ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގަތުމަކީ ޕާޓީއަށާއި، އެމަނިކުފާނަށް ލިބުނު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދު ސޮލައިޓް ކެފޭގައި، ރައީސް ސާލިހުގެ ކެމްޕެއިން އޮފީހުގައެވެ. އެއަށްފަހު މީޑިއާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި ރައީސް ސާލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖާބިރުގެ ބައިވެރިވުމާއި ހިއްސާ އެމްޑީޕީއަށް ލިބޭނެކަމަށެވެ. އަދި އެއީ އިންތިހާބު ކާމިޔާބުކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައިރުގައިވެސް އަބްދުﷲ ޖާބިރަކީ ހުރިހާ ގޮތަކުން ވަރަށް ބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅެއް.
އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި 2018 ވަނަ އަހަރުގައިވެސް ޖާބިރު ވަނީ ވަރަށް ބޮޑަށް އެހީތެރިވެދީފައިކަމަށާއި، ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ދުވަސްވަރުގައިވެސް ޖާބިރާއިއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި އެބަހުރިކަމަށް ރައީސް ސާޅިހު ވިދާޅުވިއެވެ. އެހެންކަމުން އެ ތަޖުރިބާގެ އަލީގައި ޖާބިރު ކުރިއަށް އޮތް ދުވަސްތަކުގައި ޖޯޝާއި ފޯރިއާއިއެކު އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މިއަދުގެ ޒުވާނުން ދެކޭ ގޮތުގައި ޒުވާނުންގެ ލީޑަރުކަމަށެވެ. އެހެންކަމުން ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންފައިމިވަނީ ވަރަށް ރަނގަޅު ވަގުތެއްގައިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ޖާބިރަށް ޝުކުރު އަދާކޮށް، ރައިސް ސާލިހުވަނީ މަރުހަބާ ދަންނަވާފައެވެ.
ޖާބިރު ވަނީ ރައީސް ސާލިހަށް އިންތިހާބު ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި އެމްޑީޕީއަށް ވެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގައި ޖާބި ވަނީ ދެއްވާފައެވެ.

