ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޖަލްސާ ކުއްލި ގޮތަކަށް ނިންމާލައިފިއެވެ.
މަޖިލީހުގެ ޖަލްސާ ނިންމާލާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ އަދަދު ހަމަނުވާތީއެވެ. މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު އެމްޑީޕީ އިން ވަކިވި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ޕާޓީ ބަދަލް ކޮށްފައިވާތީ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ރިޔާސަތުން ނިންމައި ޖަލްސާ ކުރުކޮށްލާފައެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ އަދަދު ކަނޑައެޅުމާއި ކޮމިޓީތަކަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކާއި މެދު މެމްބަރުން ބަހުސްކޮށް ގޮތެއް ނިންމައި ފާސްކުރުމެވެ. ނަމަވެސް ޖަލްސާ ކުރިއަށް ނުގެންދެވުމުގެ ސަބަބުން ކޮމިޓީތައް އެކުލަވާލުވުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.
މިއަދުގެ ޖަލްސާ އަކީ މިއަހަރު ދައުރުން ބޭރުން ބޭއްވި ޖަލްސާއެއް ކަމަށް ވުމުން ދެން މަޖިލީހުގެ ޖަލްސާ އެއް އޮންނާނީ ތިންވަނަ ދައުރު ފެށޭދުވަހުއެވެ.
އީދު ބަންދަށް ފަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މި ޖުލައިމަހުގެ މެދުތެރޭގައެވެ.
މަޖިލީހުގައި އެންމެ ފަހުން ކުރިއަށް ދިޔަ ދެވަނަ ދައުރުގެ ޖަލްސާތަކުގެ ތެރޭގައި މަސައްކަތްތައް ކުރިއަށް ގޮސްފައިނުވަނީ މަޖިލީހުގެ ރިޔާސަތު ބަދަލު ކުރުމަށް ވެރިކަން ހިންގާ މައިޕާޓީ އެމްޑީޕީން މަޖިލީހުގެ އިދާރާ އަށް ގަރާރުތަކެއް ހުށަހެޅުމާއި ގުޅިގެންނެވެ.
އެމްޑީޕީގެ 50 އަށް ވުރެ ގިނަ މެމްބަރުން ސޮއިކޮށް މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމާއި އެކު މަޖިލީހުގެ ތެރޭގައި މައްސަލަތައް ބޮޑުވެ މަޖިލިސް ކުރިއަށް ނުގެންދެވޭ ގޮތް ވާން ފެށިއެވެ. އެގޮތުން މަޖިލީހުގައި އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެކި މެމްބަރުން ތަފާތު އެކި ވާހަކަތައް ދައްކައި ދުވަހުގެ އެޖެންޑާ ކޮށްފައިވާ މައްސަލަތަކަށް ބަހުސް ކުރުމުގެ ބަދަލުގައި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ އާއި މުޒާހަރާތަކާއި ޕާޓިތަކުގެ ވާދަވެރިކަމުގައި މަޖިލިސް ނިންމާލަނީއެވެ.
މަޖިލީހުގައި ސިޔާސީ ޕާޓިތަކުގެ ދަފްތަރަށް އައި ބަދަލާއެކު މަޖިލީހުގެ ބިލްތައް ދިރާސާ ކުރާ ކޮމިޓީތައް އެކުލަވާލަންޖެހޭ ކަމަށް އިދިކޮޅުގެ މެމްބަރުންނާއި މިނިވަން މެމްބަރުން ބުނަމުން ދިޔައެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ އިން މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަޖިލިސް ދެވަނަ ދައުރު ޗުއްޓީއަށް ދިޔައިރު މަޖިލީހުގެ ކޮމިޓީތައް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދެވިފައިނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

