ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫ އިގްތިސާދުގެ ހަގީގީ މަހްފޫމަކީ ގުދުރަތީ މުއްސަނދިކަން: ޒަހާ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އިގްތިސާދީ ސިޔާސަތު، ނޫ އިގްތިސާދުގެ ހަގީގީ މަހްފޫމަކީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ކަމުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި، ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވާ “ބްލޫ ޕްރޮސްޕެރިޓީ” ކޯލިޝަން ގުޅިގެން ކުރިއަށްގެންދާ “ނޫ ރާއްޖެ” ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ޚާއްސަ ވީޑިއޯ މެސެޖުގައި މިނިސްޓަރ ޒަހާ ވިދާޅުވީ ރާއްޖޭގެ އިކޯސިސްޓަމް ދެމެހެއްޓުމަށްޓަކައި ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި އިކޯސިސްޓަމް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް މިހާރުވެސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެފިޔަވަޅުތަކަކީވެސް އެންމެ ފަސޭހަ ފިޔަވަޅުތަކެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ސިޔާސަތުގެ ހަގީގީ މަފްހޫމް ގުޅިފައިވަނީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކަނޑުތަކާއި ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިނިސްޓްރީއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ފިޔަވަޅުތަކަކީ އެންމެ ފަސޭހަ ނިންމުންތަކެއް ނޫން ކަމަށާއި އެހެންނަމަވެސް، އެއީ ރާއްޖޭގެ މަހުގެ ސްޓްކޮ ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އެފިޔަވަޅުތަކަކީ ރާއްޖޭގެ ކަނޑުތަކާއި ކަނޑުތަކުގެ ދިރުންތައް އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކޮށްދެވުނު މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި ރާއްޖެއަކީ ދާ އަޅައިގެން މަސްވެރިކަންކުރުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރެއިން އެއްގައުމު ކަމަށާއި ދޮށީގެ މަސްވެރިކަން ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް ޚާއްސަ އިސްކަމެއް ދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ކުރިއަށް ކުރުމަށްހުރި ކަންކަން ދުރާލާ ޕްލޭންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި “ނޫ ރާއްޖެ” ޕްރޮގްރާމަށް މަރުހަބާ ވިދާޅުވެ، މިއީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއެކު ތިމާވެށި ހިމާޔަތްކުރުމަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއީ ރާއްޖޭގެ އިގްތިސާދު ތަރައްގީކުރުމަށް މަސައްކަތްކުރަމުންދާއިރު ތިމާވެއްޓަށް ސަމާލުކަންދިނުމަށް ލިބުނު އިތުރު ހިތްވަރެއް

މިޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޒަހާގެ އިތުރުން އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވާފައިވާއިރު، ތިން ބޭފުޅުންވެސް ވަނީ “ނޫ ރާއްޖެ” ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ތިމާވެއްޓަށް ލިބޭނެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައިވެސް އަދި މިނިސްޓަރ ފައްޔާޒްގެ ވާހަކަފުޅުގައިވެސް ދިވެހިންނާއި ކަނޑުތަކާއި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ކަނޑުތަކާއި ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

2024 ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއަކީ ނޫ އިގްތިސާދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ވިއުގައެކެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް، ނޫ އިގްތިސާދެއް ބިނާކުރުމުގައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަގްސަދެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: