ދެވަނަ ދައުރަކަށްވެސް ރަނިން މޭޓަކަށް މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމުވުމުގެ ފުރުސަތު އެބައޮތްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ގާތްވަމުން އަންނއިރު، މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުރީ ކެނޑިޑޭޓުންގެ ރަނިންމޭޓަކަށްވާނީ ކާކުކަމާއިމެދުގައެވެ. އެންމެ ފަހުން ރައީސް ސާލިހު މީޑިއާތަކަށް މައުލޫމާތުދެއްވި ގޮތުގައި މިއަދު ރަނިންމޭޓާއިމެދު ވަކި ގޮތެއް ނިމިގެންދާނެއެވެ. އަދި މަސައްކަތްކުރައްވަމުންދަނީ ހުކުރު ދުވަހު ކެނޑިޑޭސީ ފޯމު ހުށައެޅުއްވުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރަނިންމޭޓުކަމަށް ކަނޑައަޅިދާނެ ބޭފުޅުންގެ ލިސްޓެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތްކަމަށާއި، ނަމަވެސް އަދި ވަކި ގޮތެއް ނުނިމޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޮތް ނިންމާނީ މަޝްވަރާކުރުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ.
މިހާތަނަށް އަމިއްލަފުޅަށް ރަނިންމޭޓުކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ މިހާރު ނައިބު ރައީސް އެކަނިކަމަށްވާއިރު، މިކަމާއި ގުޅިގެން ފައިސަލްއަށް އަނެއްކާވެސް ރަނިންމޭޓުކަން ދެއްވަފާނެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެ ފުރުސަތު އެބައޮތްކަމަށެވެ.

