ސައުތު ކޮރެއާގެ އަންހެނަކު އޭނާގެ ދަރިން ވިހުމަށްފަހު މަރާލައި ގަނޑުކޮށްގެން ގެންގުޅުނުކަމަށް ތުހުމަތުކުރެވިފައިވުމާއިއެކު، އޭނާ ހައްޔަރުކުރުމަށް އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން މަސައްކަތްތައް ފައްޓައިފިއެވެ.
ސައުތު ކޮރެއާގެ ފުލުހުން އެ ގައުމުގެ މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، އެ މުއައްސަސާއިންވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން މީހާ ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ އަލަށް ވިހި ދެ ދަރިން މަރާލުމަށްފަހު ފްރިޖެއްގައި ގަނޑުކޮށްގެން އެތައް އަހަރުތަކެއް ގެންގުޅެފައިވާކަމުގެ ތުހުމަތެވެ.
ތުހުމަތު ކުރެވޭ މީހާ ދިރިއުޅޭ ސަރަހައްދާއި ހަވާލުވެ ހުރި ފުލުހުންގެ އޮފިޝަލަކު ބައިނަލްއަގުވާމީ މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، އަންހެން މީހާއަކީ ތިރީސްވަރަކަށް އަހަރުގެ މީހެކެވެ. އަދި އޭނާވަނީ ދަރިން މަރާލިކަމަށް އެއްބަސްވެފައިކަމަށާއި އެ އަމަލު ހިންގީ އިގްތިސާދީ ގޮތުން ކުރިމަތިވި ދަތިތަކެއްގެ ސަބަބުން އޭނާގެ އެހެން ތިން ދަރިއަކަށް އަޅާލުމުގައި ދަތިވުމުންކަމަށް ހިއްސާކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.
މީޑިއާތަކަށް މައުލޫމާތު ދިން އޮފިޝަލު ބުނެފައިވާގޮތުން، އެ އަންހެން މީހާ އޭނާގެ ދަރިން މަރާލާފައިވަނީ އެއްދުވަސް ފުރިފައިވަނިކޮށެވެ. އޭނާ އެންމެ ފުރަމަތަ މަރާލިކަމަށް ތުހުމަތު ކުރެވެނީ 2018 ވަނަ އަަހަރުގެ ތެރޭގައި ލިބުނު ކުއްޖެކަމަށްވާއިރު، އެ ކަންކޮށްފައިވަނީ ނޭވާ ލާ ނިޒާމަށް އަނިޔާތަކެއް ކޮށްގެންކަމަށްވެސް މީޑީއާތަކާއި ހިއްސާކޮށްފައިވެއެވެ. އޭނާއަށް 2019 ވަނަ އަހަރު ލިބުނު ދަރިއާއިމެދު އަމަލުކުރީވެސް އެ ގޮތުގެ މަތިންކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.
އޭނާގެ ފިރިމީހާގެ ގާތުގައި އެބޯޝަންއެއް ހެދިކަމަށް ބުނެފައިވާކަމަށާއި އެހެންކަމުން މެރިކަން އޭނާއަށް އެނގިފައިނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މައްސަލަ ފާހަގަކުރެވުނީ އެ ގައުމުގެ ސަރުކާރުގެ މުއައްސަސާއަކަށް ވިހި ކުދިންތަކެއްގެ ރެޖިސްޓްރީ ފުރިހަމަ ކޮށްފައިނުވާކަން ފާހަގަކުރެވުނު އިރު، ހޮސްޕޮޓަލުގައި ވިހުމުގެ ރިކޯޑެއް އޮތުމާއިއެކުއެވެ. އޭނާ މި އަމަލުތައް ހިންގި ކަމަށް އެއްބަސްވީ މި މަހުގެ ތެރޭގައި އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިންނެވެ.

