ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ގާއިމު ކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅުންވެސް މިއަދު ތިއްބެވީ ހިނގަމުންދާ ކަންކަމުގެ ސަބަބުން ލަދުންކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝިޔާމްވަނީ ދަނޑުވެރިކަމާއި ގުޅޭގޮތުން ތޮއްޑޫ ދާއިރާގެ މެމްބަރު ހުށައަޅުއްވާފައިވާ ގަރާރާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުން ނޫން ހުރިހާ އެއްޗެއް ފެންނަކަމަށެވެ. ޝިޔާމް ވިދާޅުވީ، ދަނޑުވެރިންގެ ހައްގުތައް ކަށަވަރުކޮށްދެވިފައިނުވާކަމަށާއި ދަނޑުވެރިންނަށް ރައީސް ސާލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ.
އޭނާ ވިދާޅުވީ، އެގްރިކަލްޗާ އާއި ގުޅުން ހުރި ކުންފުންޏެއް އުފައްދާފައިވަނީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށްކަމަށެވެ. ޝިޔާމް ވިދާޅުވީ، ސިޔާސީ މަންފާ ހާސިލު ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްވެސް އެ ކުންފުނި މެދުވެރިކޮށް ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތްތައް ކުރެވިފައިވަނީވެސް ކޮރަޕްޝަނަށް މަގުފަހިވެގެންދާނެ މިންވަރަކަށްކަމަށެވެ. އޭނާ ވިދާޅުވީ، އެގްރޯނެޓު މެދުވެރިކޮށް ދަނޑުވެރިންނަށް ލިއްބައިދެމުންދާ އެއްވެސް ފައިދާއެއް ނެތްކަމަށެވެ.
ޝިޔާމް ވިދާޅުވީ، ދަނޑުވެރިންނާއި މަސްވެރިން އަދި އެހެނިހެން މަސައްކަތްތެރިންނަށްވެސް މި ސަރުކާރުގައި މަންފާއެއް ލިބިގެންދާ މަންޒަރު ފެނިގެން ނުދާކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުންވަނީ ސިއްރިއްޔާތުގައި ފޮނުވާފައިވާ ސިޓީއެއް މެދުވެރިކޮށް ރާއްޖޭގެ މަސްކަނޑުގެ ސަރަހައްދެއް ވިއްކާލާފައިކަމަށެވެ. އޭނާ ވިދާޅުވީ، ފެނިގެންދަނީ ދިވެހިރާއްޖެއަށް އެންމެ ގިނައިން އިގްތިސާދީ މަންފާއާއި ނަފާ ލިބިގެންދާ އިގްތިސާދީ ސިނާއަތެއް ހަލާކުވެގެންދާ މަންޒަރުކަަމަށެވެ.
އެގޮތުގެ މަތިން ހަލާކުވެގެންދިއުމަށް ދޫކޮށްލާފައިވަނީ ރައީސް ސާލިހު ދެވަނަ ދައުރެއް ހޯއްދެވުމުގެ ބޭނުމުގައިކަމަށެވެ. ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ބޮޑެތި އިންވެސްޓުމެންޓުތައް ކޮށްގެން މަސްވެރިކަން ކުރުމަށް ކުރިމަތިލީ މީހުން މިއަދު ދޯނިތައް ފަޅުގައި އަޅާފައިވާކަމަށެވެ.
ޝިޔާމް ވިދާޅުވީ ހއ އިން ފެށިގެން އައްޑޫ އާއި ޖެހެންދެންވެސް ރައްޔިތުންދަނީ އޭނާ ދެންނެވި ފަދަ ދަތިތައް ތަހައްމަލުކުރަމުންކަމަށެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ދިވެހި ރައްޔިތުންނަށް އޯގާތެރިކަމާއިއެކު ނުހިތާކަމަށެވެ.
އޭނާ ވިދާޅުވީ، ދަނޑުވެރިކަމާއި ބެހޭ ގޮތުން ބަހުސްކުރަމުންދާއިރު، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި މެދު ވާހަކަދެކެވެނީ، އެ މައްސަލަ ކުރިއަށް ނުގޮސް އޮތުމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ރައްކައުތެރިކަމެއް ނެތްކަމަށް ފެނިގެންދާތީކަމަށެވެ. އޭނާ ވިދާޅުވީ، ކަން ހިނގުމުގެ ކުރިން ރައީސް ސާލިހު އަދި މިނިސްޓަރު މާރިޔާއަށް އެކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާއިރު، އެކަމުގެ ތަހުގީގުތައްވެސް ސަރުކާރުން ކުރިއަށް ނުގެންދާކަމަށް ޝިޔާމް އިޝާރާތްކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ، އިންސާފުވެރިކަމުގެ ޒައްރެއްވެސް ދައުލަތުގައި ނެތްކަން ހިތާމަ އާއިއެކު ފާހަގަކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ތެރޭގައި މިއަދު އެންމެ ބޮޑު ތާއީދެއް އޮތީ ޕީޕީއެމްއަށްކަން ޔަގީންވެވައިގެންފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ވެރިކަން ކުރަމުންދަނީ އެމްޑީޕީއިން ނަމަވެސް، މިއީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ބުނުމަށް އެ ޕާޓީގެ މެމްބަރުންވެސް ލަދު ގަންނަކަމަށެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ، މި ވެރިކަމުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވީ ސަރުކާރު އިސްވެރިންގެ ގާތް ފަރާތްތަކާއި އާއިލީ ފަރާތްތައް ކަމަށެވެ. އަދި ރަނގަޅު ހެން ހީވާ ވަޒީފާއެއް ނަމަވެސް އާއިލީ ބަޔަކު ވަޒީފާގައި ތިބޭކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ވައްކަމާއި ނެޕޮޓިޒަމް އިންތިހާއަށް އޮތްކަމަށެވެ. ޝިޔާމް ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ ހޭދަކުރަމުންދަނީ ސިޔާސީ ބޭނުންތަކަށްކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ލިބިފައިނުވާކަމަށެވެ.

