ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ޖޫން މަހުގެ 11 އިން 14 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް މިކުރައްވާ ފުރަމާނަ ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެ އާއި ސީޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ބައެއް އެއްބަސްވުންތަކުގައި ސޮއެކުރައްވާނެއެވެ.
މިދަތުރުފުޅަކީ ދިވެހި ރާއްޖެއާ ސީޝެލްސްއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅެ ސަބަބުން ދެޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެއެވެ.

