އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެ ޕާޓީއިން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ލިބުން ބޮޑު ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު އެންމެ ފުރަތަމަ ފެއްޓެވީ، ރިޔާސީ ޕްރައިމަރީގައި ކެމްޕެއިންތައް ކުރިއަށް ގެންދެވި ޝިއާރު ”ފިކުރެއްގެ ދިރުން“ ނަމުގައި ހަރަކާތްތަކެއް ކުރިއަށް ގެންދެވުމަށެވެ. އެ ހަރަކާތަށް ސޮއި ހަމަކުރުމުގެ މަސައްކަތްވެސް ފައްޓަވައިގެން ކުރިއަށް ގެންދެވިއެވެ.
“ފިކުރެއްގެ ދިރުން“ ގެ މެންބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ހުރިހާކަމަކަށް ހަޖޫ ޖައްސަވައި ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ގެންދަނިކޮށް، ޗާގޯސްގެ މައްސަލައިގެ ތެރެއިން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ”ފިކުރެއްގެ ދިރުން“ އަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަމަށް ތާއިދު ކުރުމާއިއެކު އޭނާ ވަނީ އެމްޑީޕީއިން ވަކިކޮށްފައެވެ. އެއާއިއެކު އެމްޑީޕީގައި ތިބި ”ފިކުރެއްގެ ދިރުން“ އަށް ތާއީދުކުރި ނުވަތަ ރައީސް ނަޝީދަށް ތާއީދުކުރާ ހުރިހާ މެންބަރުންވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
އެމްޑީޕީއިން ވަކިވީ 12 މެންބަރުން ވިދާޅުވީ އެމްޑީޕީއިން ވަކިވެވަޑައިގަތީ ވަކި މީހަކު އަންގައިގެން ނޫންކަމަށާއި، ރައީސް ނަޝީދަށް ކުރާ އިހުތިރާމެއްގެ ސަބަބުންކަމަށެވެ. ރައީސް ނަޝީދު އެ ވިދާޅުވާ ”ރޫޅާލުމަކީ“ އެއީކަމަށްވެސް ވެދާނެއެވެ. ނަމަވެސް އަދިވެސް ވިދާޅުވަނީ ރޫޅާލާނެކަމަށެވެ.
އެމްޑީޕީ ރޫޅާލުމަށްޓަކައި އެ ފެއްޓެވި މަސައްކަތް ކޮޅެއްގައި ނުޖެހި އުޅެނިކޮށް، ދަ ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީ އެކީގައި ލުހި، އެ ޕާޓީއަށް ސޮއި ކުރައްވާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް މިކަމެއްވެސް ހާސިލެއް ނުވިއެވެ. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ގައުމު ނުދެކޭވަރު ވަގެއްގެ ގޮތުގައި ސިފަކޮށް، އެމަނިކުފާނަށް އެތައް ތުހުމަތުތަކެއް ކުރެއްވުމުންވެސް ދަ ޑިމޮކްރެޓްސްއަށް ސޮއިކުރާނެ މާ ބައިވަރު މީހުންނެއް ނުވިއެވެ. މިކަމާއި ހިތްޕުޅާ ނުވެގެން ދެން ފެއްޓެވީ ރައީސް ސާލިހާއި ޒާތީ ގޮތުން ދިމާކުރުމުގެ މަސައްކަތްތަކެވެ.
ހައުސް އޮފް ޑިމޮކްރެޓްސްގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރާ 50 އެއްހާ މީހުން އެމަނިކުފާނު ދައްކަވާ ކޮންމެ ވާހަކައަކަށް އަތްޖެހި ނަމަވެސް، ރައްޔިތުންނެއް އެ ވާހަކަތަކެއް ބަލައެއް ނުގަންނާނެއެވެ. ރައީސް ސާލިހަކީ ”ހެނދުނު މުށެއް ފުރާ ބޭސް ކާ“ ބޭފުޅެއް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެ ދެއްކި ވާހަކަތަކުން ރައީސް ސާލިހަށް އޮތް ތާއީދު ކުޑަވިކަމަކަށް ނުބެލެވެއެވެ. ފެނިގެންދިޔައީ ރައީސް ނަޝީދަށް މިހާރު އޮތް ކުޑަ ތާއީދުވެސް، އިތުރަށް ފަނޑުވެ، އެމަނިކުފާނަށް ކުރި އިހުތިރާމުވެސް ވީ ފަނޑުވެގެން ދިޔަ މަންޒަރެވެ. ވެއްޓުނީ ހޫނު ފެނަށެވެ. އަމާޒުވީ އެތައް ބައެއްގެ ފާޑުކިޔުމެވެ. އަދި އެ ވާހަކަތަކުން ނިންމައެއް ނުލައެވެ. ރައީސް ސާލިހު އެކޭ އެއްފަދައިން އެމަނިކުފާނުގެ ”ހިތަށް ހަތަރު ސްޓަންޓް ލައްވާފައި ނެތްކަމަށް“ ވިދާޅުވެ ރައިސް ސާލިހުގެ ސިއްހީ ހާލުކޮށްޅަށް ޖޯކު ޖެއްސެވިއިރު، އުމުރުފުޅަށް ހަޖޫޖެއްސެވިއެވެ.
