65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ދޭ އެލަވަންސް ބޮޑުކުރުމަށް ނިންމައިފިއެވެ.
ވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އައްޑޫ ސިޓީ ސްކުއާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރަން ނިންމަވާފައިވާކަމަށެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ދެއްވާފައިނުވާއިރު މިފަދަ ކަންތައްތައް މިއަހަރުގެ ރިޔާސީ އިންތިހާބަށް އެކުލަވާލާ މެނިފެސްޓޯގައި ހިމަނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ދެން އޮތީ ދުވަސްވީ މީހުންނަށް، އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް ދެމުން އަންނަ އެލަވަންސަށް ހެޔޮ ބަދަލު. އެވެސް އަޅުގަނޑުމެން މިހާރު މިގެންދަނީ މުތޯލިއާ ކުރަމުން. އެއަށް ގެންނަން ޖެހޭ ބަދަލުތަކާ އެކީގައި އެއަށް ވެސް ކުރިއަަށް އޮތްް ތަނުގައި އެ ބަދަލު އަންނާނެ.
ރައީސް ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުންނަށް މިހާރު ސަރުކާރުން ދެމުން އަންނަނީ މަހަކު 5،000 ރުފިޔާއެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކުރާނެކަންވެސް އިއުލާންކުރައްވާފައެވެ. އަދި މި މަހުގެ ތެރޭގައި މިކަމާއި ގުޅޭ މައުލޫމާތު ހާމަކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރޭ އައްޑޫގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މާ ލަސްތަކެއް ނުވެ މިކަމާއި ގުޅޭ ތަފްސީލު ހާމަކުރައްވާނެކަމަށެވެ.

