ވައިމަގުގެ ދަތުރު ފަތުރު ކުރުމުގެ ސިނާއަތުގެ ތެރޭގައި ކުރިއަރަމުންދާ ކުންފުންޏެއްކަމަށްވާ “ބިއޯންޑު” ކުންފުންޏަށް ރާއްޖޭގެ “ނެޝެނަލް ކެރިއަރ” ގެ ހައިސިއްޔަތު ދީފައިވާތީ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި އޭނާވަނީ ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ ވައިގެ ދަތުރު ފަތުރު ކުރުމުގެ މަސައްކަތްތައް ބޭރުގެ ފަރާތަކާއި ހަވާލު ކުރެވިފައިވާކަމަށް އިޝާރާތްކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް ބާރުތައް ލިބުމުން ހަމަ މިފަދަ މަންޒަރެއް ފެނިވަޑައިގަތްކަމަށެވެ. އެގޮތުން އެ ދުވަސްވަރު، މެގަމޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފައްދައި ނެޝަނަލް ކެރިއާރ ސްޓޭޓަސް ސަރުކާރުން ދިންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ، އެކަމުގެ ސަބަބުން ގައުމީ އެއަރލައިންގެ ގޮތުގައި އޮތް ކުންފުންޏަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، މެގަމޯލްޑިވްސްއަށް އެ ހައިސިއްޔަތު ދިނުމާއިއެކު، ރާއްޖޭގެ ގައުމީ ކެރިއަރަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގައިވެސް ބޮޑެތި ހުރަސްތައް ކުރިވަތިވެގެންދިޔަކަމަށެވެ. ސައީދު ވިދާޅުވީ، އެ ކުންފުނީގެ ހާލަތު ބަދަލުކުރެއްވީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށެވެ.
އޭނާ ވަނީ ސަރުކާރުން އެހެނިހެން ފަރާތްތަކާއި ދެމެދު ވަމުންދާ އެއްބަވުންތައް ދިވެހި ރައްޔިތުންނާއި ހިއްސާ ނުކުރާކަމާއިމެދުވެސް ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ސަރުކާރުން ވާ ކޮންމެ އެއްބަސްވުމެއް ސިއްރު ކުރުމަކީ ހިތާމަވެރިކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ، ބާރެއް އަތުޖެހިގެންދާ ކޮންމެ ފުރުސަތެއްގައި ގައުމުގެ އެންމެހާ އަމާނާތްތަކާއި މާމަގެ ފައްޓަރުބައި ވިއްކާލާކަމަށެވެ. ސައީދު ވިދާޅުވީ، އެ ވަރުން ނުފުދޭކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހިތުން ނުފިލާވަރުގެ ލަގާއެއް ކޮންމެ ފުރުސަތެއްގައިވެސް ދޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ، ސަރުކާރު މައިތިރިވާނީ ރައްޔިތުންނަށް ދެރަތަކެއް ދިނުމަށްފަހުކަމަށެވެ. ސައީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރަކަށް ވެރިކަން ދިނުން ހެޔޮ ނުވާނެކަމަށެވެ.
ރާއްޖޭގެ ގައުމީ އެއަރލައިންގެ ހައިސިއްޔަތު ބޭރުގެ ކުންފުންޏަކަށް ދީފައިވާކަމަށް އަޑުފެތުރުމާއިއެކު، އިދިކޮޅުގެ އިސް ފަރާތްތަކުން ނުރުހުން ފާޅުކުރައްވާފައިވާއިރު، ރާއްޖޭގެ ސަރުކާރާއި ދެމެދު އެއްބަސްވުމެއް ގާއިމު ކުރެވިފައިވާކަން ހާމަކޮށްފައިވަނީ ބިއޯންޑުގެ ސީއީއޯ ޓެރޯ ޓަސްކިލާއެވެ.

