ރަށްތަކަށް ވަޑައިގަންނަވާއިރު، މަރުހަބާ ކިޔަން ބޭނުންވާ މީހުން ތިބި ނަމަވެސް ސަރުކާރުން، ވަޒީފާގެ ބިރު ދައްކަމުންދިއުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް ބައްދަލުކުރަން ނުކުރޭކަމަށާއި ރައީސް ސާލިހުގެ އެ އަމަލަކީ ”ނުކުޅެދުންތެރިކަމުގެ“ މިސާލެއްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްއަށް ތާއީދު ހޯދުމުގެ ގޮތުން ތ ތިމަރަފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުވަނީ ސަރުކާރުން ސިޔާސީ މިނިވަންކަމަށް ހުރަސްއަޅަމުންދާކަމަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ތިމަރަފުށްޓަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނާއި ބައްދަލުކުރުމަށް ބޭނުންވެ އެކަން ކުރަން ނުކެރިފައި ކުދިންތަކެއް ތިބިކަމަށް ރަށު ރައްޔިތުން ހިއްސާކުރާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، މަރުހަބާ ކިޔަން ބޭނުންވެ ތިބި ކުދިންނަށް އެމަނިކުފާނާއި ބައްދަލުކުރަން ނުކުރިފައި ތިބީ ސަރުކާރުން ވަޒީފާގެ ބިރުދައްކަމުންދިއުމާއި ގުޅިގެންކަމަށް އެމަނިކުފާނަށް މައުލޫމާތު ލިބޭކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ”ރައީސް ސާލިހުގެ މި އަމަލުތަކަކީ ފިނޑި އަމަލުތަކެއް“ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ވަޒީފާގެ ބިރުދެއްކުމަކީ އިންތިހާއަށް ފިނޑި އަމަލެއްކަމަށާއި އެ އަމަލަކީ ރައީސް ސާލިހުގެ ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ މިސާލެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ގުރައިދޫއަށް ކުރެއްވި ދަތުރުގައިވެސް އެފަދަ ކަމެއް އެމަނިކުފާނުގެ ސަމާލުކަމަށް ގެނެވުނުކަމަށެވެ. އެގޮތުން އެމަނިކުފާނާއި ސަލާމް ކުރުމަށް އަންނަ މީހުން ބެލުމަށް މީހުން ތިބޭކަމަށާއި އެއަށްފަހު އެ ބަޔަކަށް ވަޒީފާގެ ބިރުދެއްކުން ފަދަ އަމަލުތައް ހިންގަމުންދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެހެންނަމަވެސް މިހާރު އެމަނިކުފާނު ހުންނެވީ ތިމަރަފުށީގައިކަމަށެވެ. އަދި އެ ރަށަކާއި ނުކުޅެވޭނެކަމަށް ރައީސް ސާލިހަށް ދަންނަވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބައެއް ރަށްތަކުގައި އެ ބާވަތުގެ އަމަލުތައް ހިންގައި ރައްޔިތުންނަށް ބިރުދައްކައި ހެދިދާނެކަމަށެވެ. އެހެންނަމަވެސް ތިމަރަފުށިން އިލްޔާސްއަށް އަގުލަބިއްޔަތު ނެގޭނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް ސާލިހަށް ވޯޓު ދޭނެ މީހަކު އެ ރަށަކު ނެތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ތިމަރަފުށިން ރައީސް ސާލިހަށް ވޯޓު ދެއްވާނެ އެންމެ މީހަކު ހުރިނަމަވެސް އެމަނިކުފާނުގެ އަރިހަށް ވަޑައިގެން ވާހަކަދެއްކެވުމަށް ދައުވަތު އަރުވާކަމަށެވެ.

