ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް ބޭނުންވާ ގޮތަށް ޕާޓީގެ އެޖެންޑާ ނުހިނގާނެ؛ އިންޑިއާ އައުޓް ހަރަކާތް ދާނީ ކުރިޔަށް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ): ފޮޓޯ / ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓާލުމަށް ޑިމޮކްރެޓްސްގެ މެމްބަރުން ގޮވާލި ނަމަވެސް ޕާޓީގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތް ކަނޑައަޅުއްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށާއި، އެއީ ހުއްޓޭނެ މަސައްކަތެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުރައްހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށާއި، އެ ގައުމުގެ ސިފައިން ރާއްޖޭގައި ދިގު މުއްދަތަކަށް ގާއިމުވެ ތިބުމުގެ ބާރު ގޮތް ނޭނގޭ އެއްބަސްވުންތަކުގެ ދަށުން ދީފައިވާކަމަށް ބުނެ އިދިކޮޅުން ދަނީ އިހުތިޖާޖުތައް ކުރަމުންނެވެ. އިންޑިއާ އައުޓް ނަމުގައި ކުރިޔަށް ގެންދާ މި ހަރަކާތްތަކުގައި، އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ބައިވެރިވެފައިވާއިރު ސަރުކާރުން މި އެއްވުންތައް ސިފަ ކުރަނީ ނަފްރަތު އުފެއްދުން ގޮތުގަ އެވެ.

ޑިމޮކްރެޓްސް އާއި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ މަޝްވަރާތައް ކުރިޔަށްދާއިރު، ޖޮއިންޓް ޕްރެސްތަކުގައި ނޫސްވެރިން ތަކުރާރުކޮށް ކުރާ އެއް ސުވާލަކީ ބޮޑެތި ހިޔާލުތަފާތުވުންތައް ހުރި ދެ ޕާޓީއަކުން މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުންނެވެ. އަދި ރައީސް ޔާމީނަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރާ ދައުވާތަކާއި، އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާއި މެދު ވިސްނުން ބަދަލުވީތޯ ނޫސްވެރިން ސުވާލު ކުރި އެވެ. އެކަމަކު، މި ޕްރެސްތަކުގައި ޑިމޮކްރެޓްސް އަދި ޕީޕީއެމް ވެސް ސިފަ ކުރީ އެއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަކި ހެޑްލައިނެއް ހެދުމުގެ ބޭނުމުގައި އެ ނޫސްވެރިޔާއަށް ފޮނުވާފައިވާ މެސެޖެއް ކަމަށެވެ.

އިންޑިއާ އައުޓްގެ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދައި، ޑިމޮކްރެޓްސް މެމްބަރުން އަދިވެސް ބުނަމުން ދަނީ އެއީ ހުއްޓާލަން ޖެހޭ މަސައްކަތެއް ކަމަށެވެ. އަދި ގައުމަކާއި މެދު ނަފްރަތު އުފެއްދުމަކީ އެއީ ރާއްޖެއަށް ލިބޭ ގެއްލުމެއްކަން ވެސް ފާހަގަކުރި އެވެ.

މި މައްސަލައިގައި އިދިކޮޅު މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ލީޑަރުގެ ގޮތުން އަބްދުއްރަހީމް ދޭން އޮތް ރައްދަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން މަސައްކަތް ކުރަނީ ވަކި ބަޔަކު ބޭނުންވާ ގޮތަށް އެ މީހުން ރުއްސަން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅުގެ ހަރަކާތްތަކުގެ އެޖެންޑާ ތައްޔާރުކޮށް އެކަމުގެ ތަފްސީލާއި އިރުޝާދު ދެއްވަނީ ރައީސް ޔާމީން ކަމަށެވެ.

އެޖެންޑާ ސެޓު ކުރާ ބަޔަކީ އަޅުގަނޑުމެން… ޕީޕީއެމް ޕީއެންސީން އަޅުގަނޑުމެންގެ އެޖެންޑާ ސެޓު ކުރަނީ… ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދާއި އެކީގައި.. އެހެންވީމަ އިންޑިއާ އައުޓްކަމަށް ވިޔަސް އަދި އެހެން އެއްޗެއްކަމަށް ވިޔަސް އަޅުގަނޑުމެން ހުއްޓާލަންޏާ ހުއްޓާލާނީ އަޅުގަނޑުމެންގެ ރައީސްގެ ލަފާގެ މަތީން.. އަދި އޭގެ ކުރިން ސެނެޓަށް އެނގޭނެ، އަޅުގަނޑުމެން ނިންމާ ނިންމުން…

އަބްދުއްރަހީމް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓާލުމަށް، ޑިމޮކްރެޓްސް ގޮވާލުމަކީ އެއަށް އަމަލު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޑިމޮކްރެޓްސް އެކު ކުރިޔަށް ދަނީ ގައުމީ މަސައްކަތެއްކަމަށާއި، އެއީ ރިޔާސީ އިންތިހާބަށް ވާ ތައްޔާރީއެއް ނުވަތަ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓާއި ގުޅުން ހުރި މަސައްކަތެއް ނޫން ކަމަށެވެ.

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތްކަމަށް ބުނެ، އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުފުލަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުންނެވެ. ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ދިގު މުއްދަތަކަށް ހަތިޔާރާއި އެކު އިންޑިއާ ސިފައިންނަށް ތިބުމުގެ ފުރުސަތު ލިބުމާއި އަދި އެ ނޫން ވެސް ހާއްސަ އިނާޔަތްތަކެއް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.

ހާރިޖީ ސިޔާސަތުތަކުގެ ދަށުން، މި ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ދަނީ އިންޑިއާ ކަނޑުގެ ހަމަޖެއުންކަމަށާއި، އިންޑިއާއަކީ އެންމެ ގާތް ގައުމުކަމަށް ފާހަގަކޮށް ރައީސް ސޯލިހު ވެސް ވާހަކަ ދައްކަވަ އެވެ. އަދި އިދިކޮޅުގެ އެކި އެއްވުންތަކާއި، އިންޑިއާ އައުޓްގެ ނަމުގައި ބައްވަމުން އައި ޖަލްސާތަކަށް ކިރިޔާވެސް މަޑުޖެހުމެއް އައީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅުއްވައި ހަރަކާތްތައް ހުއްޓުވުމަށް ސަލަމަތީ ހިދުމަތްތަކަށް އެންގެވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: