ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގެ ރިޔާސަތުގައި އިންނެވުމުން މަޖިލީސް ހޫނުވެ ޖަލްސާ މެދުކަނޑާލަން ޖެހިއްޖެއެވެ.
އަފީފް ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައަޅާފައިވާތީ، މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންނެވުމުންނެވެ.
މިހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާއިރު، އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު މަޖިލީހުގައި މަސައްކަތްކުރެއްވި މެންބަރުންގެ ތެރެއިންވެސް އުމުރުގެ ދޮށިކަމަށް ބަލައެވެ.
މިއަދުގެ މަޖިލީސް ފެށުމާއިއެކު އެމްޑީޕީ މެންބަރުން ވަނީ ނިޒާމީ ނުކުތާތަށް ނެގުމަށްފަހު އެ މައްސަލަ ފެންމަތިކޮށްފައެވެ. އަދި އަފީފްއަށް ރިޔާސަތުގައި ނީނެވޭނެކަމަށް މެންބަރުން ބުނަމުންދިޔައިރު، އެމްޑީޕީ މެންބަރުން ގެންދިޔައީ އަފީފްއަށް އަމާޒުކޮށް ”މުގާބޭ“ އަށް ގޮވަމުންނެވެ. ނަމަވެސް އަފީފް ވިދާޅުވީ މަޖިލީހުގެ ރައީސް ބޭނުންވާ ބޭފުޅަކަށް ރިޔާސަތު ބެލެހެއްޓޭނެކަމަށެވެ.
މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ގަވާއިދާއި އެއްގޮތަށް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިނުވާތީ އެކަން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ޝަފިއު ދިޔައީ ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަންގަވާ ފާހަގަކުރަމުންނެވެ. މީގެ ރައްދުގައި އަފީފް ވިދާޅުވީ އެ މައްސަލަ އެޖެންޑާކޮށްފައިނުވަނީ، އެކަމަށް ބޭނުންވާ އާންމު ކޮމިޓީ އެކުލަވާލެވިފައި ނެތުމުންކަމަށެވެ.
ޖަލްސާ 5 މިނެޓު އިރަށް މެނދުކަނޑާލީ ރިޔާސަތަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް މެންބަރުން އަޑުގަދަ ކުރަން ފެށުމުންނެވެ.

