ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ނިމުނީ މާލީ ކުރިއެރުންތަކާއިއެކު!

ރައީސް ސާލިހު އަދި އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރާއި އަޅާ ބަލާއިރު، 2022 ވަނަ އަހަރުގެ ނިމިގެންދިޔައިރު ދައުލަތުގެ ރަސްމީ ރިޒާވު ބޮޑުތަނުން އިތުރުވެފައިވާކަމަށް މަރުކަޒީ ބެންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދައުލަތުގެ ރިޒާވްގައި ހުރި ފައިސާގެ އަދަދުތައް ދަށްވަމުންދާކަމުގެ ބިރު ހީވެފައިވާކަމަށް އިދިކޮޅުންނާއި ސިޔާސީ އެކި ބޭފުޅުންދަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، 2021 ވަނަ އަހަރު ނިމިގެންދިޔަ އިރު ރަސްމީ ރިޒާވްގައި ހުރީ 223 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް 2022 ވަނަ އަހަރު ނިމިގެންދިޔަ އިރު 827 މިލިއަން ޑޮލަރު ހުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ 270.85 އިންސައްތައިގެ އިތުރުވުމެކެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ގޮތުގައި ލިބިފައިވާ ބޭރު ފައިސާގެ އަދަދުތައްވެސް އިތުރުވެފައިވާކަމަށް ދައްކައެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުގައި ވާގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ދައުލަތުގެ އާމްދަނީ ގޮތުގައި ލިބިފައިވާ ބޭރު ފައިސާ އަދަދުތައް 134 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މިއީ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު 112 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތުގެ އާމްދަނީ ގޮތުގައި ލިބިފައިވާ ބޭރު ފައިސާގެ އަދަދުތައް އިތުރުވެގޮސްފައިވާ މައިގަނޑު ސަބަބަކީ، ޓީޖީއެސްޓީ، ރިސޯޓުތަކުގެ ލީސް ޕީރިއަޑް އިތުރު ކުރުމަށް ދައްކާ ފީ އަދާކޮށްފައިވުން އަދި ބިމު ކުލީގެ ގޮތުގައި ލިބިގެންދިޔަ ފައިސާގެ ނިސްބަތް އިތުރުވެފައިވުމުންނެވެ.

މަރުކަޒީ ބެންކުގެ ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ އަދަދު އެންމެ މަތީގައި ހިފެހެއްޓިފައިވަނީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައެވެ. އެމްއެމްއޭއިން ބުނެފައިވާގޮތުން ފާއިތުވެދިޔަ ހަތަރު އަހަރުގެ އެވަރެޖްއަކީ 817 މިލިއަން ޑޮލަރެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން ރިޒާވް ވަނީ އެވަރެޖްކޮށް 318.63 މިލިއަނުން އިތުރުވެފައެވެ.

ކުރީ ސަރުކާރުގެ ރިޒާވް އެންމެ ދަށަށް ވެއްޓިގެންގޮސްފައިވަނީ 343.5 މިލިއަން ޑޮލަރަށް ކަމަށްވާއިރު، މި ސަރުކާރުގެ ރިޒާވް އެންމެ ދަށަށް ގޮސްފައިވަނީ 499.63 މިލިއަނަށެވެ. އަދި ރާއްޖޭގެ ރިޒާވް އެންމެ ފުރަތަމަ ފަހަރަށް އެއް ބިލިއަން ޑޮލަރަށް އަރާފައިވަނީ 2021 ވަނަ އަހަަރުގެ ތެރޭގައިކަމަށްވާއިރު، ބޭނުން ކުރެވޭ ރިޒާވްގައި ހުރި ފައިސާގެ އަދަދުތައްވެސް އެންމެ މައްޗަށް ގޮސްފައިވަނީ މި ދައުރުގައިކަމަށް ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް އެމްއެމްއޭއިންވަނީ އެ މައުލޫމާތުގެ ތަފްސީލުތައް ހާމަ ނުކުރުމަށް ނިންމާފައެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން 2021 ވަނަ އަހަރުގެ ޔޫޒަބަލް ރިޒާވްގައި ހުރީ 419 މިލިއަން ޑޮލަރެވެ. މިއީ ކުރީގެ ސަރުކާރުގެ ޔޫޒަބަލް ރިޒާވްގެ އަދަދުތައް ހުރި މިންވަރުގެ އެންމެ މަތީ އަދަދާއި ބަލާއިރު 104 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. 2017 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި މި އަދަދު ހުރީ 52 މިލިއަން ޑޮލަރުގައެވެ. މި އަދަކީ ރާއްޖެއަށް ބޭނުންވާ ކާޑައި ތެޔޮ އެތެރެ ކުރުމަށް ބޭނުންވާ އަދަދަށްވުރެ މަދު އަދަދެއްކަމަށް ފާހަގަކުރެވެއެވެ.

ރައްޔިތުން ކަންބޮޑުވާންޖެހޭކަމަށް އަދި ގައުމު ބަނގުރޫޓުވެދާނެކަމަށް ބުނެ ގިނަ ފަރާތްތަކަކުން އިންޒާރުތައް ދީފައިވާނަމަވެސް ސަރުކާރުންވަނީ އެ ވާހަކަތައް ދޮގުކޮށް އެފަދަ ހާލަތެއް މެދުވެރި ނުވާނެކަމަށް ބުނެފައެވެ. 2022 ވަނަ އަހަރު ނިމިގެންދިޔަ އިރު ރަސްމީ ރިޒާވްގައި ހުރި އަދަދަކީ އަންދާޒާ ކުރިވަރަށްވުރެ 29.6 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުން ބުނާގޮތުން، ކޮވިޑް އަދި ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތަކާއި ދަތިތަކުން ދައުލަތުގެ ރަސްމީ ރިޒާވަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ޓީޖީއެސްޓީ އިތުރު ކުރުން އަދި އިންޑިއާގެ މަރުކަޒީ ބެންކާއިދެމެދު ކަރަންސީ ސްވަޕް އެއްބަސްވުމެއް ގާއިމު ކުރުމަކީވެސް ދިވެހި ދައުލަތުގެ ރިޒާވް މެނޭޖުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކެއްކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: