ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީން ވެފައިވާ ވައުދުތައް ފުއްދޭނެ: ނާޒިމް

އާސްކް ނާޒިމް ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީން ވެފައިވާ ވައުދުތަކަކީ ފުއްދައިދެއްވޭނެ ވައުދުތަކެއްކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ދަނގެތި ދާއިރާގެ މެމްބަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

“އާސްކް ނާޒިމް” ޕްރޮގްރާމްގައި ވާހަކަދައްވަމުން ނާޒިމްވަނީ އޭނާ ވެވަޑައިގެންފައިވާ ވަޢުދުތަކަކީ ފުއްދައިދިނުމުގެ ފުރުސަތު އޮތް ކަންކަން ކަމަށެވެ. ނާޒިމް ވިދާޅުވީ، ބަޖެޓު ކުރެވިފައިވާ އިކޮނޮމިކް ޕްލޭނެއް ގެންގުޅުއްވާކަމަށެވެ. އެގޮތުން ރާއްޖޭގައި ފައިސާ ބޭކާރުވަމުންދާއިއުން ހުއްޓުމަކަށް ގެނައުމަށް ވިސްނުންތަކެއް ގެންގުޅުއްވާކަމަށް ފާހަގަކުރެއްވިއެވެ، އޭނާ ވިދާޅުވީ، ފައިސާ ބޭކާރުވަމުންދާ އެއް ސަބަބަކީ އާސަންދަކަމަށެވެ. އޭނާ ވިދާޅުވީ ފޮރިން މިނިސްޓްރީއިން ބޭކާރު ހަރަދުތައް ކުރަމުންދިއުމަކީވެސް އެފަދަ އެއް މައްސަލަކަމަށެވެ.

ނާޒިމް ވިދާޅުވީ، ފައިސާ ބޭކާރުވެގެންދާ ސަބަބުތަކުގެ ތެރޭގައި ފެނަކަށް ފަދަ ކުންފުނިތަކުން ބޭކާރު ހަރަދުތައް ކުރަމުންދިއުންވެސް ހިމެނޭކަމަށެވެ. އޭނާ ވިދާޅުވީ، ފައިސާ ބޭކާރުވަމުންދިއުން ހުއްޓުވައި އެ ފައިސާ އަނބުރާ މުޖުތަމައަށް ނުވަތަ ހައްގުވެރިންނަށް ފޯރުކޮށްދިނުމަކީ އެމްއެންޕީގެ ވެރިކަމެއްގައި ކުރާނެކަމެއްކަމަށެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖޭގައި އިތުރު ސިނާއަތުތައް ތައާރަފްކޮށް ތަރައްގީކުރުމަކީވެސް ގެންގުޅުއްވާ ވިސްނުމެއްކަމަށެވެ. އޭނާ ވިދާޅުވީ އައިޓީ ދާއިރާ އިތުރަށް ފުޅާކުރުމަކީވެސް ކުރެވިދާނެކަމެއް ކަމެއްކަމަށާއި އިގްތިސާދީ މަންފާއެއް ހާސިލުކުރެވޭނެ މިންވަރަކަށް ތައުލީމީ ދާއިރާވެސް ފުޅާކޮށް ބިނާކުރަން ވިސްނާވަޑައިގެންފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ނުނިމި ގިނަ ރިސޯޓުތަކެއް ހުރިކަމަށެވެ. އަދި އެ ރިސޯޓުތައް ބިނާކުރުމަށް ފަހި އެކަމުގެ މަންފާ އާންމުނަށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެފަދަ ބައެއް ކަންކަން ފުރިހަމަކުރެވެމުން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެހާ ބޮޑެތި މައްސަލަތައް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދެވެން ޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ފެނާއި ކަރަންޓުގެ ހިދުމަތުން ލުއިތައް ދިނުމަށް ކަނޑައެޅިފައިވާކަމަށާއި އެހެނިހެން އެލޮވެންސްތައް އިތުރުކުރުން ފަދަކަންކަންވެސް ހިމެނޭނެކަަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ވައުދުތަކެއް ފުއްދައިދެއްވުމާއިމެދު ކަންބޮޑުވާން ނުޖެހޭނެކަމަށެވެ.

ނާޒިމް ވިދާޅުވީ، ރާއްޖޭގެ އިތުރު ސިނާއަތުތައް ތަރައްގީކުރެވުން ފަދަ ކަންކަން ފުރިހަމަ ކުރެވުމުން ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެކަމަށެވެ. އަދި އޭނާ އަމާޒުކުރައްވަމުންދަނީ މުއްސަންދިންނާއި ފަގީރުންނާއި ދެމެދު ފަރަގު ކުޑަކުރެއްވުމަށްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްއެންޕީގެ އިގްތިސާދީ ސިޔާސަތަކީ ރައްޔިތުން ބާރުވެރިކުރުންކަމަށެވެ. އޭނާ ވިދާޅުވީ، އެ ސިޔާސަތަކީ ވަޒީފާތައް އުފެއްދުންކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން މުއްސަނދިންނާއި ފަގީރުން ދެމެދު ފަރަގު ކުޑަކުރުމަކީވެސް އަމާޒެއްކަމަށްވާއިރު އެ އަމާޒު ހާސިލުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއިމެދު ކުރެވުނު ސުވާލަކަށްވެސް ނާޒިމް ޖަވާބުދެއްވިއެވެ. އެގޮތުން އެ ޕާޓީގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދެމެދު ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހިލޭ ގޯތި ދެވެންވާނީ އެކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ދިރިއުޅެވޭނެ މަގު ކޮށިގެންދާން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، މާލެއާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ގޯތިލިބެން ޖެހޭނެކަމަށެވެ. އަދި މާލޭގައި ވަޒަންވެރިވެގެން އުޅޭ ބޭފުޅުންނަށް މާލެ ސަރަހައްދުން ގޯތިލިބެންޖެހޭކަމަށް ގަބޫލުކުރާކަމަށްވެސް ވިދާޅުވިއެވެ.

3000 ރުފިޔާގެ ރަމަޟާން މަހުގެ އިނާޔަތާއި ގުޅޭގޮތުންވެސް ނާޒިމްވަނީ މި ފުރުސަތުގައި ވާހަކަދައްވާފައެވެ. އޭނާ ވިދާޅުވީ، އެ އިނާޔަތަކީ ވަޒީފާގައި ނޫޅޭ ބޭފުޅުންނަށް ދޭނެކަމަށް ވިދާޅުވި އިނާޔަތެއްކަމަށެވެ. އޭނާ ވިދާޅުވީ، އެހެން ކަނޑައެޅުއްވީ ވަޒީފާގައި އުޅޭ މީހުންނަށް ގާނޫނީގޮތުން އިނާޔަތެއް ދިނުމަށް ލާޒިމު ކުރެވިފައިވުމުންކަމަށެވެ. އެހެންނަމަވެސް ވަޒީފާއެއް ނެތް ނުވަތަ ގޭގައި ތިއްބަވާ ފަރާތްތަކަށް އެފަދަ އިނާޔަތެއް ނުލިބުމުން ރަމަޟާން މަހުގައި ދަތިތައް ކުރިމަތިވެގެންދާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެގޮތަށް ހަމަޖެއްސުމުން އެ ދުވަސްވަރު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވެސް އެކަމުގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެކަމަށެވެ.

މިހާރު އޮތް ސަރުކާރުންގެ އިސްވެރިންގެ އަރިސް ބޭފުޅުންނާއި ގާތް ތިމާގެ މީހުންނަށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް ބަަހަމުންދާކަމަށް ފާހަގަކޮށް ކުރެވުނު ސުވާލަކަށް ނާޒިމް ޖަވާބުދެއްވިއެވެ. އޭނާ ވިދާޅުވީ، ހަގީގަތުގައިވެސް މިހާރު އެފަދަ މަންޒަރުތައް ފެންނަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ނު އަގުގައި އެކަން ކުރަމުންދާކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި އޮޑިޓަރގެނެރަލް މެދުވެރިކޮށް އެ ރަށްތަކުގެ ހަމަ އަގު ދެނެގަންނާނެކަމަށެވެ. އަދި އެއަށްފަހު ރަށްތަކުގެ ހަމަ އަގު ހޯއްދަވާދެއްވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ ދައުލަތުގެ ފައިސާކަމަށެވެ. އެހެންކަމުން އެ ފައިސާތައް ހޯއްދަވައިދެއްވާނެކަން ޔަގީންކުރެއްވުމަށް ނާޒިމް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: