ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސީއްޔަތުން ރިޔާސަތާއި ހަވާލުވެވަޑައިގަތީ އަމިއްލަފުޅު އުޒުރުތަކަށްވުރެ، ގައުމީ މަސްލަހަތު އިސްވާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ މައްޗަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެޑައިގަންނަވާކަން އިއުލާންކުރެއްވުމަށްފަހު 5 ޖަލްސާގެ މެދުކެނޑުމަށްފަހު، ރިޔާސަތާއި ހަވާލުވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އުޒުރުވެރިވެވަޑައިގަތުމުން، ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސުލްޖުމްހުރިއްޔާ އާއި ބައްދަލުކުރެއްވިކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުން މަޖިލީސް ކުރިއަށް ގެންދެވޭނެ ފުރުސަތެއް ނުލިބުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީސް ކުރިއަށް ނުގޮސް އޮތީ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށައެޅިފައި އޮތުމުންކަމަށް ގަބޫލުކުރައްވާކަން ރައިސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގައިވެސް ފާހަގަކުރައްވާފައެވެ.
އަލުގަނޑު މިއަދު މިތަނުގައި ރިޔާސަތު ބެލެހެއްޓުމަށް މި އިނީ، އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ އުޒުރުތަކަށްވުރެ މާ މަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓަންޖެހޭ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު، ދިވެހިރާއްޖޭގެ މަސްލަހަތު.
ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ސަބަބުތަކެއް އެމަނިކުފާނުގެ ހުރި ނަމަވެސް، ރިޔާސަތާއި މިއަދު ހަވާލުވީ އެމަނިކުފާނުގެ އުޒުތަކަށްވުރެ، މާ މަތީ މަސްލަހަތެއްކަމަށް ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ދެކޭތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަޖިލީސް ހުއްޓިފައި އޮތުމުން ރައްޔިތުންގެ މަސްލަހަތަށް ބުރޫއަރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދައުލަތުގެ އެހެން ބާރުތަކުން، އަދި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއިން މި މައްސަލަ ހައްލުކުރަން އެހީތެރިވެފައިނުވާތީ ރައީސް ނަޝީދު ވަނީ ހިތާމަފާޅުކުރައްވާފައެވެ. އެހެންކަމުން އެމަނިކުފާނު ރިޔާސަތާއި ހަވާލުވީ އެމަނިކުފާނުގެ ވާޖިބު އަދާކު ކުރެއްވުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާކަން އިއުލާންކުރައްވާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ފަސް މައްސަލައަކާއިމެދު ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރު ދިގު ދަންމާލެއްވުމަށް ފުރުސަތު ދެއްވުމަށް އެންޑީޕީގެ ޕާލިމަންޓް ގުރޫޕުން ވަނީ އެދިފައެވެ.