ނަމަވެސް މެއި 6 ގައި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން، އެމްޑީޕީގެ ބައެއް މެންބަރުންނާއި، އެހެންވެސް މީހުން ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅަށް ޖޯކުޖެއްސެވިކަމަށް ވިދާޅުވެ، އޭރު އެއީ ގޯސްކަމެއްގެ ގޮތުގައި ބުނި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް މިއަދު އެވާހަކަދެއްކެވީ އެމީހުންގެ ލީޑަރުވީމައި ގޯހެއްނުވިއެވެ. އަދި ނުވިތާކަށް ރައީސް ނަޝީދު ދިފާއުކޮށް ދައްކާނެ އޮއްޓަރެއް ހުރި ވާހަކައެއްވެސް ނުހޯދުނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު ވާދަކުރެއްވުމަށް އިއުލާންކުރެއްވުމާއިއެކު، އެމަނިކުފާނުގެ ހިތުގެ އާލާސްކަން ހުންނަކަމަށް ފާހަގަކޮށް މީހުން ފާޑުކިޔުމުން އެކަން ކުށްވެރިކުރި ދަ ޑިމޮކްރެޓްސް އެއާއި އެއް ދަރަޖައަކަށް ވެއްޓުނުއިރު، މިއީ އެ ބުނާ ޑިމޮކްރެސީގެ ރިވެތި އުސޫލު ރާއްޖޭގައި ފެތުރުމަށް އުފެއްދި ޕާޓީއެވެ.
ރައީސް ސާލިހުގެ އުމުރު 50 މަތިވެފައިވާތީ، އެމަނިކުފާނަށް ގައުމުގެ ހާލަތު ބަދަލުކުރުމަށް ވިސްނަންޖެހޭ ކަންކަން ނުވިސްނޭނެކަމަށް ވިދާޅުވިއިރު، އަމިއްލަފުޅަށްދައްކަވާ ވާހަކައާއި، ކުރައްވާ ކަންކަމާއި ދިމައެއް ނުވެއެވެ. މުސްކުޅިންނަށް ވެރިކަން ނުކުރެވޭނެކަމަށް ވިދާޅުވީއިރު، 50 އިން މަތީގައި އުމުރު ހުއްޓާ، އެމަނިކުފާނު ޖާނާއި މާލުން ގުރުބާންވެގެން އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދަން މަސައްކަތް ކުރެއްވީ ކޮންކަމަކުތޯއެވެ. އެހެންކަމުން ރައީސް ނަޝީދު އެވަނީ ރައީސް ސާލިހު ކުރެއްވީމައި، ރައްޔިތުންނަށް ގެއްލުންވާނެކަމަށް ވިދާޅުވީ ކަންކަން ހުދު އެމަނިކުފާނުގެ ފަރާތުން ރައްޔިތުންނަށް ކުރިމަތިކުރުވާނެ ގޮތަށްވެސް މަސައްކަތް ކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އާއިއެކު މަޝްވަރާތައް ކުރެއްވިއިރު، އުމުރުން ދޮށިވީމައި ވެރިކަން ނުކުރެވޭކަން ނޭނގެނީތޯއެވެ.
ވެރިކަމުގެ އާރާއި ބާރާއި ލައްޒަތް ބޭނުންނުވާކަމަށާއި، އެކަމުގެ ޖާހަތުގެ ދަހިވެތިކަމުގައި އެމަނިކުފާނު މަސައްކަތް ނުކުރައްވާކަމަށް ވިދާޅުވެ، އެމަނިކުފާނަކީ ސިޔާސީ ބޭފުޅެއް ނޫންކަމަށް ފާހަގަކޮށް ދެއްކެވި ވާހަކަތަކުގެ ސަބަބުން އަމިއްލަ ވެރިކަމެއް ގާއިމްކުރައްވަން ކުރެއްވި އުއްމީދު ފުޑުފުޑުވެގެންދިޔައީއެވެ. ދަ ޑިމޮކްރެޓްސްއިން ރައީސް ނަޝީދު ނޫން އެހެން ކެނޑިޑޭޓެއް ނެރުމަށް މަޖުބޫރުވެ، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ނެރެން ޖެހުނީ އަމިއްލައަށް ވާދަ ނުކުރައްވާނެކަމަށާއި، އައު ޕާޓީއެއް އުފެއްދެވީ ވެރިކަމުގެ ދަހިވެތިކަމުގައި ނޫންކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ. ލަދުން ސަލާމަތްވުމަށެވެ. ހަގީގަތުގައި މިއަދު ރައީސް ނަޝީދު އުޅުއްވަނީ ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެންނެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ރައީސް ނަޝީދު ލާހޫރެނީއެވެ.

