ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ހީނަރުކަން: ވިސްނުން ކޮށިވުމުގެ ސަބަބުން ދިމާވާ ދަތިތަކެއް!

މަސްވެރިކަމާއި އިގްތިސާދީ ބޭނުންތައް ނޫން، އެހެން ބޭނުންތަކަށް ފަޅު ރަށްތަށް ކުއްޔަށް ދޫކުރެވޭ މުއްދަތު އިތުރުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ އުފެއްދުންތެރިކަން ދަށް ގައުމެއްކަމަށް ބުނާ އަޑު އިވެމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. އެހެންނަމަވެސް މިއީ އެ ގޮތަށް ގަބޫލުކޮށް އެ ވާހަކަތައް ދައްކަމުންދާ ގައުމުގެ އިސްވެރިންގެ ވިސްނުން ކޮށި މިންވަރުގެ ފުރިހަމަ މިސާލެކެވެ. އިގްތިސާދެއް ބިނާކުރުމަށް ބޭނުންތެރި ވަސީލަތެއް ފެނުނަސް އެއީ ކޯއްޗެއްކަން ނޭނގެންޏާ އެހެން ވެދާނެއެވެ.

ފުރަތަމަ ކަމަކަށް ރާއްޖޭގެ އެންމެ ވަރުގަދަ ވާންޖެހޭ އިގްތިސާދީ ސިނާއަތަށް ބަލާލަމާތޯއެވެ. މަހަކީ ކެއުމާއި ބުއިންކަމަށް ބުނެ ރީތި ލަވަތައް ހަދައިން ގައުމީ ޓީވީ އިން ޖަހަމުންދާތާ އަަހަރުތަކެއް ވެއްޖެއެވެ. އެހެންމަވެސް މިއަދު މަސްވެރިކަމަކީ ސައިޑް ބިޒްނަސްއެކެވެ. މަސްވެރިންނަކީ ވެރިންގެ ދަރަޖައިން ކައްސާލައި އާދައިގެ ބަޔަކަށް ވެއްޖެއެވެ. މިއީ އަދުގެ އިގްތިސާދީ ހާލަތެވެ. ދުނިޔޭގެ ނިސްބަތަށް ބަލާ ނަމަ މަސްވެރިކަމަކީ 362 ބިލިއަން ޑޮލަރުގެ ސިނާއަތެކެވެ. އެހެންކަމުން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުންދާކަމަށް ބުނާ ގައުމެއްކަމަށް ވާ ރާއްޖޭގެ ރައްޔިތުންނަށް އެ ސިނާއަތުގެ އިސް ސަފުގައި ފައިތިލަ ސާބިތު ކުރެވިފައިނުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެދެއެވެ. އެ 362 ބިލިއަން ޑޮލަރުން ބިލިއަނެއްވެސް ރަނގަޅަށް ނުލިބެނީ އަދި ރައްޔިތުންގެ ޖީބަށް ސިނާއަތުގެ ފުޅާ މިންވަރުގެ އަސަރުތައް ނުކުރަނީ ކޮން ސަބަބަކާއި ގުޅިގެންތޯ؟

ކޮންމެ ވެރިކަމެއް އަދި ވެރިޔަކު ހުއްޓަސް އެ ސިނާއަތުގެ ތެރެއިން ކެނޑިގެންދާ ޝަކުވާގެ އަޑުތަކަށްވުރެ އިވެމުންދާ އަޑުތައް ގިނައެވެ. މަސްވެރިކަމަކީ ރާއްޖޭގެ ރައްޔިތުންގެ ފޫޑް ސެކިއުރިޓީއަށްވެސް މުހިންމު ސިނާއަތެކެވެ. ވަށައި ކަނޑު އޮތުމުން ކޮންމެ ދިމާލަކަށް ބުޅި އެއް އުކާލިޔަސް ބަނޑު ފުރާލެވޭ ވަރުވާނެއެވެ. އެހެންނަމަވެސް އެއްވަނަ ދަރަޖައިގެ މި ސިނާއަތު އޮތް ތާނގައި އޮއްވާ އެހެނިހެން ސިނާއަތުތައް ކޮޅަށް ޖަހައި ކުރިއަރުވަމުންދަނީ ކޮން ހިޔާލެއްގެ މަތިން ބާއޭ ހިތަށް އަރައެވެ. ހަމަ އެކަނި ދަޅު މަހަކީވެސް 18 ބިލިއަން ޑޮލަރުގެ ސިނާއަތެއްކަމަށް ބުނާއިރު، މި ސިނާއަތު އަހަރަކު 4.5 އިންސައްތައިން ފުޅާވަމުންދާނެކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ. އެހެންނަމަވެސް ރާއްޖޭގެ އިސްވެރިންނަށް އެ މަންޒަރެއް ނުފެނެއެވެ. އެކަމުގެ ފައިދާ ނަގައި ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދިނުމަށް ފެކްޓަރީ ޖަހަމުންދާ މަންޒަރުތަކެއްވެސް ނުފެނެއެވެ. އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ބުނެވޭކަަށް ނެތެވެ.

އުޅެނީ ތަންތަނުން ލޯނު ނަގައިގެން ކަނޑުފަޅު ހިމާޔަތްކުރުމުގެ ނަމުގައި ފޫނެއް ފަޔަކަށް ފެންފުރަންށެވެ. އަރިމަތީ ގައުމުތަކުން ދޫކޮށްލާ ދާގަނޑު އައިސް އެޅިފައި އޮންނަނީ ދިވެހިރާއްޖޭގެ ސަރަހައްދީ އިމުގެ ތެރެއިން ފަރެއް މަތީގައެވެ. އަރިމަތީ ގައުމުތަކުގެ މަސްދޯނި ފަހަރު އައިސް ވަތު ފުރާ މަސް ނަގައިގެންދާ މަންޒަރުތައްވެސް ފެނެއެވެ. އެހެންނަމަވެސް ރާއްޖޭގެ އިސްވެރިން ހަމަ އެއްކަލަ ކްލައިމެޓުގައި އަޅައިގަނެ ނެއްޓެން ނޭނގިފައި އެބަ ތިއްބެވެ. ރަނގަޅެވެ. އެކަންވެސް ކުރަންވާނެއެވެ. އެހެންނަމަވެސް އެކަން ކުރެވޭނީ ދިރި ތިބެގެންނެވެ. ދިރި ތިބެވޭނީ ކައި ބޮއެ އުޅެވިގެންނެވެ. ރައްޔިތުން ބަނޑަށް ޖެހޭއިރު ކޮން ކްލައިމެޓެއް ތޯއެވެ.

ދެން އޮތީ ވަރަށްވެސް މަޖާ ހިޔާލެވެ. ރުކަކީ ގައުމީ ގަހެވެ. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިކަހަލަ ގޮތަކަށް ރުށް ތިބިއެވެ. އެހެންނަމަވެސް މިއަދު ލޯކަލް ކައުންސިލުތަކާއި އިސްވެރިންގެ ކަންނެތްކަމުގެ ބޮޑު ކަމުން އެ ރުށްތަކަކީ ރައްޔިތުންނަށް އުނދަގޫތަކެއް ޖައްސާ ތަކެއްޗަށްވެޖެއެވެ. ރުށްގަނޑުތައް އެކީ އެކައްޗަކަށް ނަގާލާ ފަހަރުވެސް ފެނިއްޖެއެވެ. ކުރުނބާ ވެއްޓި މީހުންނަށް އަނިޔާވުމާއި ތަކެއްޗަށް ގެއްލުންވުމުގެ ސަބަބުން ބުޑުން ލުހެލަންޖެހުނު އެތައް ފަހަރެއް ފެނިއްޖެއެވެ. މިއީ އިންތިހާއަށް ހިތާމެވެރިކަމެކެވެ. ކައުންސިލުތަކަށް ދޭ ފައިސާއިން ރަށްތަކަށް މާ ބޮޑެތި ތަރައްގީތަކެއް ނުގެނެވޭއިރު، ރަށުގައި ހުރި ރުކަކުން ކުރުނބާ އަޅާލާނެ މީހަކުވެސް ނުވަނީ ތޯއޭ ހިތަށް އަރައެވެ. ކާށި ތެޔޮ އުފައްދައިގެން ބައިނައްލަގުވާމީ މާކެޓަށް ނެރެވޭނެ ފެންވަރު ހަމަ ނެތީ ބާއެވެ. ނުވަތަ ގައުމުގެ އިސްވެރިންގެ އެވަރުގެ ވިސްނުމެއް ނެތީބާ، ރަށްވަށައި ޒީނަތްތެރިކުރަން ބޮޑެތި ހަރަދުތައް ކުރަމުންދާއިރު، ރައްޔިތުން ދިރިއުޅެމުންދަނީ އެ ޒިނަތްތަކާއި އެއް މިންވަރުގެ ދިރިއުޅުމެއްބާ؟

ގައިމުވެސް ބޭރު ގައުމުތަކުގައި ފެކްޓްރީތަކަކީވެސް ގަސް ގަހުގައި ފެޅި އެއްޗެއް ނޫނެވެ. ހަމަ އެ ގައުމުތަކުގައިވެސް ބިނާކުރީއެވެ. ކޮންމެ އަހަރެއްގެ މައްޗަށް ތާވަލު ކުރެވި ރާއްޖޭގެ ރަށްތަކުގައި ހުރި މީހުންނަށް އުނދަގޫ ވާކަމަށް އެ ބުނާ ރުށްތަކުން ކާށި ކުރުންބާ ނަގައިގެން ސިނާއީ މަސައްކަތެއް ނުކުރެވޭނޯ؟ އެއްވެސް މަސައްކަތަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް ހުރި ވަސީލަތަކުން މަންފާއެއް ލިބޭނެ މަސައްތަކެއް ކުރުން މި ދަރަނިވެރި ގައުމަށް އިންތިހާއަށް މުހިންމެވެ. މިއަދު ކާށިން ތެޔޮ ހާނައިގެންވެސް ދަރަނި ދައްކާނެ ގޮތެއް ހޯދަން ވެއްޖެކަން ޔަގީނެވެ. އިގްތިސާދު ފުޅާކުރާ ކަމަށް ބުނެ އަނގަ ފުޅާކުރި ނަމަވެސް އަމަލީ މަސައްކަތެއް ނުކުރާ ހިނދު އަދި ވިސްނުންތެރިކަމެއް ނެތް ހިނދު ކުރިމަގުގައި އޮތީ ދަރަނިވެރި ހާލަތުން އަރައިގަތުމުގެ ބަދަލުގައި އިނދަޖެހުމެވެ.

ދިވެހިން ތަރިކައާއި ސަގާފަތް އަދި ދިވެހިވަންތަކަމާއި ދުރަށް ޖެހުނު މިންވަރަކީ މިއަދު މިނަރަލް ވޯޓަރ ބޮމުން ބޮމުން ގޮސް ލޮނު ފެނުގެ މަތިން ހަނދާންވެސް ނެތިގެން ދިއުމެވެ. ކާ ކޮންމެ އެއްޗަކަށް އިމްޕޯޓުކޮށްގެން ލޮނު އަޅައިގެން ނޫނީ ނުކެވޭ ދިވެހިންނަށް ލޮނު ފެނުން ލޮނު ނެގޭކަން ނޭނގެނީތޯ؟ ނުވަތަ ޖާހިލީތޯ؟ ނޫނީ ގައުމުގެ އިސްވެރިންނަށް އެފަދަ ހިޔާލެއް ކުރެވި އަމިއްލަ ޖީބަށް ވަންނަ ގޮތަށް އެކަން ކުރަމުންދަނީ ތޯއެވެ. ޔަގީނުންވެސް ރާއްޖޭގައި އިސްކުރުތަކުން ލިބެމުންދަނީ ޑީސެލިނޭޓެޑް ނުވަތަ ފެނުގައި ހުރި ލޮނު ނަގާލުމަށްފަހު، ވަކި ކުރެވުމަށްފަހު ލިބޭ ފެނެެވެ. މި އުސޫލުން ޑީސެލިނޭޝަންގެ ތެރެއިން ލޮނަކީ ޔަގީނުންވެސް އުފެއްދޭނެ އެއްޗެކެވެ. ދުނިޔޭގައި ކޮންމެ އަހަރެއްގެ މަތިން 290 މެޓްރިކް ޓަނާއި ގާތް ކުރާ އަދަދަށް ލޮނު އުފައްދައެވެ. މިއީ 29 ބިލިއަން ޑޮލަރުގެ ސިނާއަތެކެވެ. މި ސިނާއަތުގެ މަންފާ ދިވެހިންނަށް ނުނެގޭނެ އެއްވެސް ސަބަބެއް ނެތެވެ.

ވަށައި ސާފު ލޮނު ފެން އޮތް އިރު އަދި އިގްތިސާދު ފުޅާކުރަމުންދާކަމަށް ބުނާއިރު، މި މިންވަރުގެ އާދައިގެ ކަމެއް ކުރެވިފައި ނެތުމަކީ ހައިރާންވާ ވަރުގެ ކަމެކެވެ. ލޮނު ފެނުން ސާފު ފެން އުފެއްދުމުގެ ތެރޭގައި ލޮނު ނެގޭނެ އެތައް ގޮތެއް އޮތް އިރު، އުފެދިގެންދާ އެ ލޮނު ބަންދުކޮށް ރާއްޖޭގެ އުފެއްދުމެއްގެ ގޮތުގައި މާކެޓު ކުރެވި ބޭރު ކުރެވިފައިނުވުމަކީ ރާއްޖޭގެ ސަރުކާރުތަކުން ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމުގައި ވެފައިވާ އިހުމާލުގެ ފުރިހަމަ މިސާލެކެވެ.

އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި ދިވެހިރާއްޖޭގެ ކުރިމަގު އުޖާލާވެގެންދާކަން ކަށަވަރުކުރުމަށް ކުލަޔަކަށް ނުބަލައި ވަކި މީހަކަށް ނުބަލައި މިހާތަނަށް އެންމެ ރަނގަޅު މިސާލެއް ދައްކާފައިވާ ބަޔަކަށް އަދި ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ރިއާޔަތްކޮށް ވޯޓުދިނުން ކޮންމެހެންވެސް ބޭނުންތެރިއެވެ. ވޯޓުން ނިންމާނީ ވެރިކަމަށް އަންނަ މީހާ ނަމަވެސް ހަގީގަތުގައި ލެއްޕެނީ ނުވަތަ ހުޅުވެނީ ރައްޔިތުންގެ ކުރިމަގުގެ ދޮރެވެ. އެ ދޮރަކީ ތި އެންމެހާ މީހުންގެ ދަރިންނާއި ދަރީންގެ ދަރިންވެސް ބޭނުންކުރުމަށް ބިނާކުރެވިފައިވާ ދޮރުކަން ހަނދާނުގައި ބެހެއްޓުން ކޮންމެހެންވެސް ބޭނުންތެރިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: