫކޮށްލައިގެން ނުވާނެކަމަށެވެ. އަދި ކޯލިޝަނަކާއިއެކު މަސައްކަތްކުރެވޭނެ މާހައުލެއް އުފައްދަންޖެހޭކަމަށް ވިދާޅުވިއެވެ. ކޯލިޝަންގައި އެމްޑީޕީއަކީ އެންމެ ބޮޑު އަދި އެންމެ ގިނަ ވޯޓުތަކެއް ހޯދި ޕާޓީކަމުން އެމްޑީޕީއަށް އިސްކަންދެއްވަންޖެހޭނެކަމަށާއި، ނަމަވެސް މިއާއި ހިލާފަށް ކަންކަންވަމުންދިޔައީ ޕާޓީގެ އަސާސްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުންކަމަށްވެސް އަފީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެންމެ ބޮޑު އަސާސްއަކީ ވައްކަމާއި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުންކަމަށާއި، ނަމަވެސް އެމްޑީޕީގެ މެންބަރުންވެސް ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާއިރު މައްސަލަ ނުބައްލަވާކަމަށް އަފީފް ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު މަރުގެ މައްސަލަތަކާއި، އެހެނިހެން މައްސަލަތައްވެސް ނުބައްލަވާކަމަށް އަފީފް ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގަތުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެލެއްވި ވައުދުތައްވެސް ނުފުއްދޭކަމަށް ވިދާޅުވިއެވެ.

ވައުދުތައް ފުއްދެނީއޭ ވިދާޅުވަނީ، އަދި މިހެން ވިދާޅުވުމަކުން ކަމަކު ނުދޭ ދެއްތޯ؟ ރައްޔިތުންގެ ގަބޫލުކުރަންޖެހޭނެ، ރައްޔިތުން ދެކެންޖެހޭނެ ވައުދުތައް ފުއްދަމުންދާކަން. ދެން ވައުދަކީ ހަމައެކަނި ވެރިކަމަށް އަންނަން ވާކަމެއްނޫން. އެއީ ފުއްދަންވާ ވައުދެއް.

އަފީފް ވިދާޅުވިއެވެ.

ވައުދުތައް ފުއްދަމުންދާކަމަށް ރައީސް ސާލިހު ވިދާޅުވީ ނަމަވެސް އެ މަންޒަރު ނުފެންނަކަމަށް އަފީފް ވިދާޅުވިއެވެ. ވައުދުވާންޖެހޭނީ ވެރިކަން ހޯދުމަށް އެކަނި ނޫންކަމަށާއި، އެ ވާ ވައުދު ފުއްދަންޖެހޭނެކަމަށްވެސް އަފީފް ވިދާޅުވިއެވެ. އަދި އަފީފް ފާހަގަކުރެއްވީ ރައީސް ސާލިހު ވީ ވައުދުތައްފުއްދުމަށް ގޮވާލާ މަޖިލީހުގެ ތަޅުމަށް ހުށައަޅަމުންދާ ގަރާރުތަކެވެ.

ރައީސް ސާލިހާއި އަރިސް މެންބަރުން މިފަދަ ބައެއް ގަރާރުތަކުގެ ބަހުސްގައި ވާހަކަދައްކަވަމުން އެ ގަރާރުތަކުގައި ގޮވާލާފައިވާ ކަންކަމުގެ ސަބަބުން ރައްޔިތުން ބިކަވާނެކަމަށް ވިދާޅުވާކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ އެހެންކަމަށްވާނަމަ ރައީސް ސާލިހުގެ މި ސަރުކާރުން މަސައްކަތްކުރަމުންދަނީ ރައްޔިތުން ބިކަ ކުރުމަށްކަމަށެވެ. އަދި ރައީސް ސާލިހުގެ ބައެއް ވައުދުތަކުގެ ވާހަކަ މަޖިލީހުގައި ދެކެވުމުން، އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދު ފުޑޭނެކަމަށްވެސް ވިދާޅުވާކަމަށް ފާހަގަކުރައްވާ އަފީފް ވަނީ މިކަންކަން ދެކޮޅުނުޖެހޭކަމަށް ވިދާޅުވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.

އަފީފް ވިދާޅުވީ އެންމެ ބޮޑަށް އެމްޑީޕީވެގެން މިހާރު ޕާޓީގެ އިސް ސަފުގައި ތިބީ މީގެ ކުރިން އެމްޑީޕީއަކީ ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށް ބުނި ފަރާތްތައްކަމަށެވެ. އޭރުވެސް އެފަދަ ބޭފުޅުން އެމްޑީޕީއަށް ފާޑު ކިޔާފައިވަނީ ޕާޓީގެ އަސާސްތައް ގަބޫލުނުކުރައްވާތީކަމަށާއި، މިހާރު އުސޫލުތަކާއި އަސާސްތައް ނެތިގެން އެދަނީވެސް އެ ސަބަބާއިހުރެކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ އެބޭފުޅުން ގަބޫލުނުކުރާ ސިފަތަކެއް ހުރި ޕާޓީއެއް، އެއީ އެބޭފުޅުން ގަބޫލުކުރާ ޕާޓީއެއްގެ ގޮތުގައި ދައްކައިގެން މަސައްކަތްކުރައްވަމުން ބޭނުންނުވާކަމަށެވެ. އެހެންކަމުން އާ ޕާޓީއެއް އުފައްދަން ނިންމީ އެބޭފުޅުން ބޭނުންވާ ސިފަތައް ހުރި ޕާޓީއެއް މެދުވެރިކޮށް ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ދިނުމަށްކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: