ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުން މަތީ އާބާދީގެ 35 އިންސައްތައަށް ވުރެ އިތުރު އަދަދެއް ގެންގުޅެނީ ދައުލަތުގެ ޕޭރޯލުގައި: ވައްޑެ

"ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ވައްޑެ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރައްޔިތުންގެ 18 އަހަރުން މަތީގެ އާބާދީގެ 35 އިންސައްތައަށްވުރެ ބޮޑު އިންސައްތައެއް ގެންގުޅެމުންދަނީ ދައުލަތުގެ ޕޭ ރޯލުގައިކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އިން އާޓިފިޝަލު ބީޗުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހަކީ ކާޓޫނެއް ފަދަ ބޭފުޅެއްކަަމަށް މީގެ ކުރިން ވިދާޅުވެފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް އެކަމާއި ނުރުހިގެން އުޅުއްވިކަމަށެވެ.

ކާޓޫނެއްކަމަށް ވިދާޅުވަނީ، ރައީސްގެ ކިބައިން ފެނިގެންދާ ބައެއް ކަންކަމުގެ ސަބަބުންކަމަށް ފާހަގަކުރައްވާ ވަހީދު ވިދާޅުވީ، އޭނާ އަށް ރައީސްގެ ފޮޓޯއެއް ފާހަގަކުރެއްވިގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، އެ ފޮޓޯގައި ރައީސް އިންނެވީ ހަށަން ބަނދެލައިގެން ދުރަށް ބަލަހައްޓަވައިގެންކަމަށެވެ. ވަހީދު ވިދާޅުވީ، ފަހަތުގައި ދިވެހި ދެ ދިދަވެސް ބަހައްޓާފައި ހުރިކަމަށެވެ. އޭނާ ވިދާޅުވީ، އެ ފޮޓޯއަށް ވިޝަނަރީ ލީޑަރެއްކަމަށް ފާހަގަކޮށް ސަރުކާރު ބޭފުޅުން ކޮމެންޓުކުރެއްވިކަމަށެވެ.

އޭނާ ވިދާޅުވީ، އެތަން ފެނިވަޑައިގަތުމުން ރައީސްގެ ވިޝަނަކީ ކޮބާއިތޯ ސުވާލުކުރައްވަން ހިތަށް އެރިކަމަށެވެ. އަދި އެއީ ކޮންތާކު ލިޔެފައިވާ ކޮން ވިޝަނެއްކަމާއިމެދުވެސް ސުވާލު އުފެދިގެންދިޔަކަމަށް ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ، އެ ފޮޓޯއާއި މެދު ވިސްނާވަޑައިގަތުމުން އެއީ ރައީސް އޮފީހުގައި އިންނަވައިގެން ސީލިންގްއަށް ބަލަހައްޓަވައިގެން ރައީސް ނަންގަވާފައިވާ ފޮޓޯއެއްކަން އެނގިވަޑައިގެންނެވިކަމަށެވެ.

ކޮވިޑްގެ ދަތިހާލުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވިކަމަށް އަދި ރިޕޯޓުތަކެއް ހުށައެޅިގެންދިޔަކަމަށް ވަހީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ވަނީ އެމެރިކާގެ ކުރީގެ ރައީސް އޮބާމާ ކޮޕީކުރައްވައިގެން އެ ރިޕޯޓުތަކާއިއެކު ފޮޓޯއެއް ނަންގަވާފައިކަމަށެވެ. އެހެންނަމަވެސް ދައުރު ނިމިގެންދާއިރު، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއްކަމެއްވެސް ނުކުރައްވާކަމަށާއި، ކުރައްވާފައިވަނީ ރިޕޯޓުގައި ދެއްވާފައިވާ ލަފާ އާއި ދިމާ އިދިކޮޅަށްކަމަށް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ފުއްދުންތެރިކަން އިތުރުކުރަންޖެހޭ ކަމާއި އެއް ސިނާއަތަކަށް ބަރޯސާވެ ތިބެވެން ނެތް ވާހަކައިގެ އިތުރުން ގުދުރަތީ ވަސީލަތްތަކުގެ ފައިދާ އެންމެހާ ރައްޔިތުންނަށްވެސް ލިބިގެންދާ ގޮތަކަށް ކަންކަން ބައްޓަންވާންޖެހޭ ވާހަކަވެސް ހިމެނިފައިވާނެކަމަށެވެ. އަދި ލާމަރުކަޒީ އުސޫލު ތަންފީޒުކޮށް ބާރުވެރިކަން ލިއްބައިދޭންޖެހޭނެ ވާހަކަވެސް އެކުލެވިފައިވާނެ ނަމަވެސް ރައީސް އެކަންކަން ކުރެއްވީ އިދިކޮޅަށްކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް އަމަލުކުރައްވާފައިވަނީ ރާއްޖެއަށް މާލީ އެހީ ފޯރުވައިދޭ ފަރާތްތަކާއި މާލީ ވުޒާރާތަކުންވެސް ދީފައިވާ ލަފާއާއި އިދިކޮޅަށްކަމަށެވެ.

ވަހީދު ވިދާޅުވީ، 2018ވަނަ އަހަރު ވެރިކަމަށް ވާސިލުވީ ސަރުކާރުގެ ވިޔަފާރިތައް މަދުކުރުމަށް ވައުދުވެގެންކަމަށެވެ. އޭނާ ވިދާޅުވީ، އެހެންނަމަވެސް މިހާރު ރާއްޖޭގެ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް ގިނަކޮށް އެއިން އެއްވެސް ކުންފުންނެއްގައި ޓްރާންސްޕެރެންސީ ނެތްކަމަަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަން ރިޕޯޓުކުރުމަށް ބިނާކޮށްފައިވާ ޕޯޓަލް އާއިވެސް އެއްފަދަކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުންވަނީ “ސުންބުއްޔަކަށް” ހަދާފައިކަމަށެވެ. އެހެންނަމަވެސް އާމްދަނީ ހުރީ ބާޒާރު ކޮތަޅެއްގެ މިންވަރުގައިކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ އެ ހުރިހާ ތާށިތަކާއި ދަރަނިތައް ހުރި އިރު، 30،000 އަށްވުރެ ގިނަ ވަަޒީފާ އުފައްދަވާފައިކަމަށެވެ. ވަހީދު ވިދާޅުވީ، ރާއްޖޭގެ ކަންކަން ހާމަކުރުމުގެ މިންވަރު ވޭތުވެދިޔަ 7 ވަރަކަށް އަހަރު ދުވަހު ދަށަށް ނުދާ މިންވަރަށް ގޮސްފައިވާކަމަށް ޓްރާންސްޕެރެންސީއިންވަނީ ދާދި ފަހުން ފާހަގަކޮށްފައިކަމަށެވެ. އެހެންކަމުން ކަންކަން އޮޅުންފިލުވުންވެސް ދަތިކަމަކަށްވެފައިވާކަމަށް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، 27200 އެއްހާ މީހުން ވަޒީފާގައި ތިބިކަމަށް ސިވިލް ސާވިސް ވެބްސައިޓުން ފެންނަކަމަށެވެ. އަދި ކޮންޓްރެކްޓު އުސޫލުން 35000 މުއައްޒަފުން އުފައްދާފައިވާކަމަށްވެސް ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައިވެސް 1500 އަށްވުރެ ގިނަ މުއައްޒިފުން އެބަ ތިބިކަމަށެވެ. އޭނާ ވިދާޅުވީ 18 އަހަރުން މަތީގެ އާބާދީ ހުރީ 280،000 ގައިކަމަށްވާއިރު، 100،000 އަށްވުރެ ގިނަ މީހުންނަށް ދައުލަތުން މުސާރަ ދެމުންދާކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން އެ އާބާދީގެ 35 އިންސައްތައަށްވުރެ ބޮޑު އަދަދެއް ގެންގުޅެމުންދަނީ ދައުލަތުގެ ޕޭރޯލުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: