ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީގެ ދިފާއުގައި އެންމެން ތެދުވާންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ރަށުގެ އާބާދީ އޮޅުވާލި ކަމަށް ސައުދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އެ އޮފީހުން އިއްޔެ ބުނެފައިވަނީ ދޮގު މައުލޫމާތު ދިނުމާއި ދޮގު ހެކި ދިނުމުގެ މައްސަލައިގައި ސައުދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ މި މަހުގެ 19 ގައި ބަލައިގެންފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސައުދުގެ ދިފާއުގައި ނުކުންނަން ގޮވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ތިނަދޫގައި މީހުން އުޅޭ އަދަދަކީ ސަރުކާރުން ވެސް ބަލަހައްޓާ ތަފާސްހިސާބެއް ކަމަށެވެ. އަދި ތިނަދޫ ސިޓީއަކަށް ބަދަލުވީ ޝަރުތުތައް ސަރުކާރުން ބެލުމަށްފަހު ތިނަދޫ ރައްޔިތުން އެގޮތަށް އެދޭތީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވާދަވެރިން ގަބޫލުނުވާ، އެހެންނަމަވެސް ވަރަށް ސާފުކޮށް ރާއްޖޭގެ ރައްޔިތުން ބަލައިގެންފައިވާ ވެރިކަމުގެ ހަމައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މޭޔަރ ސައުދަކީ އެ ހަމައިގެ ރަމްޒެއް ކަމަށް ވިދާޅުވިއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް، އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކުންނެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށް އެ ރަށުގެ އާބާދީ އޮޅުވާލިކަމުގެ ތުހުމަތުގައި މޭޔަރު ސައުދު މި މަހުގެ ކުރީކޮޅު ފުލުހަށް ވެސް ހާޒިރުކުރިއެވެ. އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިނަދޫ ކައުންސިލަށް ވަދެ، ބައެއް ލިޔުންތައް ވެސް މީގެ ކުރިން ގެންދިޔައެވެ. އެ ތުހުމަތުތައް ސައުދު ކުރިން ވަނީ ދޮގު ކުރައްވައިފައެވެ.
އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދިފައި މިވަނީ ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި އިދިކޮޅު ދެ ލީޑަރުން ރައީސް ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ސަރުކާރަަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ މަދުވެގެން 10،000 މީހުންގެ އާބާދީ އޮންނަ ރަށްރަށަށް ކަމަށް ވާއިރު، އޭރު ތިނަދޫގެ އާބާދީއަކީ 8،000 ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ހައިކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް މައްސަލަ ހައިކޯޓުން ބަލައިގެންފައި ނުވެއެވެ. މި ސަރުކާރުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރި ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދު ރައީސް އޮފީހަށް ރައްދުވާ ގޮތަށް އެ މައްސަލަ ހުށަހެޅި ފަހުން އޭނާ މަގާމުން ވެސް ވަކިކުރިއެވެ.

