ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ އެއްތަނަކަށް ބައިބޯނުކުރުން: ނާޒިމް

އެމްއެންޕީގެ ލީޑަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ އެއް ތަނަކަށް ބައިބޯ ނުކުރުންކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެ ޕާޓީއިން ގެންގުޅެމުންދަނީ ރާއްޖޭގެ ރައްޔިތުން އެއްތަނަކަށް ޖަމާ ނުކުރުމުގެ ވިސްނުންކަމަށެވެ. އޭނާ ވިދާޅުވީ، އެއްތަނަކަށް ޖަމާވުމުގެ ސަބަބުން އިޖްތިމާއީ މައްސަލަތައް ބޮޑުވެގެންދާކަމަށެވެ. އެހެންކަމުން އެމްއެންޕީއިންވަނީ ރާއްޖޭގެ އިތުރު ހަތަރު ސަރަހައްދެއްގައި “އާބަން ސެންޓަރުތަކެއް” އެޅުމަށް ވިސްނާފައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ އާބަން ސެންޓަރުތަކުގައި އެންމެހާ ވަސީލަތްތައް ގާއިމުކޮށް ރައްޔިތުންނަށް ލިބިގެންދާގޮތަށް އިންތިޒާމުކުރެވިގެންދާނެކަމަށެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީން ރައްޔިތުންނަށް އެ ސަރަހައްދުތަކަށް ދިރިއުޅުން ބަދަލުކުރުމަށް ބާރު އަޅާނެކަމަށެވެ. އޭނާ ވިދާޅުވީ، އޭނާވެސް މިއަދު މާލެ ސަރަހައްދުގައި ދިރިއުޅުއްވަން ބޭނުންވެވަޑައިނުގަންނަވާކަމަށެވެ. އަދި، ހުޅުމާލޭގައި ދިރިއުޅުއްވުމަށްވެސް ޝައުގުވެރިކަމެއް ނުގެންގުޅުއްވާކަމަށެވެ. ނާޒިމް ވިދާޅުވީ، އެ ނޫން ރަށެއްގައި ދިރިއުޅުން އޭނާއަށް މާ ހިތްގައިމުކަމަށެވެ. ނާޒިމް ވިދާޅުވީ، މެންދުރު ވަގުތުގައި ހޫނުކަމެއް އިހުސާސް ކުރެއްވުނުނަމަވެސް، ހަވީރުވުމާއިއެކު ލިބިގެންދާ އުފާވެރިކަން މާލެއިންނާއި ހުޅުމާލެއިން ލިބިގެން ނުދާނެކަމަށެވެ.

މާލޭގައި ދިރިއުޅުއްވާތާ ޒަމާންތަކެއް ވެފައިވާނަމެވެސް އޭނާ ބޭނުންވެވަޑައިގަންނަވަނީ ރަށުން ބޭރުގައި އެހެންކޮންމެވެސް ރަށެއްގައި ދިރިއުޅުއްވުމަށްކަމަށެވެ. އަދި ވިދާޅުވީ، އެއް ވިސްނުންތަކެއް ގެންގުޅުއްވާ އެތައް ބަޔަކު އުޅޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

އެހެންނަމަވެސް އެ މީހުންނަށް މާލެ ސަރަހައްދުން ބޭރަށް ހިޖުރަ ކުރެވޭނީ ވަސީލަތްތައް ގާއިމުކުރެވިފައިވާނަމަ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ފެނާއި ނަރުދަމާގެ ނިޒާމާއި ތައުލީމު ހާސިލު ކުރެވޭނެ ގޮތެއްގެ އިތުރުން ލަފާ ފުރުމުގެ ނިޒާމާއި ހިތްގައިމު މާހައުލެއްގައި ދިރިއުޅެ ނަމާދު ގާއިމުކުރެވޭނެ މަގެއް ކޮށައިދިނިމުން ރައްޔިތުން އެ ސަރަހައްދުތަކުގައި ވަޒަންވެރިވެގެންދާނެކަމަށެވެ.  އޭނާ ވިދާޅުވީ، މާލޭގައި އުޅެން ބޭނުމެއް ނުވާނެކަމަށެވެ. އަދި ހުޅުމާލޭގެ ދެކޮޓަރި ތަނެއްގައިވެސް ނޫޅޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އޭނާ ވަނީ ހުޅުމާލޭގެ ފްލެޓުތަކުގައި ދިރިއުޅުމުގެ ހާލަތު ބައްލަވާފައިކަމަށެވެ. އޭނާ ވިދާޅުވީ ފްލެޓުތަކާއި ރޯހައުސްތަކުގައި އުޅުއްވަމުންދަނީ ނިކަމެތިކޮށްކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން އެފަދަ ފުރުސަތެއް ފަހިވެގެންގޮސްފި ހާލަތެއްގައި އެތަންތަނުގައި ނުތިބޭނެކަން ޔަގީންވާކަމަށެވެ. އޭނާ ވިދާޅުވީ، ފުދިގެން ދިރިއުޅެވޭ މިންވަރަށް ރަށެއް ތަރައްގީ ކޮށްފި ހާލަތެއްގައި އެތަނުގައި މީހުން ދިރިއުޅޭނެކަމަށެވެ.

ނާޒިމް ވިދާޅުވީ، މިއަދުވެސް މާލެ ސަރަހައްދަށް ހިޖުރަކުރަމުންދަނީ އެކަން ކުރަން ޝައުގުވެރިކަމެއް ހުރެގެން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރަމުންދަނީ ދަރިންނަށް ތައުލީމު ދިނުމުގެ ބޭނުމުގައާއި ސިއްހީ ބޭނުންތަކަށާއި އާމްދަނީ އެއް ހޯދުމަށްކަމަށެވެ. އޭނާ ވިދާޅުވީ، މީހުން ހިޖުރަކުރަނީ އެ ތިން ކަން ފުރިހަމަ ކުރުމަށްކަމަށެވެ. އަދި އެ ނޫންކަމެއް ހާސިލުކުރުމަށް މާލެ ސަރަހައްދަށް ހިޖުރަ ނުކުރާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލެ ސަރަހައްދަށް ހިޖުރަކުރުމަށްފަހު ރައްޔިތުން އުޅެމުންދަނީ ނިކަމެތި ހާލަތެއްގައިކަމަށެވެ. އަދި އެހާލުގައި ތިބެން ބޭނުން ނުވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަދުގެ ހާލަތާއި އޭނާގެ ޅަ އުމުރުގައި ކަންކަން ހުރި ގޮތާއިވެސް ދާދި އެއް ގޮތްކަމަށެވެ. އޭނާ ވިދާޅުވީ، ކުރިމަތިވެފައިވަނީ އެއް ހާލެއްކަމަށެވެ.

ނާޒިމް ވިދާޅުވީ، އެއީ ކަންވެގެން ނުވާނެ ގޮތެއްކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ބިން ބޮޑު އެތައް ސަރަހައްދެއް ހުރިކަމަށެވެ. އަދި ބިން ހިއްކުމަކީވެސް ކުރެވިދާނެ މަސައްކަތެއްކަމަށާއި އެތަންތަނުގައި އާބަން ސެންޓަރުތައް ގާއިމު ކުރުމަށްފަހު މާލެ ސަރަހައްދާއި ދުރަށް ދިއުމަށް “ތަރުހީބު” ދޭންވީކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް އެއްގޮތަކަށްވެސް ތާއީދުނުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ގެންގުޅެމުންދަނީ އަނެއްކާވެސް މާލެ ސަރަހައްދަށް އެއް ލައްކައަށްވުރެ ގިނަ މީހުން ގެނައުމުގެ ސިޔާސަތެއްކަމަށެވެ. އޭނާ ވިދާޅުވީ، މާލެއަށްވުރެ މިއަދު ހުޅުމާލޭގެ ހާލަތު ގޯސްވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: