ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވުމުގެ ސަބަބުން އެކަމާއި ނުރުހުންވެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު، ރައީސް މުހައްމަދު ނަޝީދާއި ދިމާކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެ ފާޑުކިއުންތައް އަމާޒުވާން ފަށައިފި އެވެ.
މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިޔަށް ގެންދިއުމަށް ތާވަލު ކުރިނަމަވެސް އިދިކޮޅު މެމްބަރުން ތަކުރާރުކޮށް ނަންގަވަމުން ގެންދެވި ނިޒާމީ ނުކުތާތަކާއި އެކު ޖަލްސާ ނިންމާލަން ޖެހުނީ ވޯޓަށް ނާހަ އެވެ. މަޖިލީހުގެ ނިޒާމު ގެއްލިފައިވާކަމަށް ނިންމަވަފައި، ރިޔާސަތުގައި ހުންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ޖަލްސާ ނިންމަވާލެއްވުމުގެ ކުރިޔަށް ހުންނެވީ ރައީސް ނަޝީދެވެ.
އެމްޑީޕީގެ މެމްބަރުންނާއި، އިދިކޮޅު މެމްބަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެ އެ މެމްބަރުންނަށް ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނޭންގުމާއި، މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް ފުރުސަތު ދެއްވީ ރައީސް ނަޝީދުކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ. އެ މައްސަލައިގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައި، ޕާޓީގެ ޕާލިމަންޓު ގުރޫޕުން ބުނެފައި ވަނީ މިއަދު ޖަލްސާގައި ކަންތައް ވެގެން ދިޔައީ އެންމެ ރަނގަޅަށް ނޫންކަމަށާއި ރިޔާސަތުން މަޖިލީހުގެ ގަވައިދާއި ހިލާފުވެފައިވާ ކަމަށެވެ.
https://twitter.com/dhiyanasaid/status/1665763158437371904
ޖަލްސާ ނިމުނު ފަހުން، އާއްމުވި ވީޑިއޯއަކީ ބެލެވޭ ގޮތުގައި މަޖިލީސް މެދުކަނޑާލި ވަގުތު ހިނގައިދިޔަ ކަމެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި ވާހަކަ ދެއްކެވުމަށް ރައީސް ނަޝީދު ވަޑައިގަތުމުން މުޣުނީ އެމަނިކުފާނަށް އަމާޒުކޮށް އަޑުގަދަ ކުރެއްވި އެވެ. އަދިީ ”ހޭ ބަލިވެފައޭ ތި ހުރީ“ ވިދާޅުވެ އަތުން އިޝާރާތްކޮށް ރައީސް ނަޝީދަށް ހުތުރު ބަހުން މުހާތަބު ކުރެއްވި އެވެ. އެވަގުތު އެތަނުގައި ހުންނެވި ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވެސް ރައީސް ނަޝީދަށް އަމާޒު ކުރައްވައި އަޑުގަދަކޮށް، ބަސްތައް ބޭނުން ކުރެއްވި އެވެ. އޭރު މުޣުނީ ވިދާޅުވަމުން ގެންދެވީ ރައީސް ނަޝީދު މަޖިލީސް ހިންގަވަނީ ގަވައިދާއި ހިލާފަށް ކަމަށެވެ.
މުޣުނީ އެގޮތަށް ރައީސް ނަޝީދާއި ވާހަކަ ދެއްކެވުމުން، އަސްލަމް އެކަން ނުކުރެއްވުމަށް އިރުޝާދު ދެއްވާތަން ފެނެ އެވެ.
މީގެއިތުރުން އެތަނުގައި ދެން ހުންނެވީ ލ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ. އެކަމަކު އޭނާ އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރާތަން ވީޑިއޯގައި ނުފެނެ އެވެ. އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް މަންޒަރު ބަލަން ހުންނެވި އިރު، އޭނާގެ ފަހަތުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިލް ވެސް މަންޒަރު ބައްލަވަން ހުންނެވި އެވެ.
މިއަދުގެ ޖަލްސާގައި ސަރުކާރު މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި، މަޖިލީސް ގަވައިދާއި އެއްގޮތަށް ކުރިޔަށް ގެންދަން ގޮވާލާފަ އެވެ. އަދި ބައެއް މެމްބަރުން ވަނީ ރައީސް ނަޝީދު ބޭނުން ވަނީ ވެރިކަންކަމަށާއި، އެކަމަކު އެކަން ދެން ހާސިލު ނުވާނެކަމަށް ވިދާޅުވެފަ އެވެ. މި މައްސަަލައިގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީން ބުނެފައި ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ދުރު ކުރުމަށް ސީދާ މަޝްވަރާތައް ކުރިޔަށް ނުދާކަމަށާއި، އެފަދަ ވިސްނުމެއް ނެތް ކަމަށެވެ. އޭގެ ސަބަބެއްކަމަށް މެމްބަރުން ވިދާޅުވީ، ރައީސް ނަޝީދަކީ އަދިވެސް އެމްޑީޕީގެ ރައީސަށް ވުމެވެ.

