2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާ ކެމްޕެއިން މާދަމާ ފެށުމަށް ނިންމައިފިއެވެ.
ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވާ، އެ ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ސާލިހު ކާމިޔާބުކުރެއްވީ، 61.10 އިންސައްތަ، ނުވަތަ 24،566 ވޯޓުންނެވެ. އެމަނިކުފާނަށް ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރެއްވީ ފެބުރުއަރީ 17 ވަނަ ދުވަހުއެވެ.
އެއާއިއެކު މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރެއް ހޯދާނެކަމުގެ ޔަގީންކަމާއި، އެމްޑީޕީއާއިއެކު ކުރިއަށް ވަޑައިގަންނާނެކަމުގެ ޔަގީންކަން އެމްޑީޕީގެ މެންބަރުންނަށް ރައީސް ސާލިހު ވަނީ ދެއްވާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ކޯލިޝަން ހެދުމުގެ ބާރު އެމަނިކުފާނަށް ދެއްވުމާއިއެކު ރައީސް ސާލިހު ވަނީ ގިނަ ސިޔާސީ ޕާޓީތަކަކަށް ކޯލިޝަން ހެދުމަށް ދައުވަތު އަރުވާފައެވެ. މި ދައުވަތު ގަބޫލުކުރައްވައި އެމްޑީއޭ އަދި އަދާލަތު ޕާޓީއިން ވަނީ އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. .
އިންތިހާބު ކާމިޔާބުކުރުމަށް ”އުފާވެރި އަމާން ރާއްޖެ“ ޝިއާރުގެ ދަށުން އެމަނިކުފާނުގެ ކެމްޕެއިން ފެއްޓެވުމަށް އެމްޑީޕީއިން ތައްޔާރުވަމުން އަންނައިރު، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ށ ފޯކައިދޫއިންނެވެ. ކެމްޕެއިން ލޯންޗްކުރުން އޮތީ ފޯކައިދޫގައި ބާއްވާ ބޮޑު ޖަލްސާއަކުންނެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދާމާގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ށ އަތޮޅަށް ކުރައްވާ މި ދަތުރުގެ ތެރެއިން އެ އަތޮޅުގެ ގިނަ ރަށްތަކަކަށް ކެމްޕެއިންގައި ރައީސް ސާލިހު ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލު ބެއްލެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ކެމްޕެއިންގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް އެމްޑީޕީއިން މީގެ ކުރިން ބުނެފައިވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ 7 ކެނޑިޑޭޓަކު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވެއެވެ.
އޭގެ ތެރޭގައި:
- ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
- ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
- ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
- އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް
- އަމިއްލަ ގޮތުން ވާދަކުރައްވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
- އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ މުހައްމަދު މުނައްވަރު
- އަލަށް އުފައްދަވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު
އިދކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ނަމަވެސް، އިދިކޮޅުން ވަނީ 3 ޖުލައިގައި ރައީސް ޔާމީންގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާފައެވެ. ޕީޕީއެމް/ޕީއެންސީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ އެއް ބުރުން ރައީސް ޔާމީން އިންތިހާބު ކާމިޔާބުކުރައްވާނެކަމަށެވެ. އަދި އެމަނިކުފާނަށް ވާދަ ނުކުރެއްވޭނެ ހާލަތެއް އޮތް ކަމަށް ބަލައި ދެވަނަ ވިސްނުމެއް ނެތްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. ކޯލިޝަނެއް ހަދައި ގުޅިފައިވާ ކެނޑިޑޭޓެއް ނުނެރޭނެކަމަށް އަބްދުލްރަހީމް ވިދާޅުވި ނަމަވެސް އިދިކޮޅުން އަންނަނީ ދަ ޑިމޮކްރެޓްސްއާއިއެކު ރައީސް ސާލިހުގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތްކުރަމުންނެވެ.
ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓު މިހާތަނަށް ކަނަޑައަޅާފައިނުވީ ނަމަވެސް ޕާޓީގެ އުފެއްދުމުގެ މަރުހަލާ ކުރިއަށްދާވަރަކުން އެ މަސައްކަތްތައްވެސް ކުރިއަށްދާނެކަމަށް ބެލެވެއެވެ.
މިހާރު ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވާއިރު، އެ ޕާޓީގެ ފަރާތުން ދަނީ އިދިކޮޅާއިއެކު މަސައްކަތްތަކެއް ކުރަމުންނެވެ. އިތުރު ގޮތެއް ނެތް ހާލަތެއްގައި އިދިކޮޅުން ނެރޭ ކެނޑިޑޭޓަކަށް ތާއީދުކުރާނެކަން ދަ ޑިމޮކްރެޓްސްއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ޕީޕީއެމްއިން ތަކުރާރުކޮށް ބުނަމުންދަނީ އިދިކޮޅުގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ.
މީގެ އިތުރުން ނާޒިމްގެ ކެމްޕެއިން ފައްޓަވާފައިވާއިރު، އޭނާ ގެންދަވަނީ ”އުޖާލާ ޒަމާން މެނިފެސްޓޯ“ ގެ ނަމުގައި ރައްޔިތުންނާއި ހަމައަށް އޭނާގެ މެނިފެސްޓޯގައި ހުރި ކަންކަން ހިއްސާކުރަމުންނެވެ. އަދި ނާޒިމް ދަނީ ރަށްތަކަށް ދަތުރުކުރައްވައި ކެމްޕެއިން ހަރަކާތްތައްވެސް ކުރިއަށް ގެންދަމުންނެވެ.
ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ފަރާތުންވެސް ރަށްތަކަށް ދަތުރުކޮށް، ދޮރުން ދޮރަށް ހިންގަވާ ކެމްޕެއިން ފަށާފައިވާއިރު، އަމަރުވެސް ގެންދަވަނީ ޖަލްސާތައް ބާއްވާ އޭނާގެ ސިޔާސަތުތައް ހާމަކުރަމުންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް އެއްވެސް ކަހަލަ ހަރަކާތެއް ކުރިއަށް ނުގެންދަވާ ހުންނެވި ބޭފުޅަކީ ޑރ މުނައްވަރެވެ.

