މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ބިންގަލަށް ހުރި ނުރައްކަލެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއިން ވަކިވެ އަމިއްލަ ޕާޓީ ދަ ޑިމޮކްރެޓްސް އާއިއެކު ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން އެމްޑީޕީއަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު، ޝަރީފްވަނީ އެ މަނިކުފާނުގެ އަމަލުތައް ބަލައިނުގަނެވޭކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކުރައްވާ ނަފްރަތަކީ ހައްދެއް ނެތް އިމެއް ނެތް ނަފުރަތެއްކަމަށެވެ. އަދި ކޮންމެ ހާލަތެއްގައިނަމަވެސް ރައީސް ސާލިހުގެ ކިބައިން ބަދަލު ހިފުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ދޮގު ވާހަކަތައް ހައްދަވައިގެން ފަތުރައްވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން އުފައްދަވަމުންދާކަމަށާއި މަޖިލީހުގެ ރިޔާސަތުގެވެސް ނަހަމަ ބޭޏުންތައް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުގެ ސަބަބުން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަށް ނުރައްކާތަކެއް ކުރިމަތިވަމުންދާކަމަށެވެ.
Former pres @MohamedNasheed hatred towards his former colleague @ibusolih knows no bounds or limits.He is hellbent on to take revenge on IMS. RN continues to spread lies,create political instability,abuse speakers office n threaten the very foundation of our system of government
— Ibrahim Shareef (@AdduShareef) August 2, 2023
ޝަރީފް ވިދާޅުވީ، ނަޝީދަކީ ކިބުރުވެރި މީހެއްކަމަށެވެ. އަދި އޭނާ އެފަދަ ލީޑަރުން ދެކި ދެކި ވަރުބަލިވެފައިވާކަމަށްވެސް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ރައީސް ނަޝީދާއި އެމަނިކުފާނާއި އެފަދަ މީހުންދަނީ ދޮގު ހަދަމުންކަމަށެވެ. އޭނާ ވިދާޅުވީ ދޮގަކަށްފަހު ދޮގެއް ހަދަމުންދަނީ އަމިއްލަ މަސްލަހަތާއި ޝައުގުވެރިކަމުގެ ސަބަބުންކަމަށެވެ.

