ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިބޭ އާމްދަނީ އިތުރުވާ ވަރަކަށް ޖީއެސްޓީ ކުޑަކުރާނެ ގޮތްތައް ހޯދަންވީ ވައުދު ބިލާހަކަށް!

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އަދި ފިނޭންސް މިނިސްޓަރ އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އިގްތިސާދީ ގޮތުން ކުރިއަރައި އާރާސްތުވަމުންދާ ވާހަކައަކީ، އަދުގެ ސަރުކާރުން ލިބޭ ކޮންމެ ފުރުސަތެއްގައިވެސް ފާހަގަކުރާ ވާހަކައެވެ. ފަހަރުގައި އެއީ ރަނގަޅު ތެދު ވާހަކައެއް ކަމަށް ވެސް ވެދާނެއެވެ.

އެހެންނަމަވެސް އޮޑީގައި އަޅާފައިވާ އިންޖީނު ކިތަންމެ ވަރަކަށް އަޕްގްރޭޑު ކުރިނަމަވެސް، ދިޔަވަމުންދާ ވަގުތު، ހައްލުނުކޮށްފި ހާލަތެއްގައި ފެތިގެންދިއުމަކީ ވާން އޮތް ގޮތްކަން އެންމެންނަށް ވެސް ސާފުވާނެއެވެ. އިގްތިސާދީ ކުރިއެރުންތައް ލިބޭ ވާހަކަ ދައްކާ އަޑު އިވިގެންދާއިރު، މާލީ ހާލަތުގެ ނުތަނަވަސްކަމުގެ ވާހަކަތައްވެސް އިވެނީ ހަމަ އެއް މިންވަރަކަށެވެ.

މި ކަންބޮޑުވުންތަކަކީ އިދިކޮޅުން ދައްކާ ވާހަކަތަކުގެ ސަބަބުން އުފެދޭ ކަންބޮޑުވުންތަކެއްކަމަށް ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުން ސިފަކުރިނަމަވެސް، ހަގީގަތުގައި މި ކަންބޮޑުވުންތައް އުފެދިގެން އަންނަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުންނެވެ. އިގްތިސާދީ ހަމަޖެހުން ގާއިމުވެ، ކުރިއެންތަކެއް ލިބިފައިވާނަމަ، އަމިއްލަ މާލީ ބާރުވެރިކަމުގެ މަތީ ގައުމުގެ ކަންކަން ކުރެވިގެންދާ މަންޒަރު ފެންނާނެއެވެ.

އެހެންނަމަވެސް ފެންނަނީ އެ ވާހަކަތަކާއި ނުބައްދަލު މަންޒަރެކެވެ. ދިވެހި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށްދިނުމުގެ ބާރުވެސް މާލިއްޔާތުގައި ނެތްފަދައެވެ. ނަރުދަމާވެސް އަޅަނީ އަވައްޓެރި ގައުމެއް ނުވަތަ މާލީ މުއައްސަސާއަކުން ދިއްކޮށްލާ ފައިސާކޮޅުންނެވެ. ބަނދަރެއް ބުރިޖެއް ކިޔާނެކަމެއް ނެތެވެ. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މަޝްރޫޢޫތަކަކީ ކޮންމެވެސް އެހެން ގައުމެއްގެ ބާރު ހިނގާނެ ކަންކަމެވެ.

ތިމާއަކީ ތަނަވަސްކަމެއް ލިބިފައިވާ މީހެއް ނަމަ، ގޯތި ގެދޮރުގެ މައްޗަށް ބީރައްޓެއްސެއް އަދި އަވައްޓެރިއެއްގެ ބާރު ހިނގާނެ ގޮތަކަށްވެސް އަމަލު ނުކުރާނެއެވެ. ކުރާ ނަމަ ކުރާނީ މަޖުބޫރީ ހާލަތެއްގައިކަން ކަށަވަރެވެ. މިނިވަންކަމާއި ސިޔާދަތައް ބުރުއެރުމުގެ ފުރުސަތެއް އޮތް އެއްވެސް މަގަކުން ނުހިނގާނެއެވެ.

އަދުގެ ސަރުކާރު ވެރިކަމުގެ ތާޖު ހިއްލާލީ ރައްޔިތުންނަށް ލިއްބައިދޭނެކަމަށް ވައުދުވި މޮޅުތަކުގެ އުންމީދުގެ ބާރުގައިކަން ޔަގީނެވެ. އޭގެ ތެރޭގައި އިގްތިސާދީ އެތައް ވައުދެއް އެކުލެވިފައިވެއެވެ. ވެރިކަމުގެ ދައުރު ނިމުމާއި ގާތަށް އައިސްފައިވާއިރު، އެ ވައުދުތައް ފުއްދިފައިވާ މިންވަރަށް ބަލާލުން މުހިންމެވެ. ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގެ ވާހަކަތައް ވަނީ ދައްކާ ހާއެވެ. މިއަދާއި ހިސާބަށް އެވެރިންގެ ކަންބޮޑުވުންތަކުގެ އަޑުތައް ކެނޑިފައިނުވާތީ އެ ސިނާއަތުތަކަށް ވެވަޑައިގެންނެވި ވައުދުތައް އޮތް ހިސާބު ވަރަށްވެސް ސާފެވެ.

ޓެކްސް ފްރީ ސަރަހައްދުތަކެއް ގާއިމު ކުރުމަކީ ދިވެހި އިގްތިސާދީ ހާލަތު ހަރުދަނާ ކުރުމުގެ ގޮތުން ވެފައިވާ ވައުދެކެވެ. ވައުދުވެވަޑައިގެންނެވީ އުތުރާއި ދެކުނު އަދި މެދުރާއްޖޭގައިވެސް މީހުން ދިރިއުޅޭ ރަށްތަކުގައި ޑިއުޓީ އަދި ޓެކްސް ލުއިކުރުމަށާއި އިގްތިސާދީ މަރުކަޒުތަކެއް ގާއިމުކޮށްދެއްވުމަށެވެ. ގޫގުލް ސާޗު ކުރިޔަސް މިކަން ކޮށްދެއްވިކަމުގެ ހިލަމެއް ވާކަށް ނެތެވެ. މި ވައުދުގެ ދަށުން ބޭރުން ގެނެވޭ މުދާތައް އުތުރު އަދި ދެނުގައި “ގާއިމުކުރެވިފައިވާ” ޕޯޓުތަކަކަށް ގެންދިއުމުން ޓެކްސް ނެގޭ މިންވަރު ކުޑަވާނެއެވެ. އެހެންނަމަވެސް އިވެނީ ތަފާތު އަޑެކެވެ. އައްޑޫ އަދި ކުޅުދުއްފުށީގައިވެސް އެ މަސައްކަތްތައް ކުރުމަށް ސަރުކާރުން އަހަމިއްޔަތެއް ނުދޭކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު ސިފަކޮށްފައިވެއެވެ. ކުޅުދުއްފުށީގެ ބަނދަރުގައި ފެން ހުރީ ކަކޫތާ ފެނަށްކަމަށް ފާހަގަކޮށްފައިވެއެވެ.

ޓެކްސްގެ ނިޒާމު ހަރުދަނާކުރުމަކީވެސް ޖަޒީރާ ސަރުކާރުގެ ވައުދެކެވެ. ނިޒާމު ހަރުދަނާ ކުރެވިއްޖެތޯ ކޮންމެ ބޭފުޅަކުވެސް އަމިއްލައަށް ވިސްނާވަޑައިގަތުން ވަރަށްވެސް މުހިންމެވެ. ހަރުދަނާ ކުރުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބިގެންދާންޖެހޭ ކަމެކެވެ. އެހެންނަމަވެސް މި ސަރުކާރަކީ ރައްޔިތުން “ފެލައިގެން” ގައުމު ހިންގަމުންދާކަމަށް ނަންވެފައިވާ ސަރުކާރެކެވެ. ނިޒާމެއް ހަރުދަނާ ކުރުމަކީ އެ ނިޒާމުގެ ބޭނުންކުރެވެމުންދާ ގޮތްތައް އިސްލާހުކުރުމެވެ.

މި ސަރުކާރަށް އެ ވައުދު ފުއްދިފައިވާނަމަ، ޓެކްސް ފައިސާއިން ހަރަދު ކުރެވޭ މިންވަރުތައް އިތުރުވެ، ނުކެތުމުގެ ސަބަބުން ރައްޔިތުންގެ ޖީބަށް “އަތްބާނަން” ނުޖެހުނީސްކަން ކަށަވަރެވެ. އެހެންނަމަވެސް މި ސަރުކާރަކީ ރައްޔިތުންގެ މާލީ ހާލަތަށްވުރެ ގޯސް ހާލަތެއްގައި އޮތުމުގެ ސަބަބުން އެކަން ކުރަން މަޖުބޫރުވެ، ނަގަމުންދާ ޓެކްސްގެ އަދަދުތައް އިތުރުކުރި ސަރުކާރެކެވެ. އެކަން އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެންދާނެކަމުގެ އިންޒާރުތައް އެކި ފަރާތްތަކުން ދެމުންދަނިކޮށެވެ. ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް އަމާޒުވަމުންދަނިކޮށެވެ.

ޓެކްސް އާއި ގުޅޭ ކަންކަން މިވަރުން ނުނިމެވެ. އެންމެ ބޮޑު ކަމަކަށް މެނިފެސްޓޯގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ލިބޭ އާމްދަނީ އިތުރުވަމުންދާ މިންވަރަކަށް ޖީއެސްޓީ ރިވިއުކޮށް ދަށްކުރެވޭނެ ގޮތްތައް ހޯދުމުގެ ވައުދެވެ. ވީ ވައުދުތައް ގިނަކަމުން ހަނދުމައިން ކައްސާލާފައިވުން އެކަށީގެންވެއެވެ. މި ސަރުކާރުން މިއަދު އެފަދަ އެއްވެސް ވިސްނުމެއް ގެންގުޅޭކަމަށްވެސް ފާހަގައެއް ނުކުރެވެއެވެ. ކުޑަކުރަން ބުނި ޓެކްސް ވީ ބޮޑެވެ. އެއީ ޓެކްސް ރިވުއު ކުރުމުގެ އައު ވައްތަރެއް ކަމަސް ވެސް ވެދާނެއެވެ.

ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށްވެސް ވައުދުވެފައިވެއެވެ. އެހެންނަމަވެސް ކަން ހިނގަނީ ދިމާ އިދިކޮޅަށެވެ. މިއަދު ގިނަ  ދާއިރާތަކެއްގެ މުސާރަތައް ބޮޑުކޮށްފައިވާއިރު، އެ ލިބުނު އިތުރުވުމުގެ އަސަރުތައް ރައްޔިތުންގެ ދިރިއުޅުމުން ފެންނާކަށް ނެތެވެ. ތަކެތީގެ އަގުތައް ބޮޑުވެއްޖެއެވެ. އިންފްލޭޝަން އިތުރު ވެއްޖެއެވެ. އަދި ދިވެހި ފައިސާގެ އަގު ވެއްޓިފައިވާ މިންވަރުތައް ދެނެގަތުމަށް އެއްވެސް ބަޔަކު ސީދާ މަސައްކަތް ނުކުރާނަމަވެސް މިއަދު ދިވެހި ފައިސާގެ އަގު ވެއްޓިފައިވާނެކަމުގެ އިންޒާރުގެ ރަނގަބީލުތައް އެބަ އިވިގެންދެއެވެ.

ފައިސާއަކީ ގޭގައި އިންނަ ޕްރިންޓަރަކުން ޕްރިންޓުކުރެވޭ އެއްޗެއް ފަދައެވެ. މި ސަރުކާރުން ދިވެހިރާއްޖޭގެ ހަރަދަށް ޒިންމާވާ ގާނޫނު ސަސްޕެންޑުކޮށްގެން ފައިސާ ޗާޕުކުރާ ވާހަކަތައް ދައްކަނީ އިދިކޮޅުން އެކަންޏެއް ނޫނެވެ. ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުންވެސް އެ ވާހަކަތައް ދައްކައެވެ. ދައްކާނެއެވެ. ދިވެހިރާއްޖޭގެ ނަންމަތީ އެތައް ލޯނެއް ނަގާފައިވުމުން، އެ ފައިސާ އަނބުރާ ހޯދުމުގައި ދަތިތަކެއް ދިމާވެދާނެކަމާއިމެދު ދިން ފަރާތްތަކުން ކަންބޮޑުވާނެއެވެ.

ވޯލްޑު ބެންކުން ބުނެފައިވާގޮތުން، ފިނޭންސްއިންވަނީ ފައިސާ ޗާޕު ކުރުމަށް ކަނޑައެޅިފައިވާ އަދަދާއި ބަލާ އިންތިހާއަށް އިތުރު އަދަދަކަށް ފައިސާ ޗާޕު ކޮށްފައެވެ. އެގޮތުން އެމްއެމްއޭ މެދުވެރިކޮށް ރައްޔިތުންގެ އެކްއުންޓުން ފައިސާ ނެގުމުގެ ލިމިޓު 170 މިލިއަންގައި ހިފެހެއްޓިފައިހުރުމަށްފަހު، މިއަދު އެ އަދަދުތައްވަނީ 4 ބިލިއަންއަށް އަރާފައިކަމަށް ފާހަގަކުރެއެވެ. ފައިސާ ޗާޕު ކުރުމަކީ އެކަމުގެ ސަބަބުން އެ ގައުމެއްގެ ފައިސާގެ އަގު ދަށްވެގެންދާ ކަމެކެވެ. އަވައްޓެރި ލަންކާގެ ސަރުކާރުންވެސް އެފަދަ ގޮތަކަށް އަމަލުކުރުމުގެ ސަބަބުން އެ ގައުމުގެ ފައިސާގެ އަގުތައް އިންތިހާއަށް ވެއްޓިއްޖެއެވެ. އަގު ވެއްޓުނުކަން އެނގިގެންދާނީ އެކަން ބެލުނު ދުވަހަކުންނެވެ.

މައުޟޫގެ ހުލާސާއަކީ ޓެކްސްގެ ނިޒާމަސް ގެންނަން ބުނި ހެޔޮ ބަދަކު ގެނެވިފައި ނެތް ކަމެވެ. އެކަމަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ވެސް ނެތް ކަމެވެ. ކަން މިހެން އޮތް އިރު ދެ ވަނަ ދަުރެއް ދޭން ޖެހޭ އިގްތިސާދީ ސަބަބުތައް ކުރިއަށް އިތް ދެ މަސް ތެރޭގައި ސަރުކާރަށް ސާފުކޮށް ދެއްވިއްޖެނަމަ އެ ވަނީ މެދު ޒިޔާރަށް ގޮސް ނަދަރުރު ބުނުން ފަދަ ކަމަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: