ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިޙް ސަރުކާރަށް ހަތަރު އަހަރު: އިގްތިސާދީ ގޮތުން ލިބުނީ ކޮންކުރިއެރުމެއް؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އިގްތިސޯދީ މިނިސްޓަރ ފައްޔާޒު އިސްމާއިލް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރުގެ ސަރުކާރުންވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގެ ނަމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެކަންކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުންތަކެއް ލިބި ދިވެހިންނަށް އެކަމުގެ މަންފާ ލިބޭނެކަމަށް ވައުދުވެފައިވެއެވެ. އަދި އެ ނަމުގައި ފަށާފައިވާ ގިނަ މަސައްކަތްތައް ނިންމާފައިވާކަމަށްވެސް ބުނެއެވެ.

ކުރެވިގެންދާނެ އަދި ކޮށްފައިވާ ކަމަށް ބުނާ މަސައްކަތްތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ އަގުވަޒަންކުރުން، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުން، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އާރާސްތުކުރުން، ފަތުރުވެރިކަން ފުޅާ ކުރުން، އެކަމަށްޓަކައި ވައިގެ ބަނދަރުތައް ތަރައްގީ ކުރުން އަދި ކުދި ވިޔަފާރިތައް ކުރިއެރުވުމައްޓަކައި އެސްއެމްއީ ލޯނު ތައާރަފްކޮށް، އެސްއެމްއީ ހަބު ގާއިމު ކުރުމާއި މިނިމަމް ވޭޖު ކަނޑައެޅުމާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުންވެސް ހިމެނެއެވެ.

މަސައްކަތްތެރިކަމުގެ އަގު ވަޒަން ކުރުން:

މަސައްކަތްތެރިންގެ އަގު ވަޒަން ކުރުމަކީ މި ސަރުކާރުން ކޮށްދޭނެކަމަށް ބުނި އެއް ކަމެވެ. މިއަދު ވެރިކަމަށް 4 އަހަރު ހޭދަވެގެންގޮސްފައިވާއިރު، އިގްތިސާދުގެ ތެރެއިންނާއި ގުޅިފައިވާ ކަންކަމުގެ ތެރެއިން ގިނަ އަދަދެއްގެ ކުރިއެރުންތައްވެސް ލިބިގޮސްފިއެވެ. އެހެން ނަމަވެސް ޖުމުލަގޮތެއްގައި އިގްތިސާދީ ހާލަތު އެކަށީގެންވާކަމަށް ބުނެވެންވެސް ނެތެވެ. ސަަބަބަކީ އިގްތިސާދީ ހާލަތާއި ގައުމެއްގެ މާލީ ހާލަތާއި ގުޅިލާމެހިފައިވުމެވެ.

އިގްތިސާދީ ހާލަތު ކުރިއަރައިދިއުމުން މާލީ ހާލަތަކީވެސް ރަނގަޅުވެގެންދާނެ ކަމެކެވެ. އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތުގެ ތެރެއިން ދާއިރާތައް ކުރިއެރުވުމަށް އާ އުސޫލުތައްވެސް ތައާރަފްކުރިއެވެ. އެހެން ނަމަވެސް އަދިވެސް ރާއްޖޭގައި މަސައްކަތްތެރިންގެ އަގު ވަޒަންކުރެވި، އެކަށީގެންވާ އުސޫލެއްގެ މަތިން ހައްގުތައް ކަށަވަރު ކުރެވިފައިނުވާކަން އިނގިގެންދަނީ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓުވެސް މަޖިލީހަށް ފޮނުވުނީ އިހައް ދުވަހަކު ކަމަށްވުމުންނެވެ.

އެހެންކަމުން މި ސަރުކާރުގެ އިގްތިސާދީ ކަންކަން ހުރި ގޮތަށް ފާޑުކިޔާއިރު، ވަކި ވަކި ދާއިރާތަކަށް ބަލާލުމަކީ މުހިންމު ކަމެކެވެ.

މަސްވެރިކަން:

ތެދެކެވެ. އެމްއެމްއޭ އަދި ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުންނާއި، ސިނާއަތުގެ ތެރެއިން  ހަދެމުންދާ ރިކޯޑު ތަކަށް ބެލުމުން، ދިވެހި ތާރީހުގައި އެންމެ ގިނައިން މަސްކިރުވިކަމުގެ ޝަރަފު ލިބިގެންދާނީ މިހާރު ވެރިކަން ކުރަމުންދާ ފަރާތްތަކަށެވެ.

ސިނާއަތުގެ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކައް ހައްލުތަކެއް ގެނައުމުގެ މަގުސަދުގައި ސަރުކާރުގެ މަސް ކުންފުނިންވަނީ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ވަކި މިންގަނޑެއްގައި ހިފަހައްޓާފައެވެ. މިހާރު 17 ރުފިޔާގައި ހިފެހެއްޓިފައިވާއިރު، މިކަން ވެގެންގޮސްފައިވަނީ އެތައް މުޒާހަރާއެއް އަދި ގިނަ ބައެއްގެ ހިތްހަމަނުޖެހުންތަކަށްފަހުއެވެ.

މަސްވެރިކަމުގެ ސިނާއަތު ކުރިއަރައިގޮސްފައިވާކަމުގެ ހެކިތައް ފެނެއެވެ. މިފްކޯއިންވަނީ އައްޑޫގައި ގާއިމު ކުރި ފިޝިންގް ކޮމްޕްލެކްސްވެސް މަސައްކަތްތައް ކުރެވޭ ހާލަތައް ގެނެސް ހިދުމަތްތައް ދޭން ފަށާފައެވެ. އެހެން ނަމަވެސް އެތަނުގައި އަދިވެސް މަސްކިރުމަށް ދަތިތަކެއް ހުރެއެވެ. އެގޮތުން ބޯޓު ފަހަރު ކައިރި ކުރުމަށް ހުރި ދަތިތައް ހައްލު ކުރުމަށް ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީ އާއި އެކު މަސައްކަތްތަކެއް ކުރަމުންދާކަން މިފްކޯއިންވަނީ ހާމަކޮށްފައެވެ.

މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުނުކޮށްދިނުމަކީވެސް މިހާރުގެ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހުރި 14 އައިސްޕްލާންޓެއްވަނީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ.

މަސްވެރިންނަށް އެކަން ކުރުމުގައި އިތުރު ލުއިތަކެއް ހޯދައިދުނުމުގެ ގަސްތުތައް މި ސަރުކާރުގެ ހުރިކަމަށް ހާމަކޮށްފައިވެއެވެ. ސައުދީ ފަނޑުގެ ދަށުން 97 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އަދި އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކުގެ 5.13 މިލިއަން ޑޮލަރު އެލޮކޭޓުކޮށްފައިވަނީ މަސް ދޯނި ފަހަރުގައި އާރްއެސްޑަބްލިއު ފިނި ކުރާ ނިޒާމު ގާއިމު ކުރުމަށެވެ. ސަރުކާރުގެ އަމާޒެއްކަމަށް ބުނަނީ 200 މަސް ދޯންޏެއްގައި ފިނި ކުރެވޭ ނިޒާމު ހަރުކުރުމެވެ.

މިފްކޯއިން މަސްކިރަމުންދާ ކެޕޭސިޓީ އިތުރު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ފެސިލިޓީތައް ތަރައްގީކޮށް، މަސް ކިރޭ އަދަދާއި ފިނި ކުރެވޭ އަދަދުގެ އިތުރުން ދަޅު މަސް އުފައްދާ މިންވަރުތައް އިތުރު ކުރުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ. މި މަސައްކަތްތައް ވަކި މިންގަނޑަކަށް ކުރިއަށް ގޮސްފައިވާއިރު، ދިވެހި މަސްވެރިން ބާނާ މަސް ނުކިރި ލަސްވުމުގެ ސަބަބުން ހަލާކުވެ ކަނޑަށް އަޅާލަން ޖެހުމުން މިއީ ފުއްދިފައިނުވާ ވައުދެއް ކަމަށް ބުނެވިދާނެއެވެ.

މި ސިނާއަތުގެ ކުރިއެރުމަށް ކޮށްފައިވާ އެންމެ ރަނގަޅު އެއްކަމަކީ ދޮށީ މަސްވެރިންނަށް އުޅަނދުތަކަށް އަޅާ ދީސެލް އަށް ޑިއުޓީ ކަނޑާލުމެވެ. އެގޮތުން މިކަމުގެ މަންފާ ރެޖިސްޓާރ ކުރެވިފައިވާ 359 ދޯންޏަކަށް ލިބެއެވެ. ސިނާއަތު ފުޅާ ކުރުމަށްވެސް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން މެރިކަލްޗާގެ އުސޫލު ތައާރަފްކޮށް އެކަމުގެ ބައެއް މަސައްކަތްތައްވަނީ ކުރެވިފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޅާ ކުރުމަށާއި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ޖުމުލަ ގޮތެއްގައި ކުރެވިފައިވާ އިރު، އެންމެ ފާހަގަކުރެވިގެންދާ އެއްކަމަކީ މަސްވެރިންގެ ޝަކުވާތަކުގެ އަޑުތައް ކެނޑިގެން ނުދާކަމެވެ. ގިނަ އަދަދެއްގެ މަސްވެރިން މަސްކިރުމުގައި ދަތިތައް ދިމާވެ އެކަމާއި ނުރުހުން ފާޅު ކުރަމުންދާއިރު ގިނަ އަދަދެއްގެ މީހުން އައިސް ލިބުމުގައި ދަތިތައް ކުރިމަތިވާ ވާހަކަތައްވެސް ހިއްސާ ކުރެއެވެ. އަދި މިއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ މައި ލޭނާރު ކަމަށް ބުނާ ސިނާއަތު ކަމަށްވުމުން، މިއަދު ޖީޑީޕީގެ ނިސްބަތުިން ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިގެންދާ ދާއިރާގެ ގޮތުގައި ވެފައިވުމުން، ސިނާއަތު އެކަށީގެންވާ ވަރަށް ކުރިއަރައިގޮސްފައިވާކަމަށް ބުނުން ވެގެންދަނީ ދަތިކަމަކަށެވެ.

ދަނޑުވެރިކަން:

ރާއްޖެއަކީ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ގައުމެކެވެ. މި ދާއިރާ ފުޅާ ކުރުމަކީވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެކެވެ. އެ މަނިކުފާނުވަނީ މި ވައުދު ފުއްދުމަށްޓަކައި ސަރުކާރުގެ ކުންފުންޏެއް އެކުލަވާލާފައެވެ. އަދި ދާއިރާއަށް ބޭނުންވާ ބައެއް ތަކެތީގެ ޑިއުޓީ ކަނޑާލުމަކީވެސް ކުރެވިފައިވާ ކަމެކެވެ.

އެގްރޯނެޓު މެދުވެރިކޮށް ކޮމިއުނިޓީ ފާމިންގ މަޝްރޫއުއެއް ދާދި ފަހުން ކާށިދޫގައި އިފްތިތާހު ކުރެވިފައިވާއިރު، މި ކުންފުނި މެދުވެރިކޮށް 2023ގެ ތެރެއަށް ގިނަ ރަށެއްގައި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައެޅިފައެވެ.

އެގްރޯނެޓުންވަނީ ކޮންޓްރެކްޓް ފާމިންގެ އުސޫލެއްވެސް ތައާރަފްކޮށްފައެވެ. މި އުސޫލުގެ ދަށުން މިހާރު 400 އަށްވުރެ ގިނަ ދަނޑުވެރިންނާއި އެކު އެއްބަސްވުންތައް ގާއިމު ކުރެވި މަސައްކަތްތައް ކުރެވެމުންދެއެވެ. އަދި ޒަމާނީ ވަސީލަތްތައް ތައާރަފްކޮށް އެ އުސޫލުތަކަށްވެސް ދަނޑުވެރިން އަހުލުވެރިކުރުމުގެ މަސައްކަތްތައް އެގްރޯނެޓުން ކޮށްފައިވާއިރު، ދިވެހިރާއްޖެއަށް ބޭރު ގައުމުތަކުން އިމްޕޯޓު ކުރާ ތަރުކާރީ އަދި މޭވާގެ ބާވަތްތައް ދުވަހަކުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން ސަރުކާރުންވަނީ އެގްރޯނެޓު މެދުވެރިކޮށް ދަނޑުވެރިންނަށް ތަކެތި ފޯރުކޮށްދީ، އެ މަސައްކަތްތައް ފުޅާ ކުރުމަށްވެސް މަގެއް ކޮށުމުގެ މަސައްކަތް ފަށާފައެވެ. ދަނޑުވެރިކަން ކުރާ ސާމާނު އެކި ރަށްރަށަށް އުފުލުމަށް ބޯޓެއް ޑިޒައިން ކުރެވިފައިވާއިރު، އެ ބޯޓު ބަނުމާއި ހިސާބަށް ވާސިލުވުން އޮތީ ކުރިއަށް އޮތް އަހަރުގައެވެ.

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފެންނަން އެބަ އޮތެވެ. އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ، ދަނޑުވެރިކަމުގެ ދާއިރާއަކީ މިއަދާއި ޖެހެންދެން ކޮންމެ ސަރުކާރަކުންވެސް އިހުމާލުވެފައިވާ ދާއިރާއެއް ކަމެވެ. އެގޮތުން މި ސަރުކާރުންވެސް ވަނީ ކުރުން މުހިންމު އެއް ކަމެއް ނުކޮށް ދޫކޮއްލާފައެވެ. ކޮވިޑްގައި ކުރިމަތިވި ކާބޯތެކެތި ނުލިބިދާނެކަމުގެ ބިރަށްފަހުވެސް ފިލާވަޅެއް ނުލިބޭ ފަދައެވެ. ދަނޑުވެރިކަމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްތައް އަދިވެސް ކުރެވިފައިނުވެއެވެ. އެހެންކަމުން ދާއިރާގެ ކަންކަން ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ގާނޫނީ އެއްވެސް ޒިންމާއެއް ނެތް ކަމަށް ބުނެ ޒިންމާއިން ބޯދަމައިގަތުމުގެ ފުރުސަތު އަދިވެސް އޮތީ ފަހިކޮށެވެ.

އެއަރޕޯޓު ތަރައްގީ ކުރުން:

ރާއްޖޭގެ މައި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު ފެށިގެން އައިސްފައިވަނީ 2016 ވަނަ އަހަރުގައި ކަމަށްވާއިރު، އަދިވެސް މި މަސައްކަތްތައް އޮތީ އެކަށީގެންވާ ހިސާބަކަށް ނުގެންދެވިއެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވުމުންނާއި އެ ސިނާއަތު ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރެވެމުން ދިއުމުން، އިންޓާރނޭޝަނަލް އެއަރޕޯޓެއްގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއު އަކީ އަހައްމިއްޔަތުކަން ދީގެން ކުރިއަށް ގެންދިއުން މުހިންމު މަސައްކަތްތަކެކެވެ. 2024 ވަނަ އަހަރަށް ނިމޭނެ ކަމަށް ލަފާ ކުރާ މަސައްކަތްތަކެއް އަދި ނިމިފައިވަނީ 28 އިންސައްތައަށް ކަމަށްވާއިރު، މި އެއަރޕޯޓު ތަރައްގީތަކާއި އެކު އޮޕަރޭޓު ކުރެވޭނެކަމަށް ލަފާ ކުރަނީ 2025 ވަނަ އަހަރުގައެވެ.

މި ސަރުކާރުންވަނީ ގިނަ އަތޮޅެއްގައި އެއަރޕޯޓު ގާއިމު ކުރުމަށް ވައުދު ވެފައެވެ. މިހާރު ވެރިކަމަށް 4 އަހަރު ވެފައިވާއިރު، އަދި ނިމިފައިވަނީ ހއ އަދި ޅ އަތޮޅުގައި ހުރި އެއަރޕޯޓުތަކެވެ. އަދި މ އަތޮޅާއި ގދ ގައި މަސައްކަތްތަކެއް ކުރެވެމުންދާއިރު، އިތުރު ގިނަ އެއަރޕޯޓުތަކެއް އެކި އަތޮޅުތަކުގައި ބިނާ ކުރުމަށް ނިންމި ނިންމުމަށް އަމަލީ މަސައްކަތްތައް ފެށިފައިނުވެއެވެ.

މާލެ ސަރަހައްދުން ބޭރުގައި ހިންގޭ އެންމެ ބިޔަ މަޝްރޫއުއަކީވެސް އެއަރޕޯޓު ހުޅުވުމެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކޮށް، 2.1 ކިލޯމީޓަރުގެ ރަންވޭއެއް 46.2 ކިލޯމީޓަރަށް ދަމާލުމަށް ނިންމައި، އެ މަސައްކަތްތައްވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ހަވާލު ކުރެވިފައެވެ. އަދި އަމަލީ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށް ބުނާއިރު، މި މަޝްރޫޢު ނިމި މަންފާތަކެއް ލިބޭނެ ތާރީހެއް އަދި ސާފުނުވެއެވެ.

އެއަރޕޯޓު ގިނަ ކުރުމަކީ އިންތިހާއަށް ރަނގަޅު ކަމަކަށްވާއިރު، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދުތައް ހުރީ ދާދި އެއްވަރެއްގައެވެ. އެހެންކަމުން ގިނަ އަދަދެއްގެ ފައިސާ ހަރަދުވާ މަޝްރޫޢޫތަކެއް ކުރިއަށް ގެންދާއިރު، މިކަންކޮށް، އެތަންތަނަށް އެކަށީގެންވާ އަދަދަކަށް އުޅަނދު ނުޖައްސާ ނަމަ ބޭކާރުވެގެންދިއުމުގެ ފުރުސަތު ބޮޑެވެ. އަދި މިހާރުވެސް ކޮވިޑްގެ ހާލަތުން ފުރިހަމައަށް އަރައިގަނެވިފައިނުވުމުން މިއީ މިވަގުތައް އެންމެ އެކަށީގެންވާ ފިޔަވަޅު ކަމަކަށް ބުނެވެން ނެތެވެ.

ފަތުރުވެރިކަން:

ދައުލަތަށް ލިބިގެންދާ އާމްދަނީ އެންމެ ބޮޑު ހިއްސާދާރަކީ ފަތުރުވެރިކަމެވެ. މިހާރުގެ ސަރުކާރުން ވަނީ ވިއްސަށްވުރެ ގިނަ ރިސޯޓު ހުޅުވާފައެވެ. އަދި ހޯމް ސްޓޭ ޓޫރިޒަމްގެ އުސޫލުވެސް ތައާރަފްކުރީ މި ސަރުކާރުންނެވެ. އެ އުސޫލުގެ ދަށުން ގިނަ އަދަދެއްގެ ގެސްޓް ހައުސްވެސް ބިނާ ކުރެވިފައިވެއެވެ.

2018 ވަނަ އަހަރާއި 2022 ވަނަ އަހަރާއި ދެމެމަށް މި ސަރުކާރުންވަނީ 16،000 އަށްވުރެ ގިނަ އެންދު އިތުރުކޮށްފައެވެ. އަދި މި ދާއިރާގެ ގާނޫނީ އޮނިގަނޑަށް ގިނަ އިސްލާހުތަކެއް ގެނެސް ދާއިރާ ތަރައްގީ ކުރުމަށް މަސައްކަތްތަކެއްކޮށްފައެވެ.

އެގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް މީހުން ދިރިއުޅޭ ރަށްތަކުން ދޫކުރެވޭ ބިން ކަނޑައެޅުމުގެ ބާރު ކަންސިލުތަކަށް ދީ ގިނަ އަދަދެއްގެ ބިން ދޫކުރެވިފައިވެއެވެ.

އެހެން ނަމަވެސް ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅު ކަމަށްވާ އައްޑޫގައި ހުންނަ ޝަންގްރިއްލާ ރިސޯޓުގެ މައްސަލައަށްވެސް ހައްލެއް ގެނެވިފައިނުވެއެވެ. ގަމު އެއާރޕޯޓަކީވެސް އައްޑޫގެ ފަތުރުވެރިކަމަށް ހުރި ހުރަހެކެވެ. އެ އައރޕޯޓު ނަމުން  ބައިނަލްއަގުވާމީ ބަނދަރެއްގެ ގޮތުގައި ކަނޑައެޅިފައިވެއެވެ. ސްރީލަންކާއިން މިހާރު ދަތުރުތައް ކުރަމުންދިޔަ ނަމަވެސް އަދިވެސް އެހެނިހެން ގައުމުތަކުން އެ އެއަރޕޯޓަށް ފްލައިޓުތައް ކަނޑައެޅިފައިނުވެއެވެ.

މީގެ އިތުރުން މިހާރު ނަގަމުންދާ ޓީޖީއެސްޓީގެ އަދަދުތައް ބޮޑު ކުރުމަށް ނިންމާފައިވުމަކީވެސް ކުރިއަށް އޮތްތާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުތަކެއް ކޮށްފާނެކަމެކެވެ. ޓީޖީއެސްޓީ ބޮޑު ކުރުމުން ދިވެހިރާއްޖެއިން ފަތުރުވެރިންނަށް ކަނޑައަޅާފައިވާ ޕެކެޖުތަކުގެ އަގުތައްވެސް އުފުލިގެންދާނެއެވެ. އެހެންކަމުން މިކަމުގެ ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު އޮވެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ކުރެވުނު މަސައްކަތްތައް:

ރާއްޖޭގެ ވިޔަފާރީގެ ސިނާއަތުގެ ތެރެއިން އަމިއްލަ އުފެއްދުންތައް ފެނިގެންދާ މިންވަރު އިތުރު ކުރުމަށް މިހާރު ވެރިކަން ކުރަމުންދާ ސަރުކާރުންވަނީ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން “އޮތެންޓިކް މޯލްޑިވްސް” ގެ ނަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޑިއުޓީ ފްރީ ފިހާރައެއް ހުޅުވައިފައިވެއެވެ. އަދި މި ނަމުގައި އިތުރު ފިހާރަތަކެއް ހުޅުވައި، އިންޓަރނެޓު މެދުވެރިކޮށްވެސް އުފެއްދުންތައް ގަތުމުގެ ފުރުސަތުތައް ފަހިކޮށްފައިވެއެވެ.

އިގްތިސާދު ކުރިއެރުވުމަށްޓަކައި، ގާއިމު ކުރެވިފަިއވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ފައިދާތަކެއްވެގެންދާނެކަމަށް ސަރުކާރުންވަނީ ލަފާކޮށްފައެވެ. އެގޮތުގެ މަތިން މޯލްޑިވްސް ބިޒްނަސް ނެޓުވޯކު ލޯންޗުކުރެވި މާލީ އަދި އިގްތިސާދީ ކަންކަމުގެ މައުލޫމާތު ފޯރުކޮއްދިނުމަށް އެމްބީއެންގެ ނަމުގައި ޗެނަލްއެއް ލޯންޗުކޮށްފަވެއެވެ.

އިކޮނޮމިކް މިނިސްޓްރީއިންވަނީ ރާއްޖޭގެ ވިޔަފާރީގެ މާހައުލު އެއްތަނަކުން ފެނިގެންދާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތަކެއްވެސް ކޮށްފައެވެ. އެ ކަން ކުރުމަށް ގާއިމުކޮށްފައިވާ އެސްއެމްއީ ހަބު އަދި ހުޅުވިފައިނުވެއެވެ.

ރާއްޖޭގެ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ނަމުގައި ސަރުކާރުގެ ފަރާތުން ގިނަ އަދަދެއްގެ މަސައްކަތްތައް ކުރެވިފައިވާނަމަވެސް، މިއަދު ބާޒާރު މައްޗަށް ނުކުތުމުން ފެނިގެންދަނީ ގިނަ އަދަދެއްގެ ވިޔަފާރިތަކުން އަދިވެސް ވިއްކަމުންދަނީ ބޭރު ގައުމުތަކުން އިމްޕޯޓު ކުރެވިފައިވާ ތަކެތި ކަމެވެ. ދިވެހިންގެ އުފެއްދުންތައް ފެނިގެންދާއިރު، އިގްތިސާދީ ކުރިއެރުމެއް ލިބިފައިވާކަމަށް ބުނޭވޭނެ މިންވަރަށް އިތުރުވެގޮސްފައިވާކަމަށް ބުނެވެން ނެތެވެ.

މިނިމަމް ވޭޖް އަދި މަސައްކަތްތެރިންގެ ހައްގުތައް ހިމާތަޔް ކުރުން:

މި ސަރުކާރުންވަނީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި އެންމެ ކުޑަކޮށް މުސާރަ ދެވޭނެ އަދަދެއް ކަނޑައަޅާފައެވެ. އެހެން ނަމަވެސް ގާނޫނީ ގޮތުން ކަނޑައެޅިފައިވާ ކަމެއް ތަންފީޒު ވަމުންދާ މިންގަނޑުތައް އެކަށީގެންވާ އުސޫލެއްގެ މަތިން ކުރިއަށް ދާކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފެނިގެންދާކަމަށް ބުނެވެން ނެތެވެ. އަދި ބޭރު ގައުމުތަކުގެ މަސައްކަތްތެރިންނަށް މި އުސޫލުގެ ދަށުން މުސާރަ ކަށަވަރުކޮށްދެވިފައިނުވެއެވެ.

މި މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރުންވަނީ ބައެއް ދާއިރާތަކުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، އެކަން ތަންފީޒުކޮށްފައެވެ. އެގޮތުން ތައުލީމީ ދާއިރާގެ މުސާރަތައް ބޮޑު ކުރެވިފައިވާއިރު، ބައެއް މަގާމުތަކަށް އެކަން ފެނިގެން ނުދާކަމުގެ ޝަކުވާތައް ލިބިފައިވެއެވެ.

މަސަކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ނަމުގައި އެކި ކަންކަން ކުރެވިފައިވާކަމަށް މި ސަރުކާރުން ބުނެއެވެ. އެގޮތުން ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާ ކުރުމާއި ބެހޭ ގަވައިދު ވުޖޫދަށް ގެނެވިފައިވެއެވެ. އެހެން ނަމަވެސް ދިވެހިރާއްޖެ އައުމަށް ފަހު ގިނަ އަދަދެއްގެ ބިދޭސީންގެ ހައްގުތައް ގެއްލިގެންދާ ވާހަކަތައް ޓްރާސްންޕެރެންސީ ފަދަ މުވައްސަސާތަކުން ރިޕޯޓުކޮށްފައިވާއިރު، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި، ބިދޭސީން މުޒާހަރާކޮށްފައިވެއެވެ.

ހެލްތް އެންޑް ސޭފްޓީ ޤާނޫނެއް މިހާރު މަޖިލީހަށް ފޮނުވާފައިވާއިރު، އެކަން ކުރެވިގެންދިޔައީ ނުރައްކާތެރި ހާދިސާއެއްގައި ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލިގެންދިއުމަށްފަހުއެވެ. އަދި ބިދޭސީ މުވައްޒިފުން ދިރިއުޅެމުންދާ ތަންތަނުގެ މިންގަނޑުތަކެއް ކަނޑައެޅިގެންދާނެކަމަށް ބުނެފައިވާއިރު، ދާދި ފަހުން ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި އެކު އެފަދަ މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް ބުނުމުގެ ފުރުސަތު އޮވެއެވެ.

ޖުމުލަކޮށް:

އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބިފައިވާކަމަށް މިހާރު ބުނެ ދެކެވެމުންދާ ގިނަ ވާހަކަތަކުގެ ހަގީގަތްތަކުގެ ތެރޭގައި އިގްތިސާދީ ގޮތުން ވެއްޓުމަށްފަހު، ވެއްޓުމުގެ ކުރިން އިގްތިސާދީ މިންގަނޑު އޮތް ހިސާބަށް އަނބުރާ ރުޖޫއަވުން ހިމެނެއެވެ. އިގްތިސާދީ ބޮޑު ކުރިއެރުންތަކެއް އެހެނިހެން އަހަރުތަކާއި އަޅާ ކިޔާއިރު، ލިބިފައިނުވާކަމުގެ ހެއްކި، ވޯލްޑް ބޭންކު އަދި އައިއެމްއެފް ފަދަ ތަންތަނުން ރާއްޖޭގެ މާލީ ކަންކަމުގެ ތެރެއިން ދެމުންގޮސްފައިވާ ލަފާގެ ތެރޭގައި ހިމެނޭ ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމަށް ދީފައިވާ ލަފާއިން ސާފުވެގެންދެއެވެ.

ޓެކްސް ބޮޑު ކުރުމަށް ލަފާ ދީފައިވަނީ ކުރިން އިގްތިސާދު ހުރި މިންވަރަށް އިޔާދަ ވުމަށް ފަހުއެވެ. އެހެންކަމުން ބޮޑު އިގްތިސާދީ ކުރިއެރުމެއް ލިބުމުގެ ބަދަލުގައި ބުނެވެން އޮތީ، އިގްތިސާދު ހަމައަކަށް އެޅެމުންދާކަމަށެވެ. އަދި އިގްތިސާދީ ކުރިއެރުންތަކެއް ލިބިފައިވާކަމަށް ބުނާ ބުނުމާއި، ދަރަނިތައް ދެއްކުމަށާއި، މާލީ ހާލަތުން އަރައިގަތުމަށް ދިވެހި ދައުލަތުގެ އާމްދަނީ އިތުރު ކުރާ ނިޒާމެއްގެ ގޮތުގައި ޓެކްސް ނަގާ އަދަދު އިތުރު ކުރުމަށް ނިންމާފައި ނިންމުމާއި ފުށޫ އަރައެވެ.

ހަމަ ޔަގީނުންވެސް އިގްތިސާދު ކުރިއަރައިގެން ގޮސްފައިވާކަމަށް ބުނާ މިންވަރަށް ކުރިއަރާފައިވާނަމަ، މިއަދު ދަރަނިތައް ދެއްކުމަށް ޓެކްސް ބޮޑު ކުރަން ނުޖެހުނީސްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: