އެހެން ސަރުކާރުތަކާއި ހިލާފަށް، މި ސަރުކާރުން ވަނީ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން ހޯދައިދީފައިކަމަށް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ”އުފާވެރި އަމާން ރާއްޖެ“ ޝިއާރުގެ ދަށުން ކުރައްވާ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ށ ފޯކައިދޫގައި ބޮޑު ޖަލްސާއެއް ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ނައިބު ރައީސްކަމުގައި ހުންނެވި ފައިސަލް ނަސީމްގެ އިތުރުން، ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމްޑީޕީއާއިއެކު އިއްތިހާދުވެފައި ތިބި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްޑީއޭ ރައީސް މުހައްމަދު ސިޔާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒް އިސްމާއީލާއި، ކެބިނެޓުގެ ގިނަ ވަޒީރުންވެސް މި ޖަލްސާގައި ބައިވެރިވިވަޑައިގެންނެވިއެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު އިޝާރާތްކުރެއްވީ މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރަށެވެ. އެއީ މާ ބިރުވެރި ދުވަސްތަކެއްކަމަށާއި، މާލޭގެ މަގުމަތީގައި މީހުން މެރުމަށް ޖެހިލުންނުވާ، ވިޔަފާރިވެރިންވެސް ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ސަރުކާރަށް ތާއީދުނުކުރާ ސިޔާސީ މީހެއްނަމަ އިންނަންޖެހުނީ ޖަލުގައިކަމަށާއި، ނޫނީ ރާއްޖެއިން ބޭރުގައި، އަމިއްލަ ގައުމަށް ނައިސްކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ އޭރު ނޫސްވެރިކަމުގެ މިނިވަންކަންވެސް ނެތްކަމަށެވެ. އެހެންކަމުން ރައްޔިތުން ތިބީ މި ހާލަތު ބަދަލުކުރަން ބޭނުންވެފައިކަމަށް ވިދާޅުވެ، ރައީސް ސާލިހު ވަނީ ރައްޔިތުން ބޭނުންވި ހަމަޖެހުން ގެނައުމަށް މަސައްކަތްކުރި ގުޅިފައިވާ ކޯލިޝަނުން އެއްބަސްވީ ކެނޑިޑޭޓަކީ އެމަނިކުފާނުކަމަށް ވިދާޅުވެފައެވެ.
ރައީސް ސާލިހު ވިދާޅުވީ އޭރު ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުން ދިން ތާއީދާއިއެކު، މިދިޔަ ފަސް އަހަރު ދުވަހހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާކަމަށެވެ. އަދި އެ އުފާވެރި އިހުސާސް ކުރެވޭކަމަށް ވިދާޅުވިއެވެ. އެގޮތުން އަސާސީ ހިދުމަތްތައް ކަށަވަރުވުމާއި، އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މުޅި ރާއްޖެއަށް ހަމަޖެހުމެއް ލިބިއްޖެ، ނޫސްވެރިންގެ ގަލަންތައް މިނިވަންތައް މިނިވަންކަމާއިއެކީގައި ފަށައިފި، ޓީވީ ޗެނަލްތައް ތަންމިނަށް ހުޅުވިއްޖެ. ވޮލިއުމް އަޑުގަދަ ވެއްޖެ. ޒަމާންތަކެއް ވަންދެން ނުލިބި ހުރި އަސާސީ އެތައް ހިދުމަތެއް ރައްޔިތުންނަށް ލިބެން ފަށައިފި.
ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް ލިބެމުން އަންނަ ހިދުމަތްތަކާއި، ހަމަޖެހުން ދެމެހެއްޓުންކަމަށެވެ. ރައީސް ސާލިހު ވަނީ މި މަސައްކަތުގައި ށ ފޯކައިދޫ ދާއިރާގެ ކުރީގެ މެންބަރުކަމުގައި ހުންނެވި މަރުހޫމް ހުސައިން ވަހީދު ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް، އެކަމަށް ޝުކުރުވެސް އަދާކުރައްވާފައެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މަސައްކަތްކުރާއިރު، ހުސައިން ނެތުމުގެ އުނިކަން އިހުސާސްވާކަމަށް ރައީސް ވިދާޅުވިއެވެ. ހުސައިން އަކީ އެންމެ ފުރަމަ މިއަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނަށް އިރުޝާދުދެއްވި ބޭފުޅާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ވަށައިގެން ހިނގި ކަންކަމާއި، އަދި މިހާރު ހިނގަމުންދާ ކަންކަމާއިމެދު ވިސްނާ ވޯޓުދިނުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމަށް އިޝާރާތްކޮށްވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ކޯލިޝަނަކާއިއެކު ވެރިކަމަށް އައި ނަމަވެސް ކޯލިޝަނަށް ވެގެންދިޔަ ގޮތް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. 21 ދުވަހުގެ ތެރޭގައި ކޯލިޝަން ރޫޅިގެން ހިނގައްޖެކަމަށާއި، އުމުރު ހަމަނުވަނީސް ވެރިކަން ނިމިއްޖެކަމަށް ފާހަގަކޮށް، އޭރުގެ ނައިބު ރައީސް ކަމުގައި ހުންނެވި ޑރ މުހައްމަދު ވަހިދަށް ވެރިކަން ލިބުނު ގޮތް ހަދުމަފުޅު ކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ. އަދި އެ ބަދަލާއި ގުޅިގެން ރާއްޖޭގައި އެތައް ގޮތަކުން ސިޔާސީ ހަމަނުޖެހުމާއި، ހަލަބޮލިކަން އުފެނުކަމަށް ވިދާޅުވެ، ރައީސް ސާލިހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށްވެސް އިޝާރާތްކުރައްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައިވެސް ކޯލިޝަން ރޫޅިގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިކަމަށް ފާހަގަކޮށް، ރައީސް ވިދާޅުވީ އެއަށްފަހު ސިޔާސީ ބޭފުޅުންތިބީ ޖަލުގައިކަމަށާއި، ނޫސްވެރިންވެސް އުޅެންޖެހުނީ ވަރަށް ހާލުގައިކަމަށެވެ. އަދި ފަނޑިޔާރުގެއަށްވެސް ނުފޫޒު ފޯރުވިކަމަށާއި، މަޖިލީހަށް ވެގެންދިޔަ ގޮތަށްވެސް ރައީސް އިޝާރާތްކުރެއްވިއެވެ. މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މަޖިލީހަށް ވަންނަން އުޅުމުންވެސް އެކަމަށް ހުރަސް އެޅިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ އެހެން ވެރިކަންތަކާއި، މި ވެރިކަން ތަފާތުކަމަށާއި، ރައްޔިތުން ނިންމި ގޮތަށް ކޯލިޝަންވެސް އެބައޮތްކަމަށެވެ. އަދި މިއަދު ލިބޭ ހަމަޖެހުމުގެ ސިއްރަކީ ކޯލިޝަން ދެމި އޮތުންކަމަށް ވިދާޅުވިއެވެ. ސިޔާސީ ލީޑަރުން ތިބީ މިނިވަންކަމާއިއެކުގައިކަމަށާއި، މަޖިލީހުގެ ރައީސް ބޭނުންފުޅުވާގޮތަކަށް މަޖިލީސް ހިންގުމުގެ މިނިވަންކަންވެސް އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިފައިން ވަދެ އެކަން ނުހުއްޓުވާކަމަށާއި، ނުސްވެރިންގެ ގަލަމުގައި ދޯރިޖަހާ، ޓީވީ ޗެނަލްތައްވެސް ބަންދުނުކުރާކަމަށް ވިދާޅުވެ، ރައީސް ފާހަގަކުރެއްވީ ސަރުކާރުން ރައްޔިތުންނަށްކޮށްދެއްވާފައިވާ ކަންތައްތަކެވެ.

